Advertisement

ޔޫސުފް ނައީމާއެކު ޑޮލަރު ގަތުމުގެ މުއާމަލާތް ޔާމީނަށް ހަމަޖައްސައިދިނީ އަޅުގަނޑު: މުހައްމަދު އިސްމާއީލް

10 ސެޕްޓެންބަރު 2022 - 12:46 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކުރީގެ ރައީސް އަަބްދުﷲ ޔާމީން އާއި ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް: ޔާމީންގެ ދިފާއީ ހެއްކެއްގެ ގޮތުގައި މުހައްމަދު އިސްމާއީލް ޝަރީއަތަށް ހެކިބަސް ދެއްވި - ފޮޓޯ: ރައީސް އޮފީސް


ޔޫސުފް ނައީމާއެކު ޑޮލަރު ގަތުމުގެ މުއާމަލާތް ޔާމީނަށް ހަމަޖައްސައިދިނީ އަޅުގަނޑު: މުހައްމަދު އިސްމާއީލް

10 ސެޕްޓެންބަރު 2022 - 12:46 0

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ދެއްވި އެއް މިލިއަން ޑޮލަރަކީ ޑޮލަރު ގަތުމުގެ މުއާމަލާތަށް ބަދަލު ކުރި ފައިސާ ކަމަށާއި އެ މުއާމަލާތް ހަމަޖައްސައިދެއްވުމުގައި އުޅުއްވި ކަމަށް މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ޔާމީންގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ޔޫސުފް ނައީމްގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާގެ ޝަރީއަތަށް ހެކިބަސް ދިނުމަށް ހާޒިރުވެ ކްރިމިނަލް ކޯޓުގަ އެވެ.

މުހައްމަދު އިސްމާއީލް ވިދާޅުވީ، ބައެއް ވިޔަފާރި އާއި ފައިސާގެ މުއާމަލާތްތައް ހަމަޖެއްސުމުގައި ޔާމީން އަބަދުވެސް އޭނާއަށް ގުޅުއްވާ ކަމަށެވެ. އެ ގޮތުން އެއް މިލިއަން ޑޮލަރު ވިއްކާނެ މީހަކު ހޯދަން 2015 ވަނަ އަހަރުގެ ތެރޭގައި އެމަނިކުފާނު ގުޅުއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގުޅިން ދެން ބައެއް ވިޔަފާރިވެރިންނަށް، ޔޫސުފް ނައީމަށް ވެސް ގުޅީ އެ ގޮތުން، ޔޫސުފް ނައީމަކީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިން ދަންނަ ބޭފުޅަކަށް ވީމަ އެ ވިސްނުމުގައި ގުޅީ،" މުހައްމަދު އިސްމާއީލް ވިދާޅުވި އެވެ.

ޔޫސުފް ނައީމަށް ގުޅުއްވިތާ މާ ގިނަ ދުވަހެއް އޭނާ މުހައްމަދު އިސްމާއީލަށް ގުޅުއްވި ކަމަށް މިއަދު ވިދާޅުވި އެވެ. އަދި އެއް މިލިއަން ޑޮލަރު އޭނާ އަތުގައި އެބަ އޮތް ކަމަށާއި ރައީސް ޔާމީން ނަމަ 15.42 ރ. ގެ ރޭޓުން ޑޮލަރު ވިއްކަން އެއްބަސްވެވަޑައިގެންނެވި ކަމަށެވެ.

"ޔޫސުފް ނައީމް އެ މުއާމަލާތް ނިންމުމަށް ފަހު އަޅުގަނޑަށް ގުޅުއްވާފައި ދެންނެވި. އެ ކަން ނިމިއްޖެ ކަމަށް، އެއަށްވާ ދިވެހި ރުފިޔާ ގަނޑުކޮށް ދެއްވާފައިވާ ކަމަށް، ފަހުން ކޮފީތަކަށް ގޮސް ވެސް އެ ވާހަކަ ދެއްކެވި،" މުހައްމަދު އިސްމާއީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޑޮލަރުގެ މުއާލަމާތް ހަމަޖެއްސެވުމަށް ފަހު އެ ކަން ހިނގައިދިޔަ ގޮތެއް އޭނާ އެ ވަރަށް ނުބަލައްވާ ކަމަށެވެ.

މީގެ އިތުރަށް ރައީސް ޔާމީން ގުޅުއްވި ވަގުތު މުހައްމަދު އިސްމާއީލްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ އޭރުގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) އިންނެވި ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެ ފޯނު ކޯލުގައި ދެއްކި ވާހަކައެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ދެން ނެގީ އަބްދުﷲ ރަޝީދު ނަމަކަށް ކިޔާ މީހެއްގެ ހެކިބަހެވެ. ދިފާއުން ފާހަގަ ކުރާ ގޮތުގައި، ޔޫސުފް ނައީމަށް އެއް މިލިއަން ޑޮލަރަށްވާ 15 މިލިއަން ދިވެހި ރުފިޔާ ޔާމީންގެ ފަރާތުން ގެންގޮސްދިނީ ރަޝީދާއި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އެވެ. ނަރީޝްގެ ހެކިބަސް ވަނީ މިދިޔަ ބުދަ ދުވަހުގަ އެވެ.

ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާ ވަނީ މީގެ ކުރިން ކޯޓުން ނިންމައިފަ އެވެ. ދައުލަތުގެ ފަރާތުން ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ނަންގަވައިފަ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިނގި ބޮޑު ހިޔާނާތުގެ މުއާމަލާތްތަކުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތް ހިމެނޭ ކަމަށް ދައުލަތުން ބުނެ އެވެ. މި ހިޔާނާތުގައި ބައިވެރިވި ކަމަށް އަދީބާއި ޒިޔަތު އެއްބަސްވެ، އެ ކުށުގައި ގެންދަވަނީ ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެވެ. މި ވަގުތު އެ ހުކުމް ތަންފީޒު ކުރައްވަމުން ދެ ބޭފުޅުން ވެސް ގެންދަވަނީ ގޭބަންދުގަ އެވެ.

ޔާމީނަށް ދައުލަތުން ކުރާ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާގައި ވަނީ ވ. އާރަށް ޔޫސުފް ނައީމްގެ ނަމުގައި ހުޅުވި ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކޮށް ޔާމީނަށް އެއް މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ. އަދި އެ ފައިސާ އޮޅުވާލުމަށް ފަހު ލޯންޑަ ކުރި ކަމަށް ދައުވާގައިވެ އެވެ.

ނަމަވެސް ޔާމީނާއި ޔޫސުފް ނައީމް އެ ދައުވާތަކަށް އިންކާރު ކުރައްވަ އެވެ. އަދި ޔާމީނަށް ޔޫސުފް ނައީމް ފޮނުއްވި އެއް މިލިއަން ޑޮލަރަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްގެ ތެރެއިން ހިނގި ކަމެއް ކަމަށާއި އެ މުއާމަލާތާއި އާރަށުގެ މުއާމަލަތާ އެއްވެސް ގުޅުމެއް ނެތް ކަމަށް އެ ދެ ބޭފުޅުން ވިދާޅުވެ އެވެ.