Advertisement

ފަނޑިޔާރުން އައްޔަނުކުރުމާއި ވަކިކުރުމުގެ މަރުހަލާއަށް ގެނެވުނީ ރަނގަޅު ބަދަލުތަކެއް: ޖޭއެސްސީ

11 ސެޕްޓެންބަރު 2022 - 10:18 10

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ފަނޑިޔާރުން އައްޔަނުކުރުމާއި ވަކިކުރުމުގެ މަރުހަލާއަށް ގެނެވުނީ ރަނގަޅު ބަދަލުތަކެއް: ޖޭއެސްސީ

11 ސެޕްޓެންބަރު 2022 - 10:18 10

ފަނޑިޔާރުން އައްޔަނު ކުރުމާއި ވަކިކުރުމާއި ފަނޑިޔާރުންގެ ފެންވަރު ބެލުމުުގެ ނިޒާމަށް ރަނގަޅު ބަދަލުތަކެއް ގެނެވިފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފި އެވެ.

ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް ގާނޫނު އަސާސީން މަތިކޮށްފައި އޮންނަނީ ޖޭއެސްސީއަށެވެ. ނަމަވެސް ނަވާރަވަނަ ރައްޔިތުންގެ މަޖިލީހާ ހަމައަށް، ފަނޑިޔާރެއްގެ މައްސަލަ ބަލައި ވަކިކޮށްފައެއް ނުވެ އެވެ.

ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ހުށަހެޅުމުން އެ މައްސަލަ ބެލުމަށް ފަހު ވަކިކުރަން ޖޭއެސްސީއަށް ފެންނަ ނަމަ ފޮނުވަން ޖެހެނީ ރައްޔިތުންގެ މަޖިލީހަށެވެ. އެއީ ގާނޫނުއަސާސީއާއި ގާނޫނުގައި އެ އިޖުރާއަތު ލިޔެފައި އޮތް ގޮތެވެ.

ފަނޑިޔާރުން އައްޔަނުކުރަން ސިއްރު ވޯޓު ދިނުމުގެ އުސޫލު ނިމުމަކަށް

ފަނޑިޔާރުން އައްޔަން ކުރަން ޖޭއެސްސީން އެކުލަވާލާފައި އޮންނަ ގަވާއިދުތަކުގެ ތެރެއިން ކުރިން އަމަލުކުރަމުން ގެންދިޔަ ގޮތަކީ ސިއްރު ވޯޓަކުން ފަނޑިޔާރުން ހޮވުމެވެ. އެ މަރުހަލާގެ އެއްވެސް ކަމެއް ހާމައެއް ނުކުރެ އެވެ.

ޖޭއެސްސީން ބުނީ ސިއްރު ވޯޓުން ފަނޑިޔާރުން ހޮވުމުގެ އުސޫލު މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ކުރިމަތިލާ ފަރާތްތަކުގެ ނަންތައް ހާމަކުރުމާއި ހޮވިވަޑައިންނަވާ ބޭފުޅަކަށް ލިބުނު އެވެރޭޖް ނަތީޖާއާއި ވަނަވަރު ހާމަކުރަން ޖެހޭގޮތަށް އުސޫލު އިސްލާހުކޮށް އެ އުސޫލަށް މިހާރު އަމަލުކުރަމުން ގެންދެ އެވެ.

އޭގެ އިތުރަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ނީޑް ބޭސްޑް އެޕޮއިންޓްމަންޓްއެއް ހަދަ އެވެ. އެ ގޮތުން ގާޒީންނާއި މެޖިސްޓްރޭޓުން ނެގުމުގައި އެ ސަރަހައްދެއްގެ ކޯޓުތަކަށް މައްސަލަ ހުށަހެޅޭ ނިސްބަތާއި، އަދި މެޖިސްޓްރޭޓް ކޯޓުތަކުގެ މެދުގައި އޮތް ދަތުރު ފަތުރުގެ ނިޒާމަށް ބަލަ އެވެ. މިގޮތަށް އަމަލުކުރުމުން އެންމެ ބޭނުންޖެހިފައިވާ ރަށްރަށަށާއި ކޯޓުތަކަށް ފަނޑިޔާރުން އައްޔަނު ކުރުމަށް އިސްކަންދެވި، އެ އުސޫލު ތަންފީޒުކުރެވޭކަމަށް ޖޭއެސްސީން ބުންޏެވެ.

މި އުސޫލުތައް އިތުރަށް ހަރުދަނާ ކުރުމަށް, ފަނޑިޔާރުން އައްޔަނު ކުރާ އުސޫލު އިތުރަށް ހަރުދަނާކުރުމަށްޓަކައި އުސޫލު މުރާޖާކޮށް އެ އުސޫލު ތަންފީޒު ކުރުމަށް ބޭނުންވާ އެސެސްމަންޓާއި ޓޫލްތައް ކޮމިޝަނުންނާއި އެމެރިކަން ބާ އެސޯސިއޭޝަންއާއި ޔޫއެންޑީޕީގެ އެހީގައި ކުރިއަށް ގެންދާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ސުލޫކީ މައްސަލަ ހުށަހެޅޭ އިޖުރާއަތަށް ލުޔެއް

ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ހުށަހެޅޭނީ ފުރިހަމަ މައުލޫމާތާއެކު އޮތް ފޯމަކުން ކަމަށް އޮތް އުސޫލު ވެސް ވަނީ ބަދަލުކޮށްފަ އެވެ. އަދި އެކިއެކި ޒަރިއްޔާއިން އެއީ ކާކުކަން ނޭނގޭ ގޮތަށް ވެސް އެ ޝަކުވާތައް ހުށަހެޅެ އެވެ.

މި ލުޔާއެކު ފަނޑިޔާރުންނާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތަކުގެ އަދަދު ގިނަވި ނަމަވެސް، އޭގެ ތެރެއިން ބެލެނީ ނިސްބަތުން ވަރަށް މަދު މައްސަލައެކެވެ. ފަނޑިޔާރަކާ ގުޅޭ ގޮތުން ހުށަހެޅޭ ޝަކުވާތަކަކީ ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ސުލޫކީ މައްސަލައެއް ހިމެނޭ ޒާތުގެ ޝަކުވާއެއްތޯ ބެލުމަށް އިބްތިދާއީ މަރުހަލާއެއް ހިންގައި، ކޮމިޓީއަކުން ފާސްކުރުމުން މެނުވީ ފަނޑިޔާރަކާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާއެއް ޖޭއެސްސީން ނުބަލަ އެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މަސައްކަތް ވެސް އަމަލީ ގޮތުން ފެށި، ޕައިލެޓް ޕްރޮޖެކްޓް ޔޫއެންޑީޕީގެ އެހީގައި މިހާރު ފެށިފައިވާ ކަމަށެވެ. އެ މަސައްކަތަށް ބޭނުންވާ އުސޫލާއި ޓޫލްތައް ތައްޔާރުކޮށް ފައިނަލް ކުރުމުން ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީގެ އެކުލެވުން އޮންނަ ގޮތުން ސަރުކާރު ބަދަލުވުމުންނާއި، މަޖިލީހުގެ ދައުރު ބަދަލުވުމުން ޖޭއެސްސީއަށް ބަދަލު އާދެ އެވެ. އެއީ އެ ކޮމިޝަނުގައި ރައީސްގެ މެންބަރަކާއި، ބަންޑާރަ ނައިބާއި، މަޖިލީހުގެ ރައީސާއި، މަޖިލީހުގެ މެންބަރަކާއި، މަޖިލީހުން ކަނޑައަޅާ އާންމުންގެ މީހެއް ހިމެނޭތީ އެވެ.

މިހާރު އެ ކޮމިޝަނުގެ ރައީސް އަކީ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އެވެ. ނަައިބު ރައީސް އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ މެންބަރެއް ގޮތުގައި އިންނަވާ މަސްތޫރު ހުސްނީ އެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވެސް އިންނަވަ އެވެ.