Advertisement

މިނީ ބަހުގެ ހިދުމަތް ފަށައިފި، ފުރަތަމަ ދެ ހަފުތާ ހިލޭ

5 ސެޕްޓެންބަރު 2022 - 05:59 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މިއަދު ފަތިހު އާރުޓީއެލްގެ މިނީ ބަހެއް ދުއްވާފައި އަންނަނީ. 30 މީހުންގެ ޖާގައިގެ މި ބަސްތައް ކޮންމެ 10 މިނެޓަކުން ބަސް ސްޓޮޕްތަކަށް ދާނެ --- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މިނީ ބަހުގެ ހިދުމަތް ފަށައިފި، ފުރަތަމަ ދެ ހަފުތާ ހިލޭ

5 ސެޕްޓެންބަރު 2022 - 05:59 1

އާންމު ދަތުރުފަތުރުގެ ނިޒާމު ކުރިއެރުވުމުގެ ގޮތުން ސަރުކާރުން ކުރަން ނިންމާފައިވާ އެންމެ މުހިންމު އެއް މަސައްކަތް ކަމަށްވާ މާލޭގައި މިނީ ބަހުގެ ހިދުމަތް ދާދި ދެންމެ ފަށައިފި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ކައިރިން ރަސްމީކޮށް ބަސް ދަތުރުތައް ފަށާފައިވާއިރު ކޮންމެ ދުވަހެއްގެ ވެސް ފަތިހު 05:45 އިން ދަންވަރު 12:15 އަށް ބަސް ދަތުރުތައް އޮންނާނެ އެވެ.

މި ސަރުކާރުގެ ދަތުރުފަތުރުގެ ސިޔާސަތުގެ ދަށުން، މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ހިންގަމުންދާ ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރުޓީއެލް) ގެ ދަށުން ފެށި މި ހިދުމަތް ހޯދަން ފުރަތަމަ ދެ ހަފުތާގައި އެއްވެސް އަގެއް ދައްކާކަށް ނުޖެހޭނެ އެވެ. އެއަށްފަހު، ދަތުރަކަށް ނަގަން ނިންމާފައި ވަނީ 7ރ. އެވެ.


ސްކޫލްތަކުގެ ދަރިވަރުންނާއި، 65 އަހަރުން މަތީގެ މީހުންނާއި، ތިން އަހަރުން ދަށުގެ ކުދިން އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މުޅިން ހިލޭ ދަތުރު ކުރެވޭނެ އެވެ.

މާލޭގެ ތިން ރޫޓަކަށް ބަސް ދަތުރުކުރާނެ އެވެ. ސޯސަން މަގުގެ ރޫޓް އިން އަށް ތަނަކަށް ބަސް މަޑުކުރާނެ އެވެ. އަމީނީ މަގާއި އޯކިޑް މަގުގެ ރޫޓްގައި 18 ތަނަކަށް ބަސް މަޑު ކުރާނެ އެވެ.

މިނީ ބަހުގެ ހިދުމަތް ގާއިމްކުރުމަށް އެމްޓީސީސީން ވަނީ 41 މިނީ ބަސް ގެނެސް، ބަސްތައް ދުއްވަން މުވައްޒަފުން ތަމްރީނުކޮށްފަ އެވެ. ކޮންމެ މުވައްޒަފަކު ވެސް ޑިއުޓީއަށް އަރާނީ ބްރީފިންއަކަށް ފަހު ކަމަށް އެ ކުންފުނިން ބުނެ އެވެ.

މާލޭގައި ބޭނުން ކުރާނީ 18 ބަހެކެވެ. ދެން ހުރި ބަސްތައް ބޭނުންކުރަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، އަދި ލ. އަތޮޅުގަ އެވެ.

މި ހިދުމަތް ފެށިއިރު މާލެ ސިޓީ ކައުންސިލާއި ޕްލޭނިން މިނިސްޓްރީއާ ގުޅިގެން އެމްޓީސީސީން ދަނީ ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަމުންނެވެ. އެގޮތުން، މާލޭގެ ބޮޑެތި މަގުތަކުގެ ޕާކިން ޒޯނުތައް ހުސްކޮށް، ބަސް ދުއްވޭނެ މާހައުލެއް ގާއިމުކުރުމަށް މެދުކެނޑުމެއްނެތި ގެންދަނީ މަސައްކަތް ކުރަމުންނެވެ.