8 ސެޕްޓެންބަރު 2022 - 20:21 1
އައިޝަތު ނުޒުހާ
މާލޭގައި ދުއްވަމުން އަންނަ މިނީ ބަހަކަށް މީހަކު އަރަނީ؛ މި ބަސްތައް ގަތުމުގައި ކޮރަޕްޝަން ހިންގި ކަމަށް ބުނާ ވާހަކަ އެމްޓީސީސީން ވަނީ ދޮގުކޮށްފައި-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
8 ސެޕްޓެންބަރު 2022 - 20:21 1
އާއްމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރަން ސަރުކާރުން ވައުދުވެފައިވާ ގޮތަށް މިނީ ބަހުގެ ހިދުމަތް ދިނުމަށް އެެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) އިން ބަސްތައް ގަތުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނާ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފި އެވެ.
އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނީ ބަސްތައް ގަނެފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް 222 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ކަމަށް ބުނެ "ދިޔަރެސް" ނޫހުގައި ލިޔެފައިވާ ވާހަކަތަކަކީ ހަގީގަތް އޮޅޭ ގޮތަށް، އެ ކުންފުނިން ބަދުނާމު ކުރުމަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ.
"[އެ] ހަބަރުން ރައްޔިތުންގެ ހިތުގައި މި ކުންފުންޏަށާއި، މި ކުންފުނިން ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި، ކުންފުނިން ފޯރުކޮށްދެމުން ގެންދާ އާންމު ދަތުރުފަތުރުގެ ހިދުމަތާމެދު، އުފެދިފައިވާ އިތުބާރާއި، ލޯބި ފަނޑު ކޮށްލަން، ގަސްތުގައި މަސައްކަތް ކޮށްފައިވާކަން އެނގެއެވެ." އެމްޓީސީސީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އަދި، މިއީ ޒާތީ ތައައްސުބް އިސްކޮށް، ސިޔާސީ މަންފާއެއް ހޯދުމުގެ ވިސްނުމުގައި ކޮށްފައިވާ ކަމެއް ކަން ފާހަގަކޮށް އެ ކުންފުނިން ވަނީ މިކަން ވަރަށް ނާތަހުޒީބު އަމަލެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
އެމްޓީސީސީން ބުނި ގޮތުގައި މިނީ ބަހުގެ ހިދުމަތަށް ރައްޔިތުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް އަންނަނީ ލިބެމުންނެވެ.
އާންމު ދަތުރުފަތުރުގެ ނިޒާމު ކުރިއެރުވުމުގެ ގޮތުން ސަރުކާރުން ކުރަން ނިންމާފައިވާ އެންމެ މުހިންމު އެއް އެއް ކަމަކީ މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމެވެ. އެެމްޓީސީސީގެ އާރްޓީއެލް ބަސްތަކުން އެ ހިދުމަތް ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.
މިނީ ބަހުގެ ހިދުމަތް ހޯދަން ފުރަތަމަ ދެ ހަފުތާގައި އެއްވެސް އަގެއް ދައްކާކަށް ނުޖެހެ އެވެ. އެއަށްފަހު، ދަތުރަކަށް ނަގަން ނިންމާފައި ވަނީ 7ރ. އެވެ.
ސްކޫލްތަކުގެ ދަރިވަރުންނާއި، 65 އަހަރުން މަތީގެ މީހުންނާއި، ތިން އަހަރުން ދަށުގެ ކުދިން އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މުޅިން ހިލޭ ދަތުރު ކުރެވެ އެވެ.
މާލޭގެ ތިން ރޫޓަކަށް ބަސް ދަތުރުކުރާނެ އެވެ. ސޯސަން މަގުގެ ރޫޓް އިން އަށް ތަނަކަށް ބަސް މަޑުކުރާނެ އެވެ. އަމީނީ މަގާއި އޯކިޑް މަގުގެ ރޫޓްގައި 18 ތަނަކަށް ބަސް މަޑު ކުރާނެ އެވެ.
މިނީ ބަހުގެ ހިދުމަތް ގާއިމްކުރުމަށް އެމްޓީސީސީން ވަނީ 41 މިނީ ބަސް ގެނެސް، ބަސްތައް ދުއްވަން މުވައްޒަފުން ތަމްރީނުކޮށްފަ އެވެ. ކޮންމެ މުވައްޒަފަކު ވެސް ޑިއުޓީއަށް އަރާނީ ބްރީފިންއަކަށް ފަހު ކަމަށް އެ ކުންފުނިން ބުނެ އެވެ.
މާލޭގައި ބޭނުން ކުރާނީ 18 ބަހެކެވެ. ދެން ހުރި ބަސްތައް ބޭނުންކުރަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، އަދި ލ. އަތޮޅުގަ އެވެ.
Comment