Advertisement

ނިޒާމު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓަށް 100 މިލިއަން ހަރަދުވާނެ: އިލެކްޝަންސް

16 އޮގަސްޓު 2022 - 13:30 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު "އަދަދު"އަށް މީގެ ކުރިން ދެއްވި އިންޓަވިއުގެ ތެރެއިން. -ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ނިޒާމު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓަށް 100 މިލިއަން ހަރަދުވާނެ: އިލެކްޝަންސް

16 އޮގަސްޓު 2022 - 13:30 0

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު، ރިޔާސީ ނިޒާމަކުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގާނަމަ، އެކަމަށް 100 މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން މިއަދު ބުނެފި އެވެ.

ނިޒާމު ބަދަލުކުރުމަކީ ވަރަށް ގިނަ މަރުހަލާތަކަކުން ކުރެވެން އޮތް ކަމަކަށް ވިޔަސް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އެ ބަދަލުގެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

އެމްޑީޕީގެ އޮފީހުގައި އިއްޔެ ބޭއްވި މީޑިއާ ބްރީފިންއެއްގައި ނަޝީދު ވިދާޅުވީ ނިޒާމު ބަދަލުކުރުމުގެ ފެންނަ ނުފެންނަ ވޯޓް މި އަހަރު ނަގަން އެމަނިކުފާނު ހުށަހަޅުއްވާނެ ކަމަށެވެ. ނިޒާމު ބަދަލުކުރުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަން ޖެހޭ ބަދަލު މިހާރުން މިހާރަށް ގެންނަން ހުކުރު ދުވަހު ފަށާ އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅުއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު މި އުއްމީދުކުރާ އަދި އަދި އަޅުގަނޑު ހުށަހަޅާ ގޮތްތަކުގެ ތެރޭގައި މިހާރު ގާނޫނުއަސާސީއަށް ބަދަލު ގެނެވި، މިއަހަރު ތެރޭގައި ފެންނަ ނުފެންނަ ވޯޓް ނެގި ފެބްރުއަރީން ފެށިގެން އިންތިގާލީ ބަރުލަމާނީ ނިޒާމު ހިނގަމުން ގޮސް 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު އެއީ ބަރުލަމާނީ ނިޒާމު [ހިންގަން] ގާނޫނުއަސާސީ އިސްލާހުކުރެވިފައިވާ ގޮތަށް ބޭއްވޭ ރިޔާސީ އިންތިހާބަކަށް [ވުން]،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެ ބޭނުންވާ ގޮތަށް އެމްޑީޕީ ކޮންގްރެސްއިން ފާސްވެ، ނިޒާމު ބަދަލުކުރަން މިއަހަރު ވޯޓެއް ނަގާނަމަ، ގާނޫނުގައި ބަޔާންކުރާ ގޮތަށް 60 ދުވަހުގެ މުއްދަތެއް ބޭނުންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު "އަދަދު"އަށް މިއަދު ވިދާޅުވި އެވެ.

އެފަދަ ވޯޓެއް، މި ހިނގާ އަހަރުގެ ތެރޭގައި ބާއްވަން އަދި ވަގުތު އޮތް ނަމަވެސް، އެ ވޯޓު ވާނީ ގައުމީ އިންތިހާބަކަށް ކަމަށާއި، އެކަމަށް 100 މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ހާމަކުރެއްވި އެވެ.

"އެކަހަލަ ވޯޓެއް ވާނީ ރިޔާސީ އިންތިހާބު ފަދަ ގައުމީ ބޮޑު އިންތިހާބަކަށް. ރާއްޖޭން ބޭރުގައި ވެސް ވޯޓު ފޮށި ބެހެއްޓުމާއި، ވަރުގަދަ ސެކިޔުރިޓީ ފީޗާސްތައް ހިމެނޭ ގޮތަށް ވޯޓު ކަރުދާސް ތައްޔާރުކުރުން ފަދަ ކުރަންޖެހޭނެ. އެކަމަށް 100 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް އަޅުގަނޑުމެނަށް ބެލެވޭ،" ފުއާދު ވިދާޅުވި އެވެ.

އެކަމަކު އެކި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަންސްތަކަށް ބޭނުންވާ ބަޖެޓު ވެސް ފައިނޭންސް މިނިސްޓްރީ މެދުވެރިކޮށް ހޯދަން ފަހަކަށް އައިސް އުނދަގޫކަން އޭނާ ފާހަގަކުރެއްވި އެވެ.

ނަޝީދު ވިދާޅުވީ ހަރަދު ކުރަންޖެހޭ ކަމަށް

ފުއާދު އެ އިޝާރާތް ކުރެއްވި ފަދައިން، ރަޝިއާ-ޔޫކްރޭން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގުތިސޯދަށް ކޮށްފައިވާ ލޮޅުމުގެ އަސަރު ރާއްޖެއަށް ވެސް ދަނީ ކުރަމުންނެވެ. މިގޮތުން، ދުނިޔޭގެ ބާޒާރުގައި ތެލާއި ކާބޯތަކެތީގެ އަގު އުފުލިގެން ދިޔުމާ ގުޅިގެން، މިއަހަރުގެ ބަޖެޓަށް ނޭދެވޭ އަސަރުކޮށްފައިވާތީ، ދައުލަތް ހިންގުމުގެ ހަރަދު ކުޑަކުރަން ސަރުކާރުން މިހާރު ވަނީ ގިނަ ފިޔަވަޅުތަކެއް ވެސް އަޅާފަ އެވެ.

ދައުލަތުގެ މާލިއްޔަތަށް ފިއްތުންތަކެއް ހުރި ނަމަވެސް، ނަޝީދު އިއްޔެ ވިދާޅުވީ ނިޒާމު ބަދަލުކުރަން ހަރަދު ކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.

ސްރީލަންކާގެ މިސާލު ނަންގަވައި ނަޝީދު ވިދާޅުވީ މިވަގުތު ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ކުރަން ޖެހޭ ހަރަދަކީ ކުރަން އެންމެ ރަނގަޅު ހަރަދު ކަމަށެވެ.

މިގޮތުން، ހަރަދު ކުޑަ ކުރުމަށް ދައްކަން ޖެހޭ އުނދަގޫ ގިނަ ވާހަކަތަކެއް މަޖިލީހުގައި ދައްކަން ޖެހޭ ކަމަށާއި އެކަމަށް އެންމެ އެކަށީގެންވަނީ ބަރުލަމާނީ ނިޒާމަކަށްވާތީ، އެ ނިޒާމު ގެންނަން މިވަގުތު ފައިސާ ހަރަދުކުރުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.