Advertisement

ސިންގަޕޫރުގެ ސަފީރު ކަމަށް ތަސްމީން އައްޔަނުކޮށްފި

25 އޮގަސްޓު 2022 - 13:11 2

ނިމާ ހަސަން

ނިމާ ހަސަން

ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާ ސަފީރު ކަމަށް ތަސްމީން އައްޔަނުކޮށް، އޭނާއަށް ވަނީ މަގާމުގެ ފަތްކޮޅު އަރުވަފައި -- ފޮޓޯ: ރައީސް އޮފީސް


ސިންގަޕޫރުގެ ސަފީރު ކަމަށް ތަސްމީން އައްޔަނުކޮށްފި

25 އޮގަސްޓު 2022 - 13:11 2

ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާ ސަފީރު ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ތަސްމީން އަލީ އައްޔަނު ކުރައްވައިފި އެވެ.

އޭނަ އެ މަގާމަށް އައްޔަނުކޮށް، މަގާމުގެ ފަތްކޮޅު އަރުވާފައި ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ތަސްމީނަކީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ސަރުކާރުގެ ފަހު ދައުރުގައި ހޯމް މިނިސްޓަރަކަށް ހުންނެވި ބޭފުޅާ އެވެ. މައުމޫނަށް ނާކާމިޔާބު ވެވަޑައިގެންނެވި، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ ރަނިން މޭޓަކީ ވެސް ތަސްމީނެވެ. އޭރު މައުމޫނު އިސްކޮށް ހުންނަވައިގެން އުފެއްދެވި ޑީއާރްޕީގެ ލީޑަރުކަން ވެސް ތަސްމީނު ކުރެއްވި އެވެ.

އޭނާ ފަހުން ވަނީ މިހާރު ވެރިކަންކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.

ސިންގަޕޫރުގެ ސަފީރު ކަމަށް ތަސްމީނު އައްޔަން ކުރީ، އެ މަގާމުގައި ހުންނެވި އިބްރާހިމް ޝިހާބު އިންޑިއާގެ ސަފީރު ކަމަށް ބަދަލު ކުރުމަށްފަހު އެވެ.

ސިންގަޕޫރުގެ ސަފީރު ކަމަށް ތަސްމީނު އައްޔަންކުރިއިރު، އޭނާގެ އަނބިކަނބަލުން ވިޝާމް އަލީ ވަނީ ދާދި ފަހަކާ ޖެހެންދެން މެލޭޝިޔާ ސަފީރުކަމުގެ މަގާމު ފުރުއްވާފަ އެވެ. 2019 ވަނަ އަހަރުން ފެށިގެން މެލޭޝިޔާ ސަފީރު ކަމުގައި ހުންނެވުމަށްފަހު ވިޝާމް އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އޭޕްރީލް މަހު އެވެ.