Advertisement

ގޭމް ކުޅެގެން ނަފްސާނީ ދުޅަހެޔޮކަމަށް ލިބޭ ބޮޑު ގެއްލުމެއް ނެތް: ފަހުގެ ދިރާސާ

18 އޮގަސްޓު 2022 - 07:00 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


ގޭމް ކުޅެގެން ނަފްސާނީ ދުޅަހެޔޮކަމަށް ލިބޭ ބޮޑު ގެއްލުމެއް ނެތް: ފަހުގެ ދިރާސާ

18 އޮގަސްޓު 2022 - 07:00 0

ގޭމް ކުޅުމަކީ ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާ ކަމެއް ކަމަށް މިހާތަނަށް ގަބޫލުކުރެވުނަސް، މިކަމާ ގުޅިގެން ހެދި ފަހުގެ ދިރާސާ އިން ބުނެދެނީ އެގޮތެއް ނޫނެވެ. ގާތްގަނޑަކަށް 40،000 ގޭމާސް ހިމަނައިގެން އޮކްސްފޯޑް ޔުނިވަސިޓީން އެންމެ ފަހުން ހެދި ދިރާސާގެ ނަތީޖާއިން އެނގުނީ ގޭމް ކުޅެން ހޭދަކުރާ ވަގުތާއި ނަފްސާނީ ދުޅަހެޔޮކަމާ މާ ބޮޑު ގުޅުމެއް ނެތް ކަމަށެވެ. ގޭމް ކުޅެގެން ނަފްސާނީ ދުޅަހެޔޮކަމަށް ލިބޭ ގެއްލުމެއް ވެސް ނެތް ކަމަށެވެ.

ސާވޭގެ ބޭނުމަށް، 38،935 ގޭމާސް ދެ ހަފުތާ ވަންދެން އޮބްޒާވް ކުރުމަށްފަހު ގޭމް ކުޅެން ހޭދަކުރާ ވަގުތުގެ ސަބަބުން އެ މީހުންނަށް ނަފްސާނީ ގޮތުން އަންނަ ބަދަލުތަކާ ގުޅުވައިގެން ސުވާލުތައް ކޮށްފައިވެ އެވެ. ގޭމް ޕަބްލިޝާސްގެ ތެރޭގައި ހިމެނޭ ސޮނީ، މައިކްރޮސޮފްޓް އަދި ނިންޓެންޑޯ އިން ވަނީ މި ގޭމާސްގެ ހުއްދައާ އެކު، އެމީހުން ގޭމް ކުޅެން ހޭދަކުރާ ވަގުތުގެ މައުލޫމާތު ވެސް ހިއްސާކޮށްފަ އެވެ. ސާވޭގައި ހިމަނާފައިވަނީ، އެނިމަލް ކްރޮސިން: ނިއު ހޮރައިޒަން އާއި އޭޕެކްސް އާއި ލެޖެންޑްސް އަދި އީވް އޮންލައިން އާއި ފޯޒަ ހޮރައިޒަން 4 ގެ އިތުރުން އަދި އިތުރު ދެ ގޭމެއް ގަވާއިދުން ކުޅޭ މީހުންނެވެ.

ދެ ހަފުތާގެ އޮބްޒަވޭޝަނަކަށް ފަހު އެކުލަވާލާފައިވާ ދިރާސާއަކަށް ވާތީ، މި ދިރާސާ އިން ގޭމް ކުޅުމުގެ ދިގު މުއްދަތުގައި ކުރާ އަސަރު ދެނެގަނެވިފައެއް ނުވެ އެވެ. މި ނަތީޖާއިން ދެނެގަނެވިފައި ވަނީ ގޭމް ކުޅެން ހޭދަކުރާ ވަގުތުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ކުރު މުއްދަތުގައި ކުރާ އަސަރުތަކެވެ.

މި ނަތީޖާއެއް މިގޮތަށް ލިބުނު އިރު، ވީޑިއޯ ގޭމް ކުޅުމުން ލިބޭ ގެއްލުންތަކަށް ސަމާލުވުމަށް މިހާތަނަށް އައީ މުޅި ދުނިޔޭގައި ވެސް ފުޅާ ދާއިރާއެއްގައި ހިތްވަރުދެމުންނެވެ. ބައެއް ގައުމުތަކުގައި ޕޮލިސީ ލެވެލްގައި މިކަމަށް ފިޔަވަޅުތަކެއް ވެސް ކަނޑައަޅާފައިވެ އެވެ. ޗައިނާ ގައި ކުޑަކުދިންނަށް ގޭމް ކުޅެވޭ ގަޑި އޮންނަނީ، ހަފުތާއަކު ތިން ދުވަހު، ޖުމްލަ ތިން ގަޑި އިރަށް ކުޅެވޭ ގޮތަށް ލިމިޓްކޮށްފަ އެވެ. ޖަޕާނުގައި ވެސް މިފަދަ އުސޫލަކަށް އަމަލުކުރެ އެވެ.

އެހެން ނަމަވެސް ގިނަ ގޭމާސް ގަބޫލުކުރާ ގޮތުގައި ގޭމްކުޅުމަކީ އެ މީހުންނަށް ނަފްސާނީ ގޮތުން ދުޅަހެޔޮވުމަށް އެހީވެދޭ ކަމެކެވެ.

އެހެން ނަމަވެސް، ވަކި މިންވަރަކަށްވުރެ ގިނައިން، މިސާލަކަށް، ދުވާލަކު 10 ގަޑި އިރަށް ނުވަތަ އެއަށްވުރެ ގިނަ އިރު ގޭމް ކުޅޭ މީހެއްގެ މައްޗަށް މި ނަތީޖާ ނުހިނގާނެ އެވެ.

"ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް މިންގަނޑުތަކެއް އޮވޭ. 24 ގަޑި އިރު ކުޅުމުގައި ހޭދަކުރުމުން އެ ވަނީ ގޯހަށް. ކެއުން ވެސް، މަސައްކަތް ކުރުން ވެސް، 24 ގަޑި އިރު ކުރާނަމަ އެއީ ވެސް ގޯސް،" ލެމިންގްސް އާއި ގްރޭންޑް ތެފްޓް އޮޓޯ އުފެއްދި މައިކް ޑެއިލީ މި ދިރާސާއާ ގުޅިގެން ބުނެފައިވެ އެވެ.