Advertisement

ބަރުލަމާނީއަށް ޕާޓީގެ 10 ޕަސެންޓު ތާއީދު ވެސް ނުލިބޭނެ؛ ޕާޓީ ބައިބައި ނުވާނެ: ފައްޔާޒު

18 އޮގަސްޓު 2022 - 19:23 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ކޮންގްރެސްއަށް ރަށްރަށުން އައި މަންދޫބުންނަށް ޕާޓީގެ ލީޑާޝިޕުން މަރުހަބާ ކިޔަނީ-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ބަރުލަމާނީއަށް ޕާޓީގެ 10 ޕަސެންޓު ތާއީދު ވެސް ނުލިބޭނެ؛ ޕާޓީ ބައިބައި ނުވާނެ: ފައްޔާޒު

18 އޮގަސްޓު 2022 - 19:23 1

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ތެރޭގައި ވެސް ބަރުލަމާނީ ނިޒާމް ރާއްޖެއަށް ގެންނަން ތާއީދު ނެތް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ގާތްގަނޑަކަށް 1،100 އެއްހާ މެމްބަރުންނާ އެކު، ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ އެމްޑީޕީގެ ކޮންގްރެސްގައި އެންމެ ބޮޑަށް ބަހުސް ކުރެވޭނެ ކަމަށް ބެލެވެނީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ބަރުލާމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ހުށަހަޅުއްވާފައިވާ ގަރާރަށެވެ.

ނަމަވެސް, މިހާރު އެމްޑީޕީގެ ތެރޭގައި ރިޔާސީ ނިޒާމާ އެކު ކުރިއަށް ދާން ބޭނުންވާ މީހުން ވެސް ގިނަ އެވެ. އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވަނީ ނަޝީދުގެ ގަރާރު އަނބުރާ ގެންދެވުމަށް އެދިވަޑައިގެންފަ އެވެ.

ކޮންގްރެސްގެ ބައިވެރިން މާލެ އައުމުން އެމީހުން މަރުހަބާ ދެންނެވުމަށް ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވި ގޮތުގައި އެމްޑީޕީ ތެރޭގައި ބަރުލަމާނީ ނިޒާމެއް ބެނުންވާ ބަޔަކު އުޅުނު ނަމަވެސް, އެ ތާއީދު ވަރަށް ކުޑަ އެވެ.

"އަޅުގަނޑު އަންދާޒާ ކުރާއިރު އަޅުގަނޑު ނުދަންނަވާނަން 10 ޕަސެންޓު ވެސް ބަރުލަމާނީއަށް ތާއީދު އޮތް އެމްޑީޕީގެ ތިބި ކަމަކަށް، އަދި މުޅި ރާއްޖެއަށް ބަލާއިރު އަޅުގަނޑު ނުބުނާނަން އެއާ ވެސް ކައިރި ކުރާނެ ކަމަކަށް،" ފައްޔާޒް ވިދާޅުވި އެވެ.

ރައްޔިތުން މިކަމުގައި ބޭނުންވާ ގޮތް ސާފުކަން ފާހަގަކުރައްވައި އޭނާ އިތުރަށް ވިދާޅުވީ "ވަކި ބޭފުޅަކު އެހެން ހިތަށް އެރިއޭ ކިޔާފައި" ނިޒާމީ ވޯޓަކަށް ނުދެވޭނެ ކަމަށެވެ.

ކޮންގްރެސްއަށް ރަށްރަށުން އައި މަންދޫބުންނަށް މަރުހަބާ ކިޔުން-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ކޮންމެ ގޮތަކަށް ކޮންގްރެސްއިން ފާސް ވިޔަސް އެމްޑީޕީއަކީ ބައިބައިވުން އުފެދޭ ވަރަށް ވުރެ ސިޔާސީ ގޮތުން މާ "މެޗުއާ" ޕާޓީއެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އުފެދިގެން އުޅެނީ ފަލްސަފާގެ ހިޔާލުތަފާތުމެއް ނޫން ކަން ވެސް ފާހަގަކުރެއްވި އެވެ.

"ކޮންމެވެސް އެކައްޗެއް މޮޅުވާނީ، ދެން ދަށް ވާ ބަޔަކު ނޫނީ މޮޅުވާ ބަޔަކު މީގެއިން ދާން ވީމާ އެއީކީ ނޫން އަޅުގަނޑުމެން ޑިމޮކްރެސީގެ ނަމުގައި މިކުރަމުން އައި މަސައްކަތަކީ، ހިޔާލުތަފާތުވުންތަކުގައި މޮޅުވާ ބަޔަކާއެކީގައި ކުރިއަށް ޖެހޭނީ ދާން،" ފައްޔާޒު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ޕާޓީ ތެރޭގައި އެހާ ބޮޑު ބައިބައިވުންތަކެއް އަންނާނެ ކަމަކަށް، ކޮންމެ ގޮތަކަށް ނިމިގެން ދިޔަސް،"

އުންމީދަކީ ފޯރިގަދަ ކޮންގްރެސްއެއް ފެނުން

ކޮންގްރެސް މާދަމާ ރޭ ފަށާއިރު، ފައްޔާޒް ކޮންގްރެސް ސިފަ ކުރެއްވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ފެށުންގެ ކަމުގަ އެވެ. ކުރިމަތިވި ގިނަ ގޮންޖެހުންތަކާއެކުގައި ވެސް އެ ޕާޓީގެ އާ ލީޑާޝިޕްގެ އަމާޒަކީ ފޯރިގަދަ ކޮންގްރެސްއެއް ފެނިގެން ދިއުމެވެ.

"ރަނގަޅު ޖަލްސާއެއް އަޅުގަނޑުމެންނަށް ބޭއްވޭނެ، އެ ގުޅުންތައް ބަދަހި ކުރެވޭނެ، އުންމީދަކީ މީގެ ތެރެއިން ނިކުމެގެންދާއިރު އަޅުގަނޑުމެންގެ ތެރޭގައި ހުރި؛ އަޅުގަނޑުމެންނަކީ ވަރަށް އޯޕަން ޕޮލިޓިކަލް ޕާޓީއެެއް، ކޮންމެ އެއްޗެއް ވެސް ކޮންމެ މީހަކު ވެސް ބުނާ ޕާޓީއެއް، އެއީ އަޅުގަނޑުމެން ބޭނުންވާ ވެސް ގޮތް،" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި މިވަގުތު ޕާޓީ ތެރޭގައި ހިޔާލުތަފާތުވުންތައް ހުރިނަމަވެސް, އެއީ ސިޔާސީ ހަރަކާތަކަށް މުހިންމު އަދި ބޭނުންތެރި ކަމެކެވެ.

ކޮންގްރެސްއަށް ރަށްރަށުން އައި މަންދޫބުންނަށް މަރުހަބާ ކިޔުން-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


"ދެން އަޅުގަނޑު ދެކެން ވެސް މެ އަދި އަޅުގަނޑު އުންމީދު ވެސް ކުރަން ކޮންގްރެސް ފޯރިގަދަވާނެ ކަމަށް، އެހެންވީމާ އޭގެ ތެރެއިން ނިންމާލުމުގައި އަޅުގަނޑު އުންމީދުކުރަނީ ރަނގަޅު ނަތީޖާތަކަކާ އެއްކޮށް ގުޅުންތަކެއް ބަދަހިވެގެން އެކިއެކި ކަންބޮޑުވުންތަކާ ބެހޭ ގޮތުން ވާހަކަ ދެކެވި [ކޮންގްރެސް ކުރިއަށް ދާނެ ކަމަށް]," އޭނާ ވިދާޅުވި އެވެ.