Advertisement

އައިލެންޑް އޭވިއޭޝަނަށް ރިސޯޓު ނުހެދިގެން ރުއްތިބިރަށް ޓޫރިޒަމާ ހަވާލުކުރަނީ

6 ސެޕްޓެންބަރު 2022 - 08:48 0

އަމަން ހަލީމް

އަމަން ހަލީމް

ރިސޯޓެއް ހަދަން އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފައިވާ ތ. ރުއްތިބިރަށް: މި ރަށާ އެންމެ ކައިރިން އޮންނަ މީހުން ދިރިއުޅޭ ރަށަކީ ކިނބިދޫ. -- ފޮޓޯ: ގޫގްލް އާތު


އައިލެންޑް އޭވިއޭޝަނަށް ރިސޯޓު ނުހެދިގެން ރުއްތިބިރަށް ޓޫރިޒަމާ ހަވާލުކުރަނީ

6 ސެޕްޓެންބަރު 2022 - 08:48 0

ރިސޯޓެއް ތަރައްގީކުރަން އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފައިވާ ތ. ރުއްތިބިރަށުގައި ރިސޯޓެއް ތަރައްގީ ނުކުރެވޭނެ ކަމަށް ނިންމައި, އެ ރަށް އަނބުރާ ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރުއްތިބިރަށަކީ ތ. ތިމަރަފުށި އެއާޕޯޓް ހިންގަން އައިލެންޑް އޭވިއޭޝަނާ ހަވާލު ކުރުމުން ބަދަލެއްގެ ގޮތުގައި ޖުލައި 2013 ގައި 50 އަހަރުގެ މުއްދަތަކަށް ދޫކުރެވުނު ރަށެކެވެ. އެ ކުންފުނިން މި ރަށް ތަރައްގީކުރަން މެއި 2016 ގައި ހަވާލުކުރީ ސިންގަޕޫރު ބަޔަކާއި ދިވެހިންތަކެއް ހިއްސާ އޮންނަ އެމްއެސްއެން ރިއަލްޓީ މޯލްޑިވްސް ކިޔާ ކުންފުންޏަކާ އެވެ.

އެމްއެސްއެންއާ ހަވާލާދީ އޭރުގެ ހަބަރުތަކުގައިވާ ގޮތުގައި އެ ކުންފުނިން 50 މިލިއަން ޑޮލަރު ހަރަދުކޮށްގެން 7.9 ހެކްޓަރުގެ އެ ރަށުގައި 170 ކޮޓަރި ތަރައްގީކުރާނެ އެވެ. އަދި ރަށް ކައިރީގައި ތިން ޕްރައިވެޓް އައިލެންޑް ވެސް ތަރައްގީކުރާނެ އެވެ. ނަމަވެސް ބިންގާ އެޅުން ފިޔަވައި މިހާތަނަށް އައިއިރު އެ ރަށުގައި ރިސޯޓެއް ތަރައްގީކުރުގެ އަމަލީ މަސައްކަތެއް ނުކުރެ އެވެ.

އެންމެ ފަހުން އައިލެންޑް އޭވިއޭޝަނުގެ ބޯޑުން ވަނީ އެއްބަސްވުމުގައި އޮތް ގޮތަށް ޕާފޯމް ނުކޮށްގެން އެ ކުންފުންޏަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށް ފަހު، އެއްބަސްވުން ބާތިލުކޮށްފަ އެވެ. މިކަން ހާމަވީ އިއްޔެ ކުރިޔަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީ ބައްދަލުވުމުގަ އެވެ.

އެސްއޯއީ ކޮމިޓީން މި މައްސަލަ ބަލަން ފެށީ މި ރަށް ތަރައްގީނުވެ ލަސްވާ މައްސަލަ ބަލަން ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ހުށަހެޅުއްވުމާ ގުޅިގެންނެވެ.

އެ ކޮމިޓީ ބައްދަލުވުމުން އެނގުނު ގޮތުގައި، އައިލެންޑް އޭވިއޭޝަނުން ވަނީ މިހާރު އެ މަސައްކަތް ނުކުރެވޭނެ ކަމަށް ނިންމައި, ރަށް އަނބުރާ ހަވާލުކުރަން ޓޫރިޒަމް މިނިސްޓްރީއާ އެކީ އެ ރަށާ ގުޅޭ ސެޓްލްމަންޓް އެއްބަސްވުމަކަށް އައިސްފަ އެވެ.

މިހާރު ކުރިޔަށް ދަނީ މި އެއްބަސްވުމުގެ ދަށުން ފުރިހަމަކުރަން ޖެހޭ މަސައްކަތްތަކެވެ.