Advertisement

ރިސޯޓު މުވައްޒަފުންނަށް ނައިޓަށް ދެވޭ ކަމަށް ނަޝީދު ވިދާޅުވުމުން ޓީމްގެ ރައްދު؛ 90 ޕަސެންޓަށް ނުދެވޭ

20 އޮގަސްޓު 2022 - 16:29 0

އަމަން ހަލީމް

އަމަން ހަލީމް

ރިސޯޓު މުވައްޒަފުންތަކެއް: ކައިރި ރަށްރަށުގައި އުޅޭ މުވައްޒަފުންނަށް ނައިޓަށް ދެވޭ ގޮތް ހެދުމަކީ އެމްޑީޕީގެ ވައުދެއް. --


ރިސޯޓު މުވައްޒަފުންނަށް ނައިޓަށް ދެވޭ ކަމަށް ނަޝީދު ވިދާޅުވުމުން ޓީމްގެ ރައްދު؛ 90 ޕަސެންޓަށް ނުދެވޭ

20 އޮގަސްޓު 2022 - 16:29 0

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީން ދެއްކި "އެޖެންޑާ-19" މެނިފެސްޓޯގައި ރިސޯޓު މުވައްޒަފުންނަށް ވެފައިވާ ވައުދުތައް ފުއްދިފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ޓޫރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އިން އެ ވާހަކަތައް ދޮގުކޮށް ރައްދު ދީފި އެވެ.

އެމްޑީޕީގެ ކޮންގްރެސް ފެށުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި ނަޝީދު ވަނީ މިނިމަމް ވޭޖު ކަނޑައެޅި ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހިންނަށް ނައިޓަށް ގެޔަށް ދެވޭ ގޮތް ވެއްޖެ ކަމަށް ވިދާޅުވެފަ އެވެ. އަދި, ސާވިސް ޗާޖު ނަގަން ޖެހޭ ގޮތަށް ގާނޫނަކުން މަޖުބޫރުކުރުމާ ގުޅުވާ ވިދާޅުވީ މިހާރު 700 ޑޮލަރު ގެއަށް ނުގެންދާ މުވައްޒަފަކު ނުހުންނާނެ ކަމަށް ވިދާޅުވެފަ އެވެ.

"މިނިމަމް ވޭޖް ކަނޑައެޅިއްޖެ، ނައިޓަށް ގެއަށް ދެވޭ ގޮތް ވެއްޖެ، ރެސޯޓް ފަހަރުގައި މަސައްކަތްކުރާ މީހުނަށް އެމީހުންގެ ސާވިސްޗާޖް ފުރިހަމައަށް ލިބޭ ގޮތް ވެއްޖެ. ހަތްސަތޭކަ ޑޮލަރު ގެއަށް ނުގެންދާ، އިރާދަކުރެއްވިއްޔާ އެންމެ ކުއްޖެއް ވެސް މިހާރު ނެތް،" ނަޝީދު ވިދާޅުވި އެވެ.

މި ވާހަކަތަކަށް ރައްދު ދެމުން ދިވެހި ޓޫރިޒަމް މަސައްކަތްތެރިންގެ ޖަމިއްޔާ، ޓީމްގެ ރަސްމީ ފޭސްބުކް އެކައުންޓުތަކުން ކުރި ޕޯސްޓެއްގައި ބުނީ އެމްޑީޕީގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ގިނަ ކަންކަން ނުވާ ކަމަށެވެ.

އެގޮތުން, ޓީމްއިން ބުނި ގޮތުގައި ރިސޯޓު މުވައްޒަފުންގެ 90 ޕަސެންޓަށް ޑިއުޓީ ނިންމާފައި ރަށަށް ނުދެވެ އެވެ. އަދި ބައެއް ރިސޯޓުތަކުން ރިސޯޓުގައި އޮފް ނަގަން އަދިވެސް މަޖުބޫރުކުރަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކުރި އެވެ.

އޭގެ އިތުރުން ބިދޭސީން މިނިމަމް ވޭޖުން މަހުރޫމު ކުރުމުން "އައުޓްސޯސްކޮށްގެން" މިނިމަމް ވޭޖު ނުދީ "އަޅުންގެ" ގޮތުގައި ގެންގުޅުމާއި، ސާވިސް ޗާޖާއި ޓެކްސްއަށް މަކަރު ހެދުމާއި ގަވާއިދާ ހިލާފަށް މުސާރަ ނުދީ އިތުރު ވަގުތު މަސައްކަތްކުރުން އިތުރުވެ، މިނިމަމް ވޭޖުގެ ސަބަބުން ލިބެންޖެހޭ މުސާރައިގެ ކުރިއެރުން ބައެއް މުވައްޒަފުންނަށް ނުލިބޭ ކަމަށް އެ ޖަމިއްޔާއިން ލިޔެފައިވެ އެވެ.

މި މައްސަލަތަކަކީ މީގެ ކުރިން ވެސް ޓީމުން ސަމާލުކަމަށް ގެނެސްފައިވާ މައްސަލަތަކެވެ. އެހެން ނަމަވެސް މިކަންކަން ބަލަން ހަވާލުކުރެވިފައިވާ ޓޫރިޒަމް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީގެ ޒިންމާ އަދާނުކުރާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެ އެވެ.

ޓީމުން އެ ބުނާ ގޮތަށް، ގިނަ ރިސޯޓުތަކުން އަދިވެސް ނައިޓަށް ގެޔަށް ދެވޭ އިންތިޒާމުތަައް ހަމަޖައްސާފައި ނުވާ ކަމަށާއި ބިދޭސީން ގެންގުޅޭ މައްސަލައިގެ ކަންބޮޑުވުން ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ފާޅުކޮށްފައިވެ އެވެ.

އެކަމަކު ޓޫރިޒަމް މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި ރަސްމީ ސިފައެއްގައި އެ މިނިސްޓްރީއަށް ލިބިފައިވަނީ މަދު ޝަކުވާއެކެވެ. އަދި, މިގޮތަށް ލިބޭ ޝަކުވާތަކަށް އިޖާބަދީ، ބަރާބަރަށް މިނިސްޓްރީން ފިޔަވަޅުއަޅަމުންދާ ކަމުގެ ޔަގީންކަން ދެ އެވެ.