Advertisement

ކައުންސިލް ހިޔާނާތުގެ ތަހުގީގަށް އޭސީސީގެ ޓީމެއް ދުވާފަރުގައި

6 ސެޕްޓެންބަރު 2022 - 14:18 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރ. ދުވާފަރު ކައުންސިލުގެ ޖަލްސާއެއްގެ ތެރެއިން: އެ ރަށު ކައުންސިލުން ވަނީ ލާމަރުކަޒީ ގާނޫނާއި މާލިއްޔަތު ގާނޫނާ ގަވާއިދާ ހިލާފަށް އެތައް ކަމެއް ކޮށްފައި. -- ފޮޓޯ: ދުވާފަރު ކައުންސިލް


ކައުންސިލް ހިޔާނާތުގެ ތަހުގީގަށް އޭސީސީގެ ޓީމެއް ދުވާފަރުގައި

6 ސެޕްޓެންބަރު 2022 - 14:18 0

ރ. ދުވާފަރު ކައުންސިލުން ލާމަރުކާޒީ ގާނޫނާއި މާލިއްޔަތު ގަވާއިދާ ހިލާފަށް ނަގުދު ފައިސާ ނަގައި ކައުންސިލް މެމްބަރުންނާއި މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ފައިސާ ޖަމާކޮށް ހަރަދުކުރި މައްސަލައިގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުނެފި އެވެ.

ދުވާފަރު ކައުންސިލުގެ މައްސަލަތައް ފެންމަތިވީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ތައްޔާރުކުރި މޮނިޓަރިން ރިޕޯޓެއްގަ އެވެ. މި ރިޕޯޓުގައި ކައުންސިލުން ނުގަވާއިދުން ކުރަމުން އަންނަ ކަންކަމާއި ކޮރަޕްޝަނަށް ފަހިވާ ގޮތަށް ކޮށްފައި ހުރި 34 ކަމެއް ފާހަގަކޮށް، އިސްލާހުކުރަން ލަފާދީފަ އެވެ.

އެ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވަނީ އެލްޖީއޭ އިންނެވެ.

މިކަމާ ގުޅިގެން އޭސީސީގެ ސީނިއާ ކޮމިއުނިކޭޝަން އޮފިސަރު ނިޝާން މުހައްމަދު ދީދީ "އަދަދު"އަށް ވިދާޅުވީ މި މައްސަލައިގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

"އޮގަސްޓް 25 ވަނަ ދުވަހު ދުވާފަރަށް ދިޔަ އޭސީސީގެ ޓީމުން މައްސަލައިގެ ލިޔެކިއުންތައް ބަލައި ދިރާސާ ކުރުމުގެ އިތުރަށް ތަހުގީގަށް ސުވާލުކުރަންޖެހޭ ފަރާތްތަކާ ދަނީ މިހާރު ސުވާލުކުރަމުން،" ނިޝާން ވިދާޅުވި އެވެ.

ދުވާފަރު ކައުންސިލުން ހިންގި ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި ފައިސާއާ ގުޅޭ މައްސަލަތަކުގެ އިތުރުން ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލަށް މަތިކޮށްފައިވާ ޒިންމާ އަދާނުކުރުމާއި އޮންނަ އުސޫލުން ބޭރުން ކަންކަން ކުރުމުގެ އިތުރުން ގާނޫނާއި ގަވާއިދުތަކުގައި ބުނާ ގޮތަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ޖަވާބުދާރީ ނުވާކަން ފާހަގަކުރި އެވެ. އަދި ކޮރަޕްޝަނަށް ފަހިވާ ގޮތަށް ގިނަ ކަންތައްތަކެއް ކޮށްފައި ހުރި ކަން ވެސް ފާހަގަކުރި އެވެ.

ދުވާފަރު ކައުންސިލްގެ މޮނިޓަރިން ރިޕޯޓުން އެނގޭ ގޮތުގައި އުސޫލުން ބޭރުން ކައުންސިލު މެމްބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ކައުންސިލުގެ އެހެނިހެން މުވައްޒަފުންގެ އެކައުންޓަށް ޖަމާކުރި ފައިސާ އާއި ނަގުދު ފައިސާގެ އަދަދު 2.1 މިލިއަން ރުފިޔާއަށް އަރަ އެވެ.

މި ފައިސާ ލިބުނު މީހުންގެ ތެރޭގައި ކައުންސިލުގެ ނައިބު ރައީސުން ފެށިގެން އިސް މުވައްޒަފުންނާއި ކޮންޓްރެކްޓް ސްޓާފުން ވެސް ހިމެނެ އެވެ. އެކަމަކު މި ފައިސާގެ ހަރަދުވީ ގިނަ ކަންކަމުގެ ތަފުސީލެއް ވެސް ލިޔެކިޔުމުން އެނގޭކަށް ނެތެވެ.

އޭގެ އިތުރުން ކައުންސިލު ހިންގަން ކަނޑައަޅާފައިވާ އިދާރީ ހަމަތަކާ އެއްގޮތަށް ކައުންސިލު ނުހިންގާ މައްސަލަތައް ވެސް ގިނަ އެވެ. މި މައްސަލަތަކުގެ ތެރޭގައި ގިނައީ އާ ލާމަރުކަޒީ ގާނޫނަށް އަމަލުކުރަން ފެށި ފަހުން ކައުންސިލުތަކުގެ މައްޗަށް ލާޒިމުކޮށްފައިވާ ކަންކަމެވެ.

ހަމައެހެންމެ މުސާރަ އާއި އިނާޔަތް ދިނުމާއި ޗުއްޓީ ދުވަސްތައް ނެގުމުގައި ވެސް ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވެ އެވެ. ގިނަ ހަފުތާތަކުގައި ކުރާނެ މަސައްކަތެއް ނެތް ކަމަށް ބުނެ ގަވާއިދުން ބާއްވަން ޖެހޭ ޖަލްސާ ވެސް ނުބާއްވަ އެވެ.