Advertisement

ކޮންގްރެސްގައި ވޯޓު ނަގާއިރު، ދެ ރައީސުންގެ ކުއްލި މަޝްވަރާއެއް

21 އޮގަސްޓު 2022 - 14:42 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ކޮންގްރެސްގައި ވޯޓު ނެގުން ކުރިއަށްދަނިކޮށް ދެ ރައީސުން ސްޓޭޖު މަތީގައި މަޝްވަރާ ކުރައްވަނީ. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ކޮންގްރެސްގައި ވޯޓު ނަގާއިރު، ދެ ރައީސުންގެ ކުއްލި މަޝްވަރާއެއް

21 އޮގަސްޓު 2022 - 14:42 0

އެމްޑީޕީގެ ކޮންގްރެސްގައި އާންމު ވޯޓަކުން ވޯޓު ނެގުމަށް ހުށަހެޅި ހުށަހެޅުމާމެދު މިވަގުތު ވޯޓު ނެގުމުގެ މަސައްކަތް ކުރަމުންދާއިރު، ޕާޓީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކުއްލި މަޝްވަރާއެއް ކުރައްވައިފަ އެވެ.

މިދިޔަ ހުކުރު ދުވަހު ސޯޝަލް ސެންޓަރުގައި ފެށި ކޮންގްރެސްގައި ދެ ރައީސުންގެ މެދުގައި މާ ގިނަ ވާހަކަތަކެއް ދެކެވުނު މަންޒަރެއް ފެނިފައެއް ނުވެ އެވެ.

ނަމަވެސް، އެމްޑީޕީގެ ކޮންގްރެސްގައި އާންމު ވޯޓެއް ނަގަން އާންމު މެމްބަރަކު ހުށަހެޅި ހުށެހެޅުމަކާ ގުޅިގެން ގޮތެއް ނިންމުމަށް ވޯޓު ނެގުން ކުރިއަށް ދަނިކޮށް، ދެ ރައީސުން ވަނީ އެ ދެ ބޭފުޅުންގެ ފެކްޝަނަށް ނިސްބަތްވާ އިސް ބޭފުޅުންނާއެކު މަޝްވަރާ ކުރައްވަން ފައްޓަވައިފަ އެވެ.

އޭގެ ފަހުން ދެ ރައީސުން ވަނީ ސްޓޭޖު މައްޗަށް އަރައިވަޑައިގެން، ރިޔާސަތުގައި އިންނެވި ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްއާ ވެސް މަޝްވަރާ ކުރައްވައިފަ އެވެ.

ކުޑައިރުކޮޅަކު މަޝްވަރާ ކުރައްވަން ތިއްބެވުމަށްފަހު، ދެ ރައީސުން މަޝްވަރާ ކުރެވުނު ކަމަށް އެއްބަސްވެވުނުކަން ދޭ ހަވަވާ ގޮތަށް ސަލާމް ކުރައްވައިފަ އެވެ. އެއާއެކު އެ ވަގުތު ހޯލްގައި ތިބި ގިނަ ކޮންގްރެސްމަނުން ވަނީ އަޑުގަދަކޮށް ތަރުހީބު ދީފަ އެވެ.

ދެ ރައީސުންނާއި ޗެއާޕާސަން މަޝްވަރާ ކުރައްވަނީ. -ފޮޓޯ: މުހައްމަދު ޝަރުހާން


ދެ ރައީސުން މަޝްވަރާ ކުރެއްވީ ކޮން ކަމަކާ ކަމެއް އަދި ސާފު ނުވެ އެވެ. ނަމަވެސް، ނަޝީދު އޭގެ ކުޑަ ވަގުތުކޮޅެއް ކުރިން ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ސިއްރު ވޯޓެއް ނަގަން ތާއީދުކުރައްވާ ކަން ހާމަކުރައްވައިފަ އެވެ.

ބެލެވޭ ގޮތުގައި ދެ ބޭފުޅުން އެއްބަސްވެވަޑައިގަތީ ސިއްރު ވޯޓެއް ނެގުމަށެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގައި ވެސް ބުނަނީ އެ ޕާޓީގެ ކޮންގްރެސްއަށް ހުށަހަޅާ ހުށަހެޅުންތަކާމެދު ގޮތް ނިންމާނީ ސިއްރު ވޯޓަކުން ކަމަށެވެ. އެ ނޫން ގޮތަކަށް ނޫނީ އާންމު ވޯޓެއް ނެގޭނީ، ސިއްރު ވޯޓެއް ނަގައިގެން އެ ގޮތަށް ފާސްވުމުން ކަމަށް ވެސް އަސާސީ ގަވައިދުގައި ބުނެ އެވެ.

ގަރާރުގެ ބަހުސް އޮތީ ކުރިއަށް

ސިއްރު ވޯޓެއް ނަގަން ދެ ރައީސުން އެއްބަސްވެވަޑައިގެންފައިވާ ކަމަށް ބެލެވޭއިރު، މިއަދު މެންދުރުފަހަށް ނަޝީދު ހުށަހެޅުއްވި ގަރާރާ ގުޅޭ ގޮތުން މަޝްވަރާ ކުރުން އެބަ އޮތެވެ.

ރާއްޖޭގެ ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް, ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރެއްގެ ވޯޓަކަށް ނުގޮސް އިންތިހާބު ކާމިޔާބު ކުރެވޭނެ މަގެއް ކަނޑައަޅެމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީ ކޮންގްރެސްއަށް ނަޝީދު ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްގެ ތާއީދާއެކު އެވެ.

ޕާޓީގެ ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރުގައި ވަނީ ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ ބަދަލުތައް ފާހަގަކޮށްފަ އެވެ. އެގޮތުން، ސަރުކާރުގެ އެންމެ އިސްވެރިއަކީ މަޖިލީހުގެ ތެރެއިން އިންތިހާބުކުރާ ބޮޑުވަޒީރު ކަމަށާއި ދައުލަތުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނާނީ ރައްޔިތުންގެ މެދުގައި ނަގާ ރިޔާސީ ވޯޓަކުން ހޮވޭ މީހެއް ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

އަދި، ބޮޑުވަޒީރާއި ރައީސްގެ ބާރުތައް ކަނޑައެޅުމަށާއި މަޖިލީހުގެ ދާއިރާތައް ތަމްސީލުވާނެ ގޮތްތަކާއި މަޖިލިސް އިންތިހާބުގައި ސިޔާސީ ޕާޓީތަކުން ހޯދާ ވޯޓުގެ ނިސްބަތަށް ބަލައި، ހާއްސަ ކުރެވޭ "ނެޝަނަލިސްޓު ލިސްޓު"ގެ މެންބަރުން ހިމެނޭ އުސޫލު ކަނޑައެޅުމަށް ވެސް ހުށަހަޅައިފަ އެވެ.

މީގެ އިތުރުން ވަޒީރުންގެ މަޖިލިސް ކަނޑައަޅާނީ މަޖިލިސް މެންބަރުންގެ ތެރެއިން ކަމަށާއި ސުޕްރީމް ކޯޓަށް ފަސް ފަނޑިޔާރުން އައްޔަން ކުރުމުގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލެވިފައިވާ ގޮތް ބަދަލުކުރުމުގެ އިސްލާހު ވެސް ގެނައުމަށް ގަރާރުގައި ހިމަނާފައިވެ އެވެ.