Advertisement

ފެކްޓް ޗެކް: ޔާމީން ވިދާޅުވި އެއް ލައްކައާ ގާތަށް ވެސް ވަޒީފާ ނުއުފެއްދޭ

21 އޮގަސްޓު 2022 - 12:12 2

އަމަން ހަލީމް

އަމަން ހަލީމް

އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް: ދެ ސަރުކާރުގައި ވެސް ގިނައިން ވަޒީފާ އުފައްދާފައިވަނީ ސަރުކާރު ކުންފުނިތައް ބޭނުންކޮށްގެން. -- ފޮޓޯ: އަދަދު ފައިލް


ފެކްޓް ޗެކް: ޔާމީން ވިދާޅުވި އެއް ލައްކައާ ގާތަށް ވެސް ވަޒީފާ ނުއުފެއްދޭ

21 އޮގަސްޓު 2022 - 12:12 2

ޕީޕީއެމްގެ ވެރިކަމުގައި ޒުވާނުންނަށް އެއް ލައްކަ ވަޒީފާ އުފެއްދެވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ނަމަވެސް އެ އަދަދަށް ވަޒީފާ އުފެދިފައި ނުވާކަން ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ޓިކެޓާ ހަވާލުވެވަޑައިގަންނަވަން ބޭއްވި ޖަލްސާގައި، މި ސަރުކާރުން ޒުވާނުންނަށް އިހުމާލުވެފައިވާ ކަމަށް ވިދާޅުވަމުން ޔާމީން ވަނީ އެ މަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި އެއް ލައްކަ ވަޒީފާ އުފެއްދެވި ކަމަށް ވިދާޅުވި އެވެ.

ޔާމީން މިހެން ވިދާޅުވި ނަމަވެސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި 2013 ވަނަ އަހަރުގެ ނިޔަލަށް ޕެންޝަނަށް ރަޖިސްޓްރީކޮށްފައިވާ މަސައްކަތްތެރިންގެ އަދަދަކީ 77،240 އެވެ.

ޔާމީންގެ ވެރިކަމުގެ ދައުރު ހަމަވި 2018 ގެ ނިޔަލަށް ރަޖިސްޓްރީކޮށްފައިވަނީ 95،087 މަސައްކަތްތެރިންނެވެ.

މި އަދަދުތަކުން ދައްކާ ގޮތުގައި ޔާމީންގެ ރިޔާސީ ދައުރުގައި ދިވެހި ވަޒީފާގެ ބާޒާރަށް އިތުރުވީ 17،847 ވަޒީފާ އެވެ. މިއީ މި ސަރުކާރު އައިފަހުން ނިމުނު ތިން އަހަރުގެ ތެރޭގައި އިތުރުވީ 18،634 ވަޒީފާއަށް ވުރެ ވެސް މަދު އަދަދެކެވެ.

ދައުލަތުގެ އިތުރުން އަމިއްލަ ފަރާތްތަކުން ވަޒީފާދޭއިރު، ޕެންޝަނަށް ރަޖިސްޓްރީ ކުރުމަކީ ގާނޫނުން ލާޒިމު ކަމަކެވެ. އެއާއެކު ރާއްޖޭގެ ވަޒީފާގެ ނިސްބަތް ބެލުމަށް ބޭރުގެ އެކިއެކި އިދާރާތައް ވެސް ހިމެނޭ ގޮތަށް، ބޭނުންކުރަނީ ޕެންޝަން އޮފީހުގެ ތަފާސްހިސާބެވެ.

ރާއްޖޭގައި ވަޒީފާ އުފެދުނު އަދަދު -- އިންފޯގްރެފިކްސް: މުހައްމަދު އިސާމް ސާމިރު / އަދަދު


ޔާމީން ވިދާޅުވާ އަދަދަށް ވަޒީފާ ނުއުފެއްދުނު ނަމަވެސް އެ މަނިކުފާނުގެ ވެރިކަމުގެ ދުވަސްވަރު ވަޒީފާ އުފެއްދި ނިސްބަތް ރަނގަޅެވެ.

އެގޮތުން ފަސް އަހަރުގެ ތެރޭގައި އެވަރެޖުކޮށް ކޮންމެ އަހަރަކު ފަސް ޕަސެންޓުގައި ވަޒީފާތައް އިތުރުވި އެވެ. އަދި ވަޒީފާ ނެތް މީހުންގެ ނިސްބަތް ވެސް ހުރީ ފަސް ޕަސެންޓުގައި ހިފެހެއްޓިފަ އެވެ.