Advertisement

ޓްރެވަލް އެންޑް ޓްރޭޑް ފެއާ އައިއެމްޓީއެމް 2022 ފަށައިފި

7 ސެޕްޓެންބަރު 2022 - 15:01 0

އަމަން ހަލީމް

އަމަން ހަލީމް

ހެރިޓޭޖް މިނިސްޓަަރު ޔުމްނާ މައުމޫނާއި އެމްއެމްޕީއާރްސީގެ އެމްޑީ ތޮއްޔިބު އައިއެމްޓީއެމްގެ ވިސިޓް މޯލްޑިވްސް ސްޓޯލުގައި: އައިއެމްޓީއެމް ފެއާގައި ބޭރުގެ ޓްރެވަލް އެޖެންސީތަކާއި ޓުވާ އޮޕަރޭޓަރުން ބައިވެރިވޭ. -- ފޮޓޯ:ވިސިޓް މޯލްޑިވްސް


ޓްރެވަލް އެންޑް ޓްރޭޑް ފެއާ އައިއެމްޓީއެމް 2022 ފަށައިފި

7 ސެޕްޓެންބަރު 2022 - 15:01 0

ޓޫރިޒަމް ވިޔަފާރިތަކަށް ހާއްސަކޮށްގެން އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވަލް މާކެޓް (އައިއެމްޓީއެމް)އިން އިންތިޒާމުކުރާ ބައިނަލްއަގުވާމީ ޓްރެވަލް އެންޑް ޓްރޭޑް ފެއާ މިއަދު ފަށައިފި އެވެ.

އައިއެމްޓީއެމް 2022 ގެ ނަމުގައި ބާއްވާ މި ފެއާގައި ބޭރުގެ ބޮޑެތި ޓްރެވަލް އެެޖެންސީތަކާއި ޓުއާ އޮޕަރޭޓަރުންނާ އެކީ ފެށި މި ފެއާގައި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކާއި ލިވްއެބޯޑުތަކުގެ އިތުރުން ދިވެހި ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންގެ މަންދޫބުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އައިއެމްޓީއެމްއިން ބުނި ގޮތުގައި މިއީ ޓޫރިޒަމާ ގުޅުންހުރި ހުރިހާ ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ލިބޭނެ ފެއާއެކެވެ. ހާއްސަކޮށް ބޭރުގެ މާކެޓުތަކުން ޓޫރިސްޓުން ގެންނަން ބޭނުންވާ ވިޔަފާރިތަކަށް ޓޫރިސްޓުން ހޯދައިދޭ މެދުވެރިޔެއްގެ ގޮތުގައި ހަރަކާތްތެރިވާ ކުންފުނިތަކާ މުއާމަލާތްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ބުންޏެވެ.

މި ފެެއާގެ އަނެއް ބޭނުމަކީ ރާއްޖޭގައި މައިސް (މީޓީންސް، އިންސެންޓިވްސް، ކޮންފަރެންސް އަދި އެގްޒިބިޝަން) ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކުރުމެވެ.

އައިއެމްޓީއެމް ފެއާ ފެއްޓުމަށް ބޭއްވި ހަފުލާގައި އައިއެމްޓީއެމްގެ މެނޭޖިން ޑިރެކްޓަރު ޝިއުނާ ހާލިދު ވިދާޅުވި ގޮތުގައި މި މަގުން ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވީ ނަމަވެސް ކޮންފަރެންސް ބާއްވަން ހުރި ތަންތަނުގައި ޖާގައިގެ ދަތިކަމާ ހުރެ މިފަދަ ބޮޑު އިވެންޓެއް ބާއްވަން ހުރި ގޮންޖެހުން ބޮޑެވެ. އަދި މިކަން ހައްލުކުރަން ސަރުކާރުން ކޮންވެންޝަން ސެންޓަރަކަށް އިންވެސްޓުކުރަން އިސްކަންދޭން ގޮވާލެއްވި އެވެ.

މި ފެއާގެ ޑެސްޓިނޭޝަން ޕާޓްނަރުގެ ގޮތުގައި ހަރަކާތްތެރިވާ އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ ތޮއްޔިބު ވަނީ މައިސް ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓު ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. އޭނާ އިތުރަށް ވިދާޅުވީ މި އަހަރު އެކަމަށް ހާއްސަ އިސްކަމެއް ދީގެން އައިއެމްޓީއެމް ފަދަ އިވެންޓުތައް ބާއްވަން ބާރުއަޅަމުންދާ ކަމަށެވެ.

މާލޭގައި ހުންނަ މެންހަޓަން ބިޒްނަސް ހޮޓެލްގައި ކުރިޔަށްދާ އައިއެމްޓީއެމް ފެއާ އޮންނާނީ މާާދަމާ ހަވީރު 5:00 ގެ ނިޔަލަށެވެ.