Advertisement

މަސްވެރި މޫސުމަށް ތައްޔާރުވުމަށް މިފްކޯއިން އިތުރު ބޯޓު ގަންނަނީ

17 އޮގަސްޓު 2022 - 14:28 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މިފްކޯއަށް މަސް ކިރުމުގެ މަސައްކަތް ކުރަނީ--


މަސްވެރި މޫސުމަށް ތައްޔާރުވުމަށް މިފްކޯއިން އިތުރު ބޯޓު ގަންނަނީ

17 އޮގަސްޓު 2022 - 14:28 0

މަސްވެރިކަމުގެ މޫސުން އައުމުގެ ކުރިން މިފްކޯގެ ކެޕޭސިޓީ އިތުރު ކުރުމަށް އިތުރު ބޯޓު ގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވެއްޖެ އެވެ.

މަސްވެރިކަން ރަނގަޅު މޫސުން ފެށޭނެ ކަމަށް މިނިސްޓްރީން ލަފާކޮށްފައިވަނީ އޮގަސްޓު މަހާ ސެޕްޓެމްބަރު މަސް ހިސާބުގަ އެވެ. އަދި، އެ މޫސުން އޮކްޓޯބަރުން ފެށިގެން ޖެނުއަރީ މަހާ ހަމައަށް އާދަޔާ ހިލާފަށް ރަނގަޅުވާނެ ކަމަށް ލަފާކުރެވެ އެވެ.

މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސް ނުކިރޭ މައްސަލައަށް އެކަށީގެންވާ ހައްލެއް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލު ކުރުމުން އިސްމާއިލް މި ނޫހަށް ވިދާޅުވީ ސްޓޯރޭޖް ކެޕޭސިޓީ ރަނގަޅު ކުރުމަށް މެޝިނަރީއަށް ގެންގަން ޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އޭގެ އިތުރުން ކެޕޭސިޓީ އިތުރު ކުރުމަށް އަޅުގަނޑުމެން މި ދަނީ އިތުރު ބޯޓުފަހަރުވެސް ބަލަމުން،" ފައުޒީ ވިދާޅުވި އެވެ.

މިފްކޯއިން މިހެން ބުނެފައި ވާއިރު، މަސްވެރިކަން އިންތިހާއަށް ރަނގަޅުވެ މިފްކޯގެ ކެޕޭސިޓީއަށް ވުރެ އިތުރަށް މަސް ބާނަމުން ދާތީ، ބާނަމުންދާ މަސް ގަނެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތުގައި ބޭރުގެ ބޯޓެއް ގެންނަން ހަމަޖެހިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެފައި ވަނީ އޭޕްރީލް މަހު އެވެ.

މިނިސްޓްރީން ބުނީ ބޯޓު ގަތުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މިފްކޯއަށް މަސް ގަންނަ މިންވަރު އިތުރުކުރުމަށާއި، ފިނިކޮށްފައި މަސް ބެހެއްޓޭ ޖާގަ އިތުރުކުރުމަށް މަޝްރޫއުތަކެއް ވެސް ވަނީ ފަށައިފަ އެވެ.

ކޫއްޑޫ ބަނދަރުގެ ޖާގަ ކުޑަވުމުން ދިމާވާ މައްސަލަ ހައްލު ކުރަން ވެގެން ފަޅުގެ ޖާގަ ބޮޑުކޮށް، ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރަން ވަނީ ނިންމައިފަ އެވެ. މި މަޝްރޫއުގެ ދަށުން ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖަށް އިތުރުކުރެވޭ 4،000 ޓަނާއެކު ޖުމްލަ 6،000 ޓަނަށް ޖާގަ އިތުރު ކުރަން އޮތީ ހަމަޖެހިފަ އެވެ.

ފެލިވަރުގައި މުޅިން އަލަށް 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 200 ޓަނުގެ ބްރައިން ފްރީންޒިން އަދި 80 ޓަނުގެ އާރުއެސްޑަބްލިޔޫ ސިސްޓަމެއް ގާއިމްކުރުމާއި، 3،500 ޓަނުގެ ކާގޯ ވެސަލް ކައިރި ކުރެވޭ ފެންވަރަށް ތަރައްގީ ކުރުމާއި، މަސްކިރާނެ ޖެޓީއަކާއި ފެލިވަރުގެ ބޭނުންތަކަށް އިތުރު ޖެޓީއެއް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ވަނީ ފަށާފަ އެވެ. އަދި، 100 ޓަނުގެ ޕްރޮސެސިސް ކޭނެރީއެ އެއް ވެސް ގާއިމް ކުރެ އެވެ.

ނިމިގެންދިޔަ 2021 ވަނަ އަހަރަކީ މިފްކޯއިން އެންމެ ގިނައިން މަސް ގަތް އަހަރެވެ. އެގޮތުން މިދިޔަ އަހަރު މަސްވެރިންގެ އަތުން 58،350 ޓަނުގެ މަސް މަސް މިފްކޯއަށް ގަތެވެ. 2020 ވަނަ އަހަރު 49،000 ޓަނުގެ މަސް ގަނެފައިވާއިރު، އޭގެ ކުރީ އަހަރު ގަނެފައިވަނީ 48،000 ޓަނުގެ މަހެވެ.