Advertisement

ކްރިމިނަލް ކޯޓު ހިންގަން އިމާރާތެއް ހޯދުމަށް ޑީޖޭއޭއަށް ގޮންޖެހުންތަކެއް

5 ސެޕްޓެންބަރު 2022 - 15:51 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކްރިމިނަލް ކޯޓު މިހާރު ހިންގާ އިމާރާތް؛ އިމާރާތް ހަލާކުވެދާއިރު ކޯޓު ހިންގަން ބިމެއް ނޫނީ އިމާރާތެއް ހޯދަން ބަޖެޓެއް ނެތް


ކްރިމިނަލް ކޯޓު ހިންގަން އިމާރާތެއް ހޯދުމަށް ޑީޖޭއޭއަށް ގޮންޖެހުންތަކެއް

5 ސެޕްޓެންބަރު 2022 - 15:51 0

ކްރިމިނަލް ކޯޓު މިހާރު ހިނގަމުންދާ އިމާރާތް ބާވެ ބޭނުން ނުކުރެވޭ ވަރު ވެފައި އޮތުމުން، ވަގުތީ ގޮތުން އެ ކޯޓު ހިންގުމަށް ބިމެއް ހަމަޖައްސައި، ނުވަތަ އިމާރާތެއް ކުއްޔަށް ހޯދަން ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގައި ބަޖެޓް ނެތް ކަން ހާމަކޮށްފި އެވެ.

ކްރިމިނަލް ކޯޓު މިހާރު ހިނގަމުންދާ ހަތަރު ބުރީގެ އިމާރާތް ރައްކާތެރި ނޫން ކަމަށް ގެޑޯ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ތައްޔާރުކުރި ރިޕޯޓެއްގައި ޖޫން 17، 2021 ގައި ފާހަގަކޮށްފައިވެ އެވެ.

އެ ފަހުން މިހާތަނަށް ވެސް އެ ކޯޓު ހިންގާ ކުރީގެ އެސްޓީއޯ އިމާރާތް ބަދަލުކޮށްފައެއް ނުވެ އެވެ. އެ ތަނުގެ ފާރުތަކުގައި ރެނދު އަޅާފައިވާއިރު ސީލިންގުން ފެން ފޭބުން ފަދަ ކަންކަން ދިމާވެ އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މީޑިއާތަކަށް މިއަދު ހިއްސާކުރި ބަޔާނުގައިވާ ގޮތުން، ކޯޓު ކޮމްޕްލެކްސްގެ އިމާރާތް ނިމެންދެކަށް ކްރިމިނަލް ކޯޓު ހިންގާނެ ތަނެއް ހޯދަން އެކި ދުވަސް މަތިން މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.

އެންމެ ފަހުން އެޗްޑީސީއާއެކު ކުރި މަޝްވަރާތަކުގެ ތެރެއިން، ހުޅުމާލޭން ފަސް އަހަރުގެ މުއްދަތަކަށް ނުވަތަ ކޯޓު ކޮމްޕްލެކްސް ނިމެންދެކަށް އަކަފޫޓަކަށް ފަސް ރުފިޔާގެ ރޭޓުން 6275.25 އަކަފޫޓުގެ ބިމެއް ކުއްޔަށް ދެވިދާނެ ކަން އެޗްޑީސީން އަންގާފައިވާ ކަމަށެވެ.

މީގެ އިތުރަށް އެ ބިމުގައި ހަދަން ހުއްދަ ދީފައިވާ އިމާރާތް ބިނާ ކުރަން ޖެހޭނީ ވެސް ޑީޖޭއޭގެ ބަޖެޓުން ކަމަށް އެޗްޑީސީން އަންގާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ނަމަވެސް, ޑީޖޭއޭގެ ބަޖެޓަކީ އެންމެ އެކަށީގެންނުވާ ބަޖެޓެއް ކަމެއް އަބަދުވެސް އެތަނުން ބުނެ އެވެ. އެ ތަނަށް އޮތީ ބަޖެޓްގެ ދަތިކަން ދިމާވެފަ އެވެ. އެހެންވެ, އަމިއްލަ ހަރަދުގައި އިމާރާތެއް ބިނާ ކުރުމަކީ ޑީޖޭއޭއަށް ގޮންޖެހުމަކަށްވާނެ އެވެ.

ކްރިމިނަލް ކޯޓު އެންމެ ފުރަތަމަ ހިންގީ ޖަސްޓިސް ބިލްޑިންގަ އެވެ. އެސްޓީއޯގެ ކުރީގެ އިމާރާތަށް ބަދަލުކުރީ 2015 ވަނަ އަހަރު އެވެ.

މާލެ ސަަރަހައްދަށް މިދިޔަ ދެ ހަފުތާއެއްހާ ދުވަހު ވިއްސާރަކޮށް އޮތް އިރު، ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިންގާ ބައެއް ކޮޓަރިތަކަށް ފެން ފައިބާތީ މިއަދު ބައެއް އަޑުއެހުންތައް ކެންސަލް ކުރަން ވެސް ޖެހުނެވެ.