Advertisement

އެއް މިލިއަން ޑޮލަރު ހޯދަން ޔާމީން ކޯޓަށް

3 ސެޕްޓެންބަރު 2022 - 15:03 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އިދިކޮޅު ރިޔާސީ ޓިކެޓު ޔާމީނާ ހަވާލުކުރި ޖަލްސާގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: އަބްދުﷲ އިޔާން


އެއް މިލިއަން ޑޮލަރު ހޯދަން ޔާމީން ކޯޓަށް

3 ސެޕްޓެންބަރު 2022 - 15:03 1

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވަނިކޮށް އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީންގެ އެކައުންޓަށް އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ފައިސާތަކެއް ވަނުމުން، އެކަމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނާ (އޭސީސީ) އެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުޅުވި އެސްކްރޯ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު އަނބުރާ ހޯއްދަން ދައުވާ ކުރުމަށް ތައްޔާރުވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

އެ ފައިސާއަކީ "ސިޔާސީ ހަރަކާތްތަކަށް" ހޯދާފައިވާ ފައިސާ ކަމަށް ޔާމީން ވިދާޅުވި އެވެ. ނަމަވެސް، އެ ފައިސާ ލިބުނު ގޮތް ހާމަކުރައްވަން ދެކޮޅު ހެއްދެވި އެވެ.

އެ މައްސަލައާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަކަށް ޖަމާކުރެއްވި ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެސްކްރޯ އެގްރީމެންޓުގައި މި އޮންނަނީ އެއް އަހަރު ދުވަހުގެ ތެރޭ އޭސީސީއަށް އެއީ ދައުލަތުގެ ފައިސާ ކަމަށް ނުނިންމިއްޖެ ކަމަށް ވަންޏާ، ކަނޑަނޭޅިއްޖެ ކަމަށް ވަންޏާ އެ ފައިސާ އޮޓަމެޓިކަލީ އަޅުގަނޑުގެ އެކައުންޓަށް ޖަމާވާން ޖެހޭނެ ކަމަށް،" ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވި އެވެ.

ނަމަވެސް، އެސްކްރޯ އެކައުންޓް ހުޅުވާފައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެއް އަހަރު ދުވަސްވީ އިރު ވެސް އަދިވެސް އެ ފައިސާ ޖަމާކޮށްދީފައިނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

[އެ މައްސަލައިގައި] އަޅުގަނޑުމެން ބޭންކް އޮފް މޯލްޑިވްސް ގޮވައިގެން ކޯޓަށް ދިޔުމުގެ މަގުމަތީގައި މި އުޅެނީ. އެ ފައިސާއަކީ އަދިވެސް އަޅުގަނޑަށް ޔޫސްކުރަން ލިބިފައި ހުރި ފައިސާއެއް ނޫން،

ޔާމީންގެ މި މައްސަލައިގެ ކުރިން އޭސީސީން ކޮރަޕްޝަންގެ އެއްވެސް މައްސަލައެއްގައި އެސްކްރޯ އެކައުންޓެއް ހުޅުވާފައެއް ނުވެ އެވެ.

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު އެއް ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ފައިސާ ދޮވުނު އެސްއޯއެފް ކުންފުނީގެ ދެ ޗެކަކުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ ޔާމީންގެ އެކައުންޓަށް މިލިއަން ޑޮލަރު ޖަމާކުރުމުން އެ ފައިސާ އޭސީސީއާ ހަވާލުކުރަން ދެކޮޅު ހެއްދެވުމަށް ފަހު، ފަހުން އެސްކްރޯ އެކައުންޓަށް ޖަމާކުރަން އެމަނިކުފާނު އެއްބަސްވެވަޑައިގަތެވެ.

ޔާމީންގެ އެމްއައިބީގައި ހުޅުވާފައިވާ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރީ ނޮވެމްބަރު، 2015 ގަ އެވެ. އެމްއެމްޕީއާރުސީގެ ތަހުގީގު ކުރިއަށްގޮސް ރިޔާސީ އިންތިހާބުގެ ކުރިން ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާ ހަވާލުކުރަން އެދުމުން، އެކަމަށް އެއްބަސްވެ އެސްކްރޯ އެކައުންޓަށް ފައިސާ ލާން ސޮއިކުރީ މާޗް 25، 2018 ގަ އެވެ.

ފަހުން ހާމަވި ގޮތުގައި، ޔާމީން ބީއެމްއެލްގެ އެސްކްރޯ އެކައުންޓަށް ޖަމާކުރީ އެމްއައިބީގެ އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރެއް ނޫނެވެ.

ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގި މަނީ ލޯންޑަރިންގެ ޝަރީއަތުގައި އެމަނިކުފާނުގެ ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި މޫސާ ޒަމީރު ވަނީ އެމަނިކުފާނުގެ އެދިވަޑައިގަތުމަކަށް އެއް މިލިއަން ޑޮލަރު ބީއެމްއެލްގެ އެކައުންޓަށް ޖަމާކޮށްދެއްވި ކަމަށެވެ. ނަމަވެސް، އެއީ ކޮން ބޭނުމެއްގައި ކަމަށް އޭނާ ހާމަކުރައްވާފައެއް ނުވެ އެވެ.