Advertisement

ޕަޕުއާ ނިއު ގިނީއަށް އައި ބާރުގަދަ ބިންހެލުމެއްގައި ފަސް މީހުން މަރުވެއްޖެ

11 ސެޕްޓެންބަރު 2022 - 20:48 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ބިންހެލުމުގެ ސަބަބުން ޕަޕުއާ ނިއު ގިނީގެ ސްކޫލަކަށް ގެއްލުން ލިބިފައި. -- ފޮޓޯ: އޭއެފްޕީ


ޕަޕުއާ ނިއު ގިނީއަށް އައި ބާރުގަދަ ބިންހެލުމެއްގައި ފަސް މީހުން މަރުވެއްޖެ

11 ސެޕްޓެންބަރު 2022 - 20:48 0

އާދީއްތަ ދުވަހު ޕަޕުއާ ނިއު ގިނީއަށް އައި 7.6 މެގްނިޓިއުޑްގެ ބިންހެލުމެއްގައި ފަސް މީހުން މަރުވެ، ބަޔަކަށް އަނިޔާވެއްޖެ އެވެ.

ޕަޕުއާ ނިއު ގިނީގެ އުތުރުގެ އަވަށްތަކުގައި ދިރިއުޅޭ މީހުން ބުނީ އިމާރާތްތައް ވަރަށް ބޮޑަށް ތެޅުނު ކަމަށާއި މަގުތަކުގައި ރެނދުލާފައިވާ ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން ފަރުބަދަ މަތީ ސަރަހަައްދަކުން ފަސް މީހުން މަރުވެފައިވާ އިރު، އަނިޔާވެ ހާލު ގޯސްވެގެން ހަތަރު މީހުންނަށް ދަނީ ފަރުވާދެމުންނެވެ.

ބިންހެލުމުގެ ސަބަބުން ފަރުބަދަ މަަތީ ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެން ގޮސް، އަވަށަކަށް ފަސް އެޅުނު ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ބިންހެލުން އައި ހިސާބާ 480 ކިލޯމީޓަރު ދުރުން ވެރިރަށް ޕޯޓް މޯޒްބީއަށް ވެސް އަސަރު ކުރި އެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ސުނާމީގެ އިންޒާރު ނެރުނު ނަމަވެސް، ފަހުން ވަނީ އިންޒާރު އުވާލާފަަ އެވެ.

އެހެން ނަމަވެސް، ބިރުން ތިބި އާއްމުން ވަނީ އައްސޭރިފަށް ދޫކޮށް އުސް ސަރަހައްދުތަކަށް ބަދަލުވެފަ އެވެ. ބިންހެލުން އައީ ބިމުގެ 61 ކިލޯމީޓަރު އަޑިން ކައިނަންޓޫ އަވަށާ 67 ކިލޯމީޓަރު ދުރުންނެވެ.

ޕަޕުއާ ނިއު ގިނީއަކީ އާއްމުކޮށް ބިންހެލުންތައް ކުރިމަތިވާ ޕެސިފިކް ކަނޑުގެ "ރިންގް އޮފް ފަޔާ" ގައި އޮންނަ ގައުމެކެވެ.

ޕަޕުއާ ނިއު ގިނީގެ އިތުރުން އަވަައްޓެރި އިންޑޮނީޝިއާގެ ސުމަޓްރާގެ ހުޅަނގު އައްސޭރިފަށާ ދިމާލުން ވެސް އާދީއްތަ ދުވަހު ބިންހެލުމެއް އައެވެ.

ދެހާސް ހަތަަރު ވަނަ އެ ސަރަހައްދަށް އައި 9.1 މެގްނިޓިއުޑް ބިންހެލުމުގަައި ރާއްޖެ ހިމެނޭހެން، މުޅި މި ސަރަހައްދުން 220،000 މީހުން މަރުވި އެވެ. އެ ފަހަރުގެ ބިންހެލުމަށް ފަހު ބޮޑު ސުނާމީއެއް ވެސް ކުރިމަތިވި އެވެ.