Advertisement

ޝާހިދު ވިދާޅުވަނީ އިދިކޮޅުގެ "އިންޑިއާ އައުޓް" ބަލިވެ ރައީސަށް ދެވަނަ ދައުރެއް ލިބޭނެ ކަމަށް

1 ސެޕްޓެންބަރު 2022 - 10:57 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް؛ ރައީސްއަށް ކާމިޔާބުވާނެ ކަމުގެ ޔަގީންކަމާއެކު ޝާހިދު އިންޑިއާ މީޑިއާއަކަށް އިންޓަވިއު ދެއްވައިފި


ޝާހިދު ވިދާޅުވަނީ އިދިކޮޅުގެ "އިންޑިއާ އައުޓް" ބަލިވެ ރައީސަށް ދެވަނަ ދައުރެއް ލިބޭނެ ކަމަށް

1 ސެޕްޓެންބަރު 2022 - 10:57 0

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ ކުރިއަށް ގެންދަވާ "އިިންޑިއާ އައުޓް" ހަރަކާތަށް ތަރުހީބެއް ނެތް ކަމަށާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ކާމިޔާބު ކުރެވޭނެ ކަމަށް އިންޑިއާ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މިނިސްޓަރު ޝާހިދު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، "ދަ ޕްރިންޓް" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިންޑިއާ އަބަދުވެސް އޮންނާނީ ރާއްޖޭގެ އެންމެ ފުރަތަމަ އަދި އެންމެ ގާތް ބައިވެރިޔާ ގޮތުގައި ކަމަށެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވީ އެ ހަރަކާތެއް ސަރުކާރާ ވާދަވެރި ފަރާތްތަކުން ހިނގަމުން ގެންދަނީ، އެ ފަރާތްތަކުގެ ވެރިކަމަށް ފަހު ރައްޔިތުންނަށް ހުށަހަޅާނެ ވަކި ކަމެއް ވެސް ނެތުމުން ކަމަށެވެ.

"އެއީ ދިވެހި ރައްޔިތުންނަށް އޮފާ ކުރާނެ، ހުށަހަޅާނެ ވަކި ކަމެއް ނެތް ބައިގަނޑެއް، އެހެންވެ މިހާރު އޮތް ސަރުކާރާ ދެކޮޅަށް ކީދާނެ ކޮންމެ ވެސް އެހެން އެއްޗަކާ އެކު ނުކުމެގެން އެ ތިބީ،" އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ޝާހިދު ފާޑުވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ރައީސް ސޯލިހްގެ ލީޑާޝިޕުުން މިހާރު އޮތް ދިވެހި ސަރުކާރުން ރަނގަޅު ނަތީޖާތަކެއް ނެރެވި އެ ކަންކަން ދިވެހި ރައްޔިތުން ބަލައިގަނެވެ އެވެ. އެހެންވެ އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި ރައީސް އިތުރު ދައުރަކަށް ދިވެހިން އިންތިހާބު ކުރާނެ އެވެ.

"ރައީސް ސޯލިހް އަލުން އިންތިހާބު ކުރާނެ، ރާއްޖޭގެ ރައްޔިތުން ވަނީ އެމަނިކުފާނުގެ ރަނގަޅު މަސައްކަތްތަކުގެ ހެޔޮ ނަތީޖާއެއް ލިބިފައި، އެމަނިކުފާނުގެ ގާބިލް ލީޑާޝިޕް ދިވެހިން ބަލައިގަންނާނެ،" ޝާހިދު ވިދާޅުވި އެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ އެމްޑީޕީގެ ކެންޑިޑޭޓަކު ކަނޑައަޅަނީ ރިޔާސީ ޕްރައިމަރީއަކުންނެވެ. އެ ޕްރައިމަރީއަށް ރައީސް ސޯލިހުގެ އިތުރަށް، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ.

އެ އިންތިހާބުގައި ވާދަކުރާނެ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ޔާމީން ކަނޑައަޅާފައިވީ ނަމަވެސް އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިޔާނާތުގެ ދައުވާތަކެއްގެ މައްސަލަ ކުރިއަށް އެބަ ދެ އެވެ. އެކަމަކު މި ވަގުތަށް ވާދަކުރުމަށް އެމަނިކުފާނަށް އެއްވެސް ގާނޫނީ ހުރަހެއް ނެތެވެ.