Advertisement

މީހުންގެ ވާހަކަ ދެއްކުމުގައި ކިހާ ވަގުތެއް ހޭދަކުރަންތަ؟

28 އޮގަސްޓު 2022 - 08:08 1


މީހުންގެ ވާހަކަ ދެއްކުމުގައި ކިހާ ވަގުތެއް ހޭދަކުރަންތަ؟

28 އޮގަސްޓު 2022 - 08:08 1

މީހުން އެންމެ އަޑު އަހާ ހިތްވަނީ ވެސް، ދައްކާ ހިތްވަނީ ވެސް މީހުންގެ ވާހަކަ އެވެ. ނުވަތަ 'ގޮސިޕް' އެވެ. މީގެ އެއް މިސާލަކީ، ފަންސާހުގެ އަހަރުތަކުގައި ވުޖޫދުވި، ގޮސިޕް އާއި ކްލިކް ބެއިޓް ހަބަރުތަކަށް އިސްކަންދޭ "ޓެބްލޮއިޑް" ތަކަށް މީހުންގެ ފަރާތުން ލިބެންފެށި ޝައުގުވެރިކަމާއި ސަމާލުކަމެވެ.

އެކަމަކު 'ކަން ބަލަން' ޝައުގުވެރި ވަނީ ހަމައެކަނި ހަބަރުތަކާއި ފޮތް ކިޔުންތެރިންނެއް ވެސް ނޫނެވެ. ސައިންސް ބުނާ ގޮތުން "ގޮސިޕް" ނުކުރާ މީހަކު ނުހުންނާނެ އެވެ. ދުވާލަކު އެވްރެޖްކޮށް 52 މިނިޓް، މީހުން، އެހެން މީހުންގެ ވާހަކަ ދެއްކުމުގައި ހޭދަކުރެ އެވެ.

މީހުންގެ އުޅުމާއި އާދަކާދަ ދިރާސާކުރާ ސައިންޓިސްޓުން، ނުވަތަ ސޯޝަލް ސައިންޓިސްޓުން ވަނީ 'ގޮސިޕް' ކުރުމުގެ މި އާދައަކާ ގުޅޭ ދިރާސާތަކެއް ކޮށް، މިކަމުގެ ފަހަތުގައިވާ ސައިންސް ދެނެގަތުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

އެެއް ކަމެއް ޔަގީންވެ އެވެ. އިންސާނުންނަކީ، ތަބީއަތުގައި ވެސް ކަންކަން ހޯދުމާއި ނޭނގޭ މައުލޫމާތު ހޯދައި އެނގިގަތުމަށް ޝައުގުވެރިވާ ބައެކެވެ. އެއާއެކު، މި 'ކެއުމަކަށް' ވެސް ޝައުގުވެރިވެ އެވެ. މިއީ ސޯޝަލް ގުޅުން ދެމެހެއްޓުމަށް ނުވަތަ މީހުންގެ ތެރޭގައި ހިމެނިގެން އުޅުމަށް ވެސް އިންސާނުން ބޭނުންކުރާ އެއް ހަތިޔާރެވެ - އެހެންވީމަ، ވާހަކަ ފެތުރުމަކީ އިންސާނީ ތަބީއަތެވެ.

ގޮސިޕް ކުރުމަކީ ގަދީމީ ޒަމާނުގައި ހުނަރެއްގެ ގޮތުގައި ބަލައިގަތް ކެމެކެވެ. ވާހަކަ ފެތުރުމުގައި ގާބިލު މީހުން މުޖުތަމައު ތެރޭގައި ނަގާކިޔާ ބަޔަކަށް ބެލެވުނެވެ.

ދިވެހި ބަހުގައި "ގޮސިޕް" މާނަކުރަނީ ނެތިމޮށުމަށެވެ. އެއީ މީހެއްގެ ވާހަކަ އެމީހަކު ނެތް ތަނެއްގައި ދެއްކުމެވެ. މިއީ ޕޮޒިޓިވް މާނައަކަށްވުރެ ބޮޑަށް ނެގެޓިވް މާނައެއް ދޭހަވާ ބަހެކެވެ.

އެހެންވީމަ ދެންމެ ހުރިހާ ވާހަކައެއް މި ދެއްކީ ނެތިމޮށުމަށް ހިއްވަރުދިނުމުގެ ބޭނުމުގައެއް ނޫނެވެ.

އެކަމަކު އެނގޭ ހެއްޔެވެ؟ ހުރިހާ '؛ގޮސިޕް' އެއް ނެގެޓިވް ވުން މަޖުބޫރެއް ނޫނެވެ. އެހެންކަމުން މީހުންގެ ވާހަކަ ދައްކާއިރު، ނުވަތަ ވާހަކަ ފަތުރާއިރު ދައްކާ ވާހަކަތަކަކީ ވެސް އަބަދު ނެގެޓިވް ވާހަކަތަކެެއް ނޫނެވެެ. ވަކި ކޮޅަކަށް ބުރަ ނުވެ ދައްކާ ވާހަކަ ވެސް 'ގޮސިޕް' ގެ ތެރޭގައި ހިމެނެ އެވެ.

ސައިންސުން ވެސް މިކަން ވަނީ ދެނެގަނެވިފަ އެވެ. މީހެއްގެ ގޯސް ވާހަކަ ދެއްކުމުގެ ގަސްދުގައި ނުވަތަ މީހަކާ މެދު ގޯސް ހިތެއް އޮތުމުން ވާހަކަ ދެއްކުމުގެ ބަދަލުގައި، ހަމައެކަނި މައުލޫމާތެއް ދިނުމުގެ ގަސްދުގައި ވެސް ބައެއް މީހުން މީހުންގެ ވާހަކަ ދައްކަ އެވެ.

އެހެންވީމަ، އެންމެން ވެސް ގޮސިޕް ކުރާކަން މި އޮތީ އެނގިފަ އެވެ. އެކަމަކު އެންމެ ގިނައިން ގޮސިޕް ކުރަނީ ކޮންބައެއް ހެއްޔެވެ؟ ސައިންސްގެ ހެއްކާ އެކު މިއަށް ޖަވާބެއް ދޭނަމަ، އެންމެ ގިނައިން މީހުންގެ ވާޙަކަ ދައްކަނީ، ނުވަތަ ވާހަކަ ފަތުރަނީ އަންހެނުންނެވެ.