Advertisement

ދިހަ ސިކުންތު ޗެލެންޖް؛ ގަވާއިދުން ބެލެންސް ކުރަން ފަރިތަކުރަންވީ ކީއްވެ؟

20 އޮގަސްޓު 2022 - 07:06 0


ދިހަ ސިކުންތު ޗެލެންޖް؛ ގަވާއިދުން ބެލެންސް ކުރަން ފަރިތަކުރަންވީ ކީއްވެ؟

20 އޮގަސްޓު 2022 - 07:06 0

ބެލެންސް ޓްރެއިނިން އަކީ ކަސްރަތާއި ދުޅަހެޔޮކަމުގެ ވާހަކައިގައި އާންމުކޮށް ނުދެކެވޭ، އެކަމަކު މުހިއްމުކަމާ މެދު ހޭލުންތެރިކަން އިތުރުކުރަންޖެހޭ ބައެކެވެ. ބަލިތަކާ ދުރުން، ހަށި ހެޔޮ ދިގު އުމުރެއް ހޯދަން ކުރާ މަސައްކަތުގައި ކޮލިޓީ އިތުރުކޮށްދޭނެ ކަމެކެވެ.

މި ހިމަނާލަނީ ގަވާއިދުން ބެލެންސް ޓްރެއިނިން ހެދުމުގެ މުހިއްމުކަމާއި އޭގެ ފައިދާތަކުގެ ވާހަކަ އެވެ. އެކަމަކު، މި ތަފްސީލަކަށް ދިއުމުގެ ކުރިން، ސުރުހީގައި ބުނެފައި އެވާ 10 ސިކުންތުގެ ޗެލެންޖު ފުރިހަމަކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ހެއްޔެވެ؟

10 ސިކުންތު ޓެސްޓުން ބުނެދޭނެ ކަންކަން

އުމުރުން ދުވަސްވާ ވަރަކަށް މީހާގެ ހަކަތަ އާއި ބެލެންސް ކުރުމުގެ ބާރު ދަށްވެ އެވެ. މީގެ ސަބަބުން ހަށިގަނޑުގެ ވަރުދެރަވެ އެވެ. ވެއްޓިގެން ލިބޭ އަނިޔާތަކަކީ އުމުރުން ދުވަސްވާ މީހުންގެ މެދުގައި ގިނަ، އަދި ބަލި އެނދަށް މީހާ ގެންގޮސްދިނުމުގެ އެއް މެދުވެރިއެވެ. އެހެންވީމަ، 10 ސިކުންތުގެ މި ބެލެންސް ޓެސްޓުން އުމުރުގެ ދުޅަހެޔޮ މިންވަރު އަންދާޒާކުރަން ޑޮކްޓަރުންނަށް އެނގޭނެ އެވެ.

ހާވާޑް ޔުނިވާސިޓީގެ މައުލޫމާތަށް ބަލާއިރު، ބެލެންސްކުރުމުގައި މައްސަލަ ދިމާވާން މެދުވެރިވާ ސަބަބުތަކެއް ހުރެ އެވެ. އޭގެ ތެރެއިން ގިނައީ އުމުރުން ދުވަސްވުމާ ގުޅިފައިވާ ކަންކަމެވެ. މިސާލަކަށް، ލޮލުގައި ފުސް ހުރުމުގެ ސަބަބުން ސާފުކޮށް ފެނުމަށް ހުރަސްއެޅިފައިވުން ނުވަތަ ފައިން ސިކުނޑިއަށް ފޮނުވާ ނާރުތަކުގެ ސިގްނަލް ލަސްވުން ފަދަ ސަބަބުތަކާ ހެދި މީހާގެ ބެލެންސަށް އަސަރުކުރެ އެވެ. އުމުރުން ދުވަސްވުމުގެ ސަބަބުން މީހާއަށް އަންނަ ބައެއް ބަދަލުތައް އައުން ނުހުއްޓެވުނަސް، އެ ބަދަލުތަކުގެ ސަބަބުން ހަށިގަނޑުގެ ބެލެންސަށް ކުރާ ގޯސް އަސަރު، ބެލެންސް ޓްރެއިނިން އިން ވަރަށް ބޮޑުތަން ލަސްކޮށްދޭނެ އެވެ. ނުވަތަ ކުޑަކޮށްދޭނެ އެވެ.

"ބޭރަށް ނުގޮސް، ނުހިނގައި، ކަސްރަތު ނުކޮށް އަބަދު ގޭގައި އިންނަ މީހަކަށް މީގެ އަނެއްކޮޅު. ބެލެންސް ޓްރެއިނިން ނުހަދައި ކަސްރަތު ނުކުރާނަމަ ހަށިގަނޑު ދާނީ ބަލިކަށިވަމުން. ގައިގެ މަސްތައް ދާނީ ބަލިކަށިވަމުން. މިއީ ވެސް ވެއްޓި އަނިޔާތައް ލިބޭ އެއް ސަބަބު،" ހާވާޑް ޔުނިވަސިޓީގެ ޕްރޮފެސާ އޮފް މެޑިސިން، ލުއިސް ލިޕްސިޒް އިންޓަވިއު އެއްގައި ބުނެފައިވެ އެވެ.


މެޑިކަލް ދާއިރާގެ ރިސާޗަރުން، ބެލެންސްކުރުމުގެ ގާބިލުކަން ހުރި މިންވަރު، ދިރިހުންނަ އުމުރު އަންދާޒާކުރުމަށް ބަލައެވެ. ބިން މަތީގައި އޮވެފައި ނުވަތަ އިށީނދެ އިނދެފައި ކޮޅަށް ތެދުވެ، އެއްފައި މައްޗަށް ކޮޅަށް ހުރުމަށްފަހު 30 ސިކުންތު ވަންދެން އެއް ލޯ މަރައިގެން ހުރެ ބެލެންސް ކުރުމުން ފެށިގެން ފަސޭހަ މިނެއްގައި ހިނގުން ފަދަ ކަސްރަތު ކުރުމަކީ އުމުރުން ދުވަސްވާ ވަރަކަށް ދުޅަހެޔޮ އުމުރެއްގައި ގިނަ ދުވަހު ދަމަހައްޓާނެ ކަމެއް ކަމަށް ގަބޫލުކުރެ އެވެ.

އެހެންވީމަ، ފައިގެ މަސްތަކާއި ހަށިގަނޑުގެ މަސްތައް ދުޅަހެޔޮކޮށް ގިނަ ދުވަހު ދަމަހައްޓަން ކަސްރަތާ އެކު ބެލެންސް ޓްރެއިނިން މުހިއްމެވެ. ބެލެންސް ރަނގަޅުކުރަން ގޭގައި ކުރެވިދާނެ ކަސްރަތުތަކެއް ވެސް ހުރެ އެވެ. ރަނގަޅު ގޮތުގައި މި ކަސްރަތުތައް ކުރާނެ ގޮތް އެކަމުގެ އިލްމު އެނގޭނެ މީހެއް ނުވަތަ ޑޮކްޓަރެއްގެ ކައިރިން އޮޅުންފިލުވުމަކީ އެކަމަކު އެންމެ ރައްކާތެރި ގޮތެވެ.