Advertisement

ބަހަށް ދަތިވާ ގޮތަށް ޕާކު ކޮށްގެން 500 އަށް ވުރެ ގިނަ ވެހިކަލުގައި ސްޓިކާ ޖަހައިފި

11 ސެޕްޓެންބަރު 2022 - 16:59 0

މަގުމަތީގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައިވާ ސައިކަލުތަކެއްގައި ފުލުހުން ސްޓިކާ ޖަހާފައި. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ބަހަށް ދަތިވާ ގޮތަށް ޕާކު ކޮށްގެން 500 އަށް ވުރެ ގިނަ ވެހިކަލުގައި ސްޓިކާ ޖަހައިފި

11 ސެޕްޓެންބަރު 2022 - 16:59 0

މާލޭގައި ފޯރުކޮށްދޭން ފަށާފައިވާ މިނީ ބަހުގެ ހިދުމަތަށް ދަތިވާ ގޮތަށް ޕާކުކޮށްގެން 500 އަށް ވުރެ ވެހިކަލުގައި ސްޓިކާ ޖަހާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މި ސަރުކާރުގެ ދަތުރުފަތުރުގެ ސިޔާސަތުގެ ދަށުން، މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ހިންގަމުންދާ ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރުޓީއެލް) ގެ ދަށުން މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށީ މިދިޔަ ހޯމަ ދުވަހު އެވެ.

ބަސް ދަތުރުކުރާ ރޫޓަށް ފަސޭހަކުރުމުގެ ގޮތުން، ގިނަ މަގުތަކުގައި ޕާކުކުރުމަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެއާއެކު އެކަމަށް އެއްބާރުލުން ދިނުމަށް ފުލުހުން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.

މިނީ ބަހުގެ ހިދުމަތް ފެށި ފަހުން، ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ބަސް ރޫޓަށް ދަތިވާގޮތަށް ޕާކު ކޮށްގެން، މިހާތަނަށް 538 ވެހިކަލްގައި ވަނީ ސްޓިކާ ޖަހައިފަ އެވެ.

މީގެ އިތުރުން، ބަސް ރޫޓަށް ދަތިވާގޮތަށް ޕާކު ކޮށްގެން 30 ސައިކަލަކާއި އެއް ކާރު މިހާތަނަށް ޓޯކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

އަދި ބަސް ރޫޓުގައި ޓްރެފިކަށް ބާރުބޮޑުވާ ސަރަހައްދުތަކުގައި ފުލުހުހް ހަރަކާތްތެރިވަމުންދާނެ ކަމަށާއި، މިކަމަށް ރައްޔިތުންގެ ފަރާތުން އެއްބާރުލުން ދިނުމަށް ފުލުހުން އަނެއްކާވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮންމެ ދުވަހެއްގެ ވެސް ފަތިހު 05:45 އިން ދަންވަރު 12:15 އަށް ބަހުގެ ހިދުމަތް ދިނުމަށް ވަނީ ހަމަޖެހިފައިވާއިރު، މާލޭގެ ތިން ރޫޓަކަށް ބަސް ދަތުރުކުރާނެ އެވެ. ސޯސަން މަގުގެ ރޫޓް އިން އަށް ތަނަކަށް ބަސް މަޑުކުރާނެ އެވެ. އަމީނީ މަގާއި އޯކިޑް މަގުގެ ރޫޓްގައި 18 ތަނަކަށް ބަސް މަޑު ކުރާނެ އެވެ.

މިނީ ބަހުގެ ހިދުމަތް ގާއިމްކުރުމަށް އެމްޓީސީސީން ވަނީ 41 މިނީ ބަސް ގެނެސް، ބަސްތައް ދުއްވަން މުވައްޒަފުން ތަމްރީނުކޮށްފަ އެވެ. ކޮންމެ މުވައްޒަފަކު ވެސް ޑިއުޓީއަށް އަރާނީ ބްރީފިންއަކަށް ފަހު ކަމަށް އެ ކުންފުނިން ބުނެ އެވެ.

މާލޭގައި ބޭނުން ކުރާނީ 18 ބަހެކެވެ. ދެން ހުރި ބަސްތައް ބޭނުންކުރަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، އަދި ލ. އަތޮޅުގަ އެވެ.

މި ހިދުމަތް ފެށިއިރު މާލެ ސިޓީ ކައުންސިލާއި ޕްލޭނިން މިނިސްޓްރީއާ ގުޅިގެން އެމްޓީސީސީން ދަނީ ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަމުންނެވެ. އެގޮތުން، މާލޭގެ ބޮޑެތި މަގުތަކުގެ ޕާކިން ޒޯނުތައް ހުސްކޮށް، ބަސް ދުއްވޭނެ މާހައުލެއް ގާއިމުކުރުމަށް މެދުކެނޑުމެއްނެތި ގެންދަނީ މަސައްކަތް ކުރަމުންނެވެ.