Advertisement

އިރާގުގެ ރިޔާސީ ގަނޑުވަރަށް ވަނުމުން ހިނގި ހަމަނުޖެހުމުގައި 15 މީހުން މަރުވެއްޖެ

30 އޮގަސްޓު 2022 - 14:06 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ރިޔާސީ ގަނޑުވަރަށް ވަތް މީހުން އެ ތަނުގެ ސްވިމިން ޕޫލްގައި.


އިރާގުގެ ރިޔާސީ ގަނޑުވަރަށް ވަނުމުން ހިނގި ހަމަނުޖެހުމުގައި 15 މީހުން މަރުވެއްޖެ

30 އޮގަސްޓު 2022 - 14:06 0

އިރާގުގެ ވެރިރަަށް ބަގްދާދުގައި ޝިއައީ ދީނީ އިލްމުވެރިޔެއްގެ ސަޕޯޓަރުންނާއި ސަލާމަތީ ބާރުތަކާ ދެމެދު ހިނހި ހަމަނުޖެހުމެއްގަައި 15 މީހުން މަރުވެއްޖެ އެވެ.

ހަމަނުޖެހުން ހިނގީ މުގްތަދާ އަލް ސަދްރްގެ ސަޕޯޓަރުން ރިޔާސީ ގަނޑުވަރަށް ވަނުމުންނެވެ. ހާލަތު ކޮންޓްރޯލް ކުރަން އުޅުމުން ހިނގި ހަމަނުޖެހުމުގައި 350 މީހުންނަށް އަނިޔާ ވެސް ވި އެވެ.

ސަދްރްގެ ސަޕޯޓަރުން ގަދަކަމުން ރިޔާސީ ގަނޑުރަވަށް ވަދެފައިވާ އިރު، ހޯމަ ދުވަހުގެ ރޭ ސަދްރް ވަނީ ސިޔާސީ ދާއިރާއިން ރިޓަޔާ ކުރަން ނިންމިކަން އިއުލާން ކުރައްވައިފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހު އޮތް އާއްމު އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ ސަދްރްގެ ކޯލިޝަނުންނެވެ. އެކަމަކު ވޯޓަށް ފަަހު އުފެދުނު ހިޔާލު ތަފާތުވުމާ ހެދި އެ ކޯލިޝަނަށް ވެރިކަމުގެ ބާރުތަކެއް ނުލިބެ އެވެ.

އޭގެ ސަބަބުން ފާއިތުވި އަހަރެއްހާ ދުވަސް ހޭދަވީ ސިޔާސީ ހަލަބޮލިކަމުގަ އެވެ.

ހަމަނުޖެހުން ބޮޑުވުމުން އިރާނުން އިރާގާ ގުޅޭ ބޯޑަރު ބަންދުކޮށްފައިވާ އިރު، ކުވެއިތުން ވަނީ އިރާގުގައި ތިބި އެ ގައުމުގެ ރައްޔިތުން އިރާގުން ފޭބުމަށް އަންގާފަ އެވެ.

ވަގުތީ ބޮޑު ވަޒީރުކަމުގައި ހުންނެވި މުސްތަފާ އަލް ކަދޭމީ ކާފިއު އިއުލާން ކުރެއްވި އެވެ. އަދި ސަދްރްގެ ސަޕޯޓަަރުން ހަމަނުޖެހުން ހުއްޓާލުމަށް އެންގެވުމަށް ސަދްރްއަށް ގޮވާލެއްވި އެވެ.

ރައްދުގައި ސަދްރް ވިދާޅުވީ ހުރިހާ ފަރާތަކުން ވެސް ހަމަނުޖެހުން އުފެއްދުން ހުއްޓާލައި، ހަތިޔާރު ބަހައްޓަން ދެން ބަަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރައްވާނެ ކަމަށެވެ.