Advertisement

ޗެއާޕާސަން ފައްޔާޒް އެދުނީ ނިޒާމާ ބެހޭ ގަރާރަށް ރަނގަޅަށް ބަހުސްކުރަން

19 އޮގަސްޓު 2022 - 23:26 0

ނިމާ ހަސަން

ނިމާ ހަސަން

ޗެއާޕާސަން ފައްޔާޒު މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: ބަރުލަމާނީއަށް ރަނގަޅަށް ބަހުސް ކުރެއްވުމަށް އެދިވަޑައިގެންނެވި - ފޮޓޯ: އެމްޑީޕީ


ޗެއާޕާސަން ފައްޔާޒް އެދުނީ ނިޒާމާ ބެހޭ ގަރާރަށް ރަނގަޅަށް ބަހުސްކުރަން

19 އޮގަސްޓު 2022 - 23:26 0

މިރޭ ފެށި އެމްޑީޕީގެ ކޮންގްރެސްގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ބެހޭ ގޮތުން ހުށަހަޅާފައިވާ ގަރާރަށް ރަނގަޅަށް ބަހުސްކޮށް، ރަނގަޅު ނަތީޖާތަކެއް ނެރުމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އެދިވަޑައިގެންފި އެވެ.

މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި އެމްޑީޕީ ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ފައްޔާޒް ވަނީ އެމްޑީޕީ ތެރޭގައި އޮތް ހިޔާލުތަފާތުވުންތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަ ދައްކަވާފަ އެވެ. އޭނާ ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް ކަންކަން ރަނގަޅު ކުރުމަށް ވަކާލާތުކުރާ އަދި ޕާޓީ ތެރޭގައި ގޯސްކޮށް ހުރި ކަންކަން ރަނގަޅު ކުރުމަށް މިނިވަންކަމާއެކު ވާހަކަ ދެއްކޭ ޕާޓީއެއް ކަމަށެެވެ.

ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ ބަހުސް ކުރުމާއި ޒުވާބު ކުރުމުގެ މިނިވަންކަން އޮވެމެ، ޕާޓީއާއެކު ކުރިއަށް ދެވޭކަން ކަމަށެވެ.

"ބައެއް ބޭފުޅުން ވިދާޅުވާނެ އަޅުގަނޑުމެން ޑްރާމާ ކުޅެނީއޭ. އަޅުގަނޑުމެންގެ ވަޓްސްއެޕް ގްރޫޕުގެ ވާހަކަ ދައްކާނެ ބައްލަވާ!، އެއީ އަޅުގަނޑުމެން ބޭނުންވާ ގޮތް އެކަން ކުރަން. އަޅުގަނޑުމެން ބޭނުން މިނިވަންކަމާއެކު އަޅުގަނޑުމެން ބޭނުން ވާހަކައެއް ދައްކައިގެން ނަތީޖާ ހާސިލުކުރަން," ފައްޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން ނަތީޖާ ހާސިލު ކުރަމުން ދަނީ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް އެކަންކަން ކުރާނީ އެގޮތަށް ކަމަށެވެ. ފައްޔާޒް އިތުރަށް ވިދާޅުވީ އެމްޑީޕީ ތެރޭގައި ޑްރާމާ ކުޅޭނީ ކަމުގައި ހީވި ނަމަވެސް, އެއީ ޕާޓީތެރޭގައި ގުޅުން އޮންނަ ގޮތެއް ނޫން ކަމަށެވެ. އަދި ހިޔާލު ތަފާތުވުންތަކަށް ޖާގަ ދީގެން، އެންމެން ގުޅިގެން އަބަދުވެސް މަސައްކަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަރުލަމާނީއާމެދު ދެ ރައީސުންގެ ހިޔާލު ތަފާތު

ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމް ބަދަލުކުރުމަށް ނަޝީދު ގަރާރެއް ހުށަހަޅުއްވާފައިވާއިރު, ރައީސް ސޯލިހު ވަނީ އެ ގަރާރު އަނބުރާ ގެންދިޔުމަށް އެދިވަޑައިގެންފަ އެވެ. ނަމަވެސް, އެ މަސައްކަތް ކުރިއަށް ގެންދަވަމުން ނަޝީދު މިރޭ ވެސް ވަނީ ބަރުލަމާނީގެ މުހިންމު ކަމުގެ ވާހަކަ ދައްކަވާފަ އެވެ.

މިރޭ ކޮންގްރެސް ފެށުމަށް ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ 2023 ވަނަ އަހަރަށް އަހަރަށް ދާއިރު މިހާރު އޮތް އިއްތިހާދު މިގޮތުގައި އޮންނާނެ ކަމަށް ދެކިއްޖެ ނަމަ, އެ ތިބެވެނީ އަވާމެންދުރެއްގައި ކަމަށެވެ.

"...މިއީ 2018 ވަނަ އަހަރެއް ނޫން, އެ ދުވަހު އަޅުގަނޑުމެން އިންތިހާބަށް ނުކުތްއިރު ވާދަވެރި ހުރިހާ ސިޔާސީ ލީޑަރުން ތިބީ ހައްޔަރުކޮށްފައި, ހަމައެކަނި ހުންނެވީ ރައީސް ޔާމީން ގިނިކަންޏާ, މިއަަދު ތިޔަބޭފުޅުންގެ މަސައްކަތުން ރާއްޖޭގެ ވެރިކަން އަނެއްކާވެސް އަމާން ކުރެވިއްޖެ, ސިޔާސީ މަސައްކަތް ހިންގުމުގެ ފުރުސަތު ހޯއްދަވައިފި," ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީއާއެކު ސަރުކާރު ހިންގާ ކޯލިޝަނުގައި ތިބި ކޯލިޝަންގެ ހުރިހާ ލީޑަރުން ވެސް މިހާރު އެ ތިބީ މިނިވަންކޮށް ކަމަށާއި އެ ބޭފުޅުން އެ ގެންދަވަނީ ބުރަކޮށް 2023 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި މަސައްކަތް ކުރަމުން ކަމަށެވެ.

ކޯލިޝަނާމެދު ޔަގީންކަން ނެތްއިރު ނަޝީދު މިރޭ ވިދާޅުވި ގޮތުގައި, އެމްޑީޕީ އެކުގައި އެކީގަ ތިބެ އިންތިހާބާ ކުރިމަތިނުލައިފިނަމަ, ޕާޓީއަށް ލިބެން އޮތް މިންވަރު ވަރަށް ބޮޑަށް ކުޑަވެގެން ދާނެ އެވެ.

"...އެހެންކަމުން އިއްޒަތްތެރި ރައީސް, ރައީސްގެ އަރިހުން އަޅުގަނޑު އެދެނީ މި ޕާޓީގެ ހުރިހާ މެންބަރުން އެކުގައި ބައިތިއްބައިގެން ކުރިއަށް ވަޑައިގެންނެވުން, އެ މަގުން ނޫން ގޮތަކަށް އަޅުގަނޑުމެންނަށް ހަގީގަތުގައި ކާމިޔާބު ހޯދޭކަށް ނެތް," ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ހިޔާލުތަފާތުވުން އޮއްވައި، އެންމެނަށް ހުރިހާ ކަމެއްގައި އެއްބަސްނުވެވޭނެ ކަމަށެވެ. އެހެންކަމުން އޮތް "ހަމައެކަނި ގޮތަކީ، ހިޔާލު ތަފާތުވުންތަކާ، ތަފާތު ހިޔާލުތަކާއެކުގާ ކުރިޔަށް ދިޔުން" ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އެމްޑީޕީގާ ހިޔާލު ތަފާތުވުންތަކަށް ޖާގަ އޮންނާނެ. އަދި ތަފާތު ހިޔާލުތަކަށްވެސް ޖާގަ އޮންނާނެ. ބައެއް ކަންތައް ތަކަކީ އެންމެންނަށް އެއްބަސްވެވޭ ކަންތައްތައް. ނެއްބައި ކަންތައްތަކަކީ، އެއްބަސް ނުވެވޭ ކަންތައް ތަކަށް ވެދާނެ. ނަމަވެސް އޮތް ހަމައެކަނި ގޮތަކީ، ހިޔާލު ތަފާތުވުންތަކާ، ތަފާތު ހިޔާލުތަކާއެކުގާ ކުރިޔަށް ދިޔުން. ދިވެހިރާއްޖެއާ ދިވެހީންނަށް އުފާވެރި މާދަމާއެއް ގެނެސްދިނުމަށް އަޅުގަނޑުމެން އެކުވެގެން ދިއްލި، މިދަންމަރުގެ އުޖާލާކަން އެންމެ ހިނދުކޮޅަކަށްވެސް ފަނޑުވެ، ނިވުނަ ދީގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ.