Advertisement

ޕޮގްބާ، ވޯލްޑް ކަޕް އިން ނުފެނުމުގެ ފުރުސަތު ބޮޑު

6 ސެޕްޓެންބަރު 2022 - 08:11 0


ޕޮގްބާ، ވޯލްޑް ކަޕް އިން ނުފެނުމުގެ ފުރުސަތު ބޮޑު

6 ސެޕްޓެންބަރު 2022 - 08:11 0

ޓިއުރިން (ސެޕްޓެމްބަރު 6) - ޕްރީ ސީޒަނުގެ ތެރެއިން ކަކުލަށް ލިބުނު އަނިޔާ އަކުން ރަނގަޅުވެ، ޕްރެކްޓިހާ ގުޅުނުތަނާ އަނެއްކާ ވެސް ކަކުލަށް އަނިޔާއެއްވެ، ޔުވެންޓަސްގެ ފްރާންސް މިޑްފީލްޑަރު، ޕައުލް ޕޮގްބާގެ އޮޕަރޭޝަނެއް ކުރަން ޖެހޭތީ މި ފަހަރުގެ ވޯލްޑް ކަޕްގައި އޭނާ ފެނުމުގެ ފުރުސަތު ކުޑަވެއްޖެ އެވެ.

މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް މި ފަހަރު ހިލޭ ޓްރާންސްފާއެއްގައި ޔުވެންޓަސް އަށް ބަދަލުވި ޕޮގްބާ، 29، ގެ ކަކުލަށް ފުރަތަމަ އަނިޔާވީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ.

އެ ފަހަރު ކަކުލުގެ އޮޕަރޭޝަނެއް ކުރަން ޖެހުނު ނަމަ ޕޮގްބާ އަށް އަންނަ ނޮވެމްބަރު މަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕް ގެއްލޭނެ ކަމަށް ބެލެވުނެެވެ. އެކަމަކު، ނަސީބު ރަނގަޅުވުމުން، ޓެސްޓްތަކަށް ފަހު އޮޕަަރޭޝަނެއް ނުކޮށް ޕޮގްބާ ސަލާމަތްވި އެވެ.

އެހެން ނަމަވެސް އެ ފަހަރު ކަކުލަށް ލިބުނު އަނިޔާއިން ރިކަވާވެ، އިއްޔެ ޔުވެންޓަސްގެ ޕްރެކްޓިހާ ގުޅުނުތަނާ ޕޮގްބާގެ ކަކުލަށް އަނިޔާވުމުން ފެށުމުން މި ފަހަރު ޔުވެންޓަސްގެ މެޑިކަލް ޓީމުން ވަނީ އޮޕަރޭޝަނެއް ކުރަން ޖެހޭނެ ކަމަށް ބުނެފަ އެވެ.

ޕޮގްބާ ކަކުލުގެ އޮޕަރޭޝަނެއް ކުރަން ނިންމާފައިވާކަން ޔުވެންޓަސްގެ ކޯޗު މެސިމޯ އަލެގްރީ ވެސް ވަނީ ކަަށަވަރުކޮށްދީފަ އެވެ.

"ޕޮގްބާ ޓްރެއިނިން އަށް ނުކުމެފައި، އަނިޔާވެގެން ދެން މިހާރު ނިންމާފައި އޮތީ އޮޕަރޭޝަން ކޮށްގެން ކުރިއަށްދާން،" ޗެމްޕިއަންސް ލީގުގައި މިރޭ ޕީއެސްޖީއާ ދެކޮޅަށް ޔުވެންޓަސް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އަލެގްރީ ބުންޏެވެ.

"ބެލެވޭ ގޮތުގައި އޮޕަރޭޝަނަށް ފަހު ޕޮގްބާ އަށް އަލުން ފިޓްވެގެން ދަނޑުމައްޗަށް އާދެވޭނީ ޖެނުއަރީ މަހު،"

ޖެނުއަރީ މަހު ފިޓްވެގެން ޕޮގްބާ އަށް މި ފަހަރުގެ ވޯލްޑް ކަޕްގައި ނުކުޅެވޭނެ އެވެ. ޕޮގްބާ އަކީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ފްރާންސް އިން ހޯދިއިރު، އެންމެ މުހިންމު ރޯލެއް ކުޅުނު އެއް ކުޅުންތެރިޔާ އެެވެ.

ފްރާންސުން މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗު އޮތީ ނޮވެމްބަރު 22 ވަނަ ދުވަހު އޮސްޓްރޭލިއާއާ ދެކޮޅަށެވެ.