Advertisement

މީރާ ފަޅާލީ ޖަލުން ދޫވިތާ އެންމެ ތިން ހަފުތާ ފަހުން، އޭނާގެ ބަންދަށް 45 ދުވަސް

1 ސެޕްޓެންބަރު 2022 - 11:56 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މީރާ ހިންގާ އިމާރާތް: މީރާ ފަޅާލައި 25 ރ. ވަގަށް ނެގި މައްސަލާގައި މީހަކު ހައްޔަރުކޮށް 45 ދުވަހަށް ބަންދުކޮށްފި


މީރާ ފަޅާލީ ޖަލުން ދޫވިތާ އެންމެ ތިން ހަފުތާ ފަހުން، އޭނާގެ ބަންދަށް 45 ދުވަސް

1 ސެޕްޓެންބަރު 2022 - 11:56 0

ޓެކްސް އިދާރާ، މީރާގެ އޮފީސް މިދިޔަ މަހު ކުރީކޮޅު ފަޅާލައި 25 ރ. ވަގަށް ނެގި މައްސަލާގައި މީހަކު ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 45 ދުވަސް ދިނުމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް އިއްޔެ ކޯޓަށް ހާޒިރުކުރީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ބަންދު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން އެ މީހަކީ 2014 ވަނަ އަހަރުން ފެށިގެން 2022 އަށް އަހަރު ވަން ދެން ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ މީހެކެވެ.

އޭނާ ޖަލުން މިނިވަންވީ ޖުލައި މަހުގެ 19 ވަނަ ދުވަހުގަ އެވެ. މީރާ ފަޅާލައި ވައްކަމެއް ކޮށްފައި އޭގެ 21 ދުވަސް (ތިން ހަފުތާ) ފަހުން، އޮގަސްޓް މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ ދަންވަރެވެ.

ޝަރީއަތުގައި އޭނާ ބުނެފައިވަނީ މުޖުތަމައަށް އެނބުރި އައިސް އަނެއްކާ ވެސް މަސްތުވާތަކެތި ބޭނުން ކުރާ ރައްޓެހިންނާ ޖެހި ވައްކަން ކުރުން ފަދަ ކުށް ކުރެވުނީ ކަމަށެވެ.

އަމީނީ މަގުގައި ހުންނަ ފިނޭންސް މިނިސްޓްރީ ހިންގާ އިމާރާތުގެ އެންމެ ތިރީގައި ހިންގާ މީރާގެ އޮފީހަށް ދަންވަރުގެ ވަގުތެއްގައި މީހަކު ވަނީ އިމާރާތުގެ ފުރަގަހުގެ ކުޑަ ދޮރެއް ތަޅާލައިގެންނެވެ.

މީރާއިން އޭރު ބުނި ގޮތުގައި، މުވައްޒަފަކު އަތުން ގެއްލުނު 25 ރ. ގެ އިތުރުން އެއްވެސް ފައިސާއެއް ނަގާފައެއް ނުވެ އެވެ.

އެ އިމާރާތުގެ މައި ދޮރާށި ކައިރީ ފުލުހުންގެ ޕޯސްޓެއް ވެސް ހުރެ އެވެ. އަދި އެއީ ފުލުހުން 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދެކެވެ.

ޖަލު ހުކުމް ތަންފީޒުކޮށް މިނިވަންވިތާ ތިން ހަފުތާ ތެރޭ ވައްކަމުގެ ކުށެއްގައި އަލުން ބަންދު ކުރިއިރު، ދާދި ފަހުން ދިރާސާއަކުން ވެސް ވަނީ ޖަލު ތެރެއިން ގައިދީން އިސްލާހު ނުކެރެވޭ ކަން ފާހަގަކޮށްފަ އެވެ.

ހޯމް މިނިސްޓްރީއާ ގުޅިގެން ޓްރާންސްޕޭރެންސީން ކުރި މި ދިރާސާއަކީ ކުށްވެރިންނާއި މަސްތުވާ ތަކެއްޗަށް ދެވި ހިފާފައިވާ މީހުން އިސްލާހުކޮށް އަނބުރާ މުޖުތަމައުއަށް ނެރުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަންނަން ކުރި ދިރާސާއެކެވެ.

އެ ދިރާސާގައި ގިނަ މައްސަލަތަކެއް ފާހަގަކޮށްފައި އޮތް އިރު، އެންމެ ބޮޑު އެއް މައްސަލައަކީ ހުކުމް ތަންފީޒު ކުރުމަށް ފަހު މިނިވަންވާ މީހުން އަނެއްކާ ވެސް ކުށެއްކޮށްގެން ޖަލަށް އަނބުރާދާ މައްސަލަ އެވެ.

ނަމަވެސް މިކަމަށް ބާރު ދޭނެ އެއްވެސް ރަސްމީ ތަފާސްހިސާބުތަކެއް ނުބަލަހައްޓާތީ މި މައްސަލައިގެ އަސްލު ހާލަތު ނޭނގޭ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.