Advertisement

އޮފީސް ގަޑީގެ މޯޅިކަން ފިލުވަން ނަގަންވީ ގިނައިން ކުދި ބްރޭކްތައް

12 ސެޕްޓެންބަރު 2022 - 08:37 0


އޮފީސް ގަޑީގެ މޯޅިކަން ފިލުވަން ނަގަންވީ ގިނައިން ކުދި ބްރޭކްތައް

12 ސެޕްޓެންބަރު 2022 - 08:37 0

އޮފީސް ގަޑީގައި މަސައްކަތުގެ ތެރެއިން ނިކުމެލައި ތާޒާވެލަން ނަގާ ވަގުތުކޮޅު މާ ދިގު ބްރޭކަކަށް ހެދުން ކޮންމެހެން މުހިއްމެއް ނޫނެވެ. އެއަށްވުރެ ބޮޑަށް، އިރު އިރުކޮޅާ ކުދި ނުވަތަ "މައިކްރޯ" ބްރޭކްތައް ނެގުމުން މޫޑު ރަނގަޅަށް ބަހައްޓަން އެހީވެދީ، މަސައްކަތުގެ ފެންވަރު ރަނގަޅުކޮށްދޭ ކަމަށް ދިރާސާތަކުން ވަނީ ދެނެގަނެވިފަ އެވެ.

އެހެންވީމަ ކުރު ބްރޭކެއް ނަގައިގެން ތާޒާވެލަން ބޭނުންވާނީ ކިތަށް މިނެޓުން ހެއްޔެވެ؟

ދިހަ މިނިޓަކީ އެންމެ ރަނގަޅު ވަގުތުކޮޅެކެވެ.

އެކަމަކު މިކަމާ ގުޅިގެން ކުރިން ހެދިފައިވާ ދިރާސާތަކާއި ފަހުގެ ދިރާސާ ތަކާ އަޅާ ބަލާއިރު ބުރަވެވޭ ކަންތައްތަކުގައި ތަފާތުތަކެއް ހުރެ އެވެ. އެކަމަކު، ހުރިހާ ދިރާސާ އަކުން ވެސް ދެނެގަނެވޭ އެއް ކަމަކީ، އޮފީސް ގަޑީގައި ބްރޭކް ނެގުމަކީ މުވައްޒަފުންގެ މަސައްކަތަށް ރަނގަޅު އަސަރު ކުރާ ކަމެއް ކަމެވެ. ހާއްސަކޮށް، އޮފީސް ވަޒީފާ އަދާކުރާނަމަ، މަސައްކަތުގެ ގަޑީގައި ދޭތެރެ ދޭތެރެއިން ކުރު ބްރޭކް ނެގުމަކީ މޫޑު ތާޒާކޮށްދީ، މަސައްކަތުގެ ކޮލިޓީ އަށް ވެސް ހެޔޮ އަސަރުކުރާ ކަމެއް ކަން ވަނީ ދެނެގަނެވިފަ އެވެ.

މައިކްރޯ ބްރޭކް މުހިއްމުވާ ގޮތް

މީހާ ވަރުބަލިވި ވަރަކަށް، މަސައްކަތްކުރުމަށް ކުރަންޖެހޭ ހިއްވަރާއި ލާންޖެހޭ ހަކަތަ އިތުރުވެ އެވެ. މި ހާލަތުގައި ބަލާނީ މަސައްކަތް ފުރިހަމައަށް ނިންމުމުގެ ބަދަލުގައި، ހިއްވަރުކޮށްފައި ކޮންމެވެސް ގޮތަކުން އަވަހަށް ނިންމާލެވޭތޯ އެވެ.

އެހެންވީމަ، ކުރު ބްރޭކެއް ނަގައިގެން، އެއީ އަދި ފަސް މިނިޓްގެ ބްރޭކަކަށް ވިޔަސް، ފުރުސަތު އެ ދެވެނީ ވެފައިވާ ވަރުބަލިކަމުން ހިންދެމިލުމަށެވެ. އެއީ އިށީނދެގެން އިން ތަނުން ތެދުވެގެން ތަންކޮޅަކަށް ހިނގާލުން ކަމަށް ވިޔަސް، ނުވަތަ ކުޑަކޮށް ދެމިލައި ހުޅުތަކަށް ވާންކޮށްލުން ކަމަށް ވިޔަސް، އެ ވަގުތުކޮޅުގައި ސިކުނޑީގެ ފޯކަސް އެހެން ދިމާއަކަށް ބަދަލުކޮށްލަން ފުރުސަތު ލިބެ އެވެ.

އެންމެ ރަނގަޅު ބްރޭކަކަށް ވާނީ ކޮން ކަހަލަ ބްރޭކެއް؟

އެންމެ ރަނގަޅު ބްރޭކް ކަނޑައަޅާނީ އެމީހަކު އަމިއްލަ އަށެވެ. އެކަމަކު ބްރޭކް ދިގުވެގެން ގޮސް އޮފީހުގެ މަސައްކަތް ނުކުރެވި ބުރޫ އަރާ ހިސާބުން އެއީ ދުޅަހެޔޮ ބްރޭކެއްގެ ގޮތުގައި މާނައެއް ނުކުރެވޭނެ އެވެ.

މި ފަހުން ކޮށްފައިވާ ދިރާސާތަކުން އެންމެ ބޮޑަށް ބުރަވެވޭ ގޮތަކީ، އެއް ގަޑި އިރު ކެނޑިނޭޅި މަސައްކަތްކޮށްފައި 15 ވަރަކަށް މިނިޓްގެ ބްރޭކެއް ނެގުމެވެ. އެކަމަކު މަސައްކަތުގައި ހޭދަކުރާ އެއްގަޑި އިރުގެ ތެރޭގައި ވެސް މޯޅިއަށް ދެމިލުމާއި، އެހެން ދިމާލަކަށް ފޯކަސް ގެންދިއުން ނުވަތަ ޑިސްޓްރެކްޓް ވެލުމާއި ކުޑަކޮށް ގޮނޑިން ތެދުވެލުން ފަދަ ކަންކަން ކުރުމަކީ ވެސް ދުލަހެޔޮ ގޮތެކެވެ.

މުވައްޒަފުންނަށް ބްރޭކް ދިނުމަކީ ބައެއް އޮފީސްތަކުން ޖެހިލުންވާ ކަމެކެވެ. އެކަމަކު ފްލެކްސިބިލިޓީ އަކީ އެންމެ ރަނގަޅު އުސޫލެވެ. ތަނުގައި މަަސއްކަތުގެ ރޫހު ޖެއްސުމާއި މުވައްޒަފުންނަށް ދުޅަހެޔޮ ލުއި ދީގެން މަސައްކަތުގެ ކޮލިޓީ އިތުރުކުރުމަކީ ކުރިއަރާފައިވާ ކުންފުނިތަކުގައި މިހާރު އިސްކަންދޭ އުސޫލެވެ.