Advertisement

ނިޒާމު ބަދަލު ކުރުމަކީ "ހެޔޮވާވަރުގެ ކަމެއް ނޫން" ކަމަށް ފައްޔާޒް ވިދާޅުވެއްޖެ

15 އޮގަސްޓު 2022 - 19:54 4

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައްޔާޒް މައިކަށް ވާހަކަ ދައްކަވާއިރު ނަޝީދު ގަލަމުން އެއްޗެއް ނޯޓު ކުރައްވަނީ: އެމްޑީޕީގެ ކޮންގްރެސް އޮންނާނީ އަންނަ ހުކުރު ދުވަހުން ފަށައިގެން އާދީއްތަ ދުވަހުގެ ނިޔަލަށް -- ފޮޓޯ: އަދަދު ފައިލް


ނިޒާމު ބަދަލު ކުރުމަކީ "ހެޔޮވާވަރުގެ ކަމެއް ނޫން" ކަމަށް ފައްޔާޒް ވިދާޅުވެއްޖެ

15 އޮގަސްޓު 2022 - 19:54 4

ދިވެހިރާއްޖޭގެ ވެރިކަން ހިންގާ ނިޒާމު ބަރުލަމާނީއަށް ބަދަލުކޮށް ބޮޑުވަޒީރުގެ މަގާމު އުފެއްދުމަކީ ކުރަން "ހެޔޮވާވަރުގެ ކަމެއް ނޫން" ކަމަށް ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

ނިޒާމު ބަދަލު ކުރުމަށް ޕާޓީގެ ކޮންގްރެސްއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގަރާރެއް ހުށަހަޅުއްވައި، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ގަރާރަށް ފައްޔާޒް ތާއީދު ކުރެއްވުމަކީ އެމަނިކުފާނު "ވަރަށް ބޮޑަށް އެދޭ" ކަމަށް ވިދާޅުވެފައި އޮއްވައި، "އަދަދު" އާ ވާހަކަ ދައްކަވަމުން ފައްޔާޒް މިރޭ ވިދާޅުވީ ނިޒާމު ބަދަލުކޮށްފި ނަމަ އޭގެ ނަތީޖާ ރަނގަޅުނުވާނެ ކަމަށެވެ.

"ރާއްޖެއަކީ ކުޑަ ގައުމަކަށް ވުމާއެކު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުން ނުކުންނަ ނަތީޖާ ރަނގަޅު ވާނެ ކަމަށް ގަބޫލު ނުކުރެވޭ. ބަރުލަމާނީ ނިޒާމުގައި މަދު ބައެއްގެ އަތް ދަރަށް ސަރުކާރުގެ ކޮންޓްރޯލް ދާނެ. [އެއާ ހިލާފަށް] ރިޔާސީ ނިޒާމުގައި ހުރިހާ ރައްޔިތުންނަށް ބަސް ބުނުމުގެ ފުރުސަތު ލިބޭ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ގާތްކޮށް މަސައްކަތް ކުރައްވާ އެމަނިކުފާނުގެ އިގްތިސާދާ ބެހޭ މިނިސްޓަރު ވިދާޅުވި އެވެ.

އެމްޑީޕީގެ ކޮންގްރެސްއަށް ނަޝީދު ހުށަހަޅުއްވާފައި ވަނީ ބޮޑުވަޒީރުގެ މަގާމު އުފެއްދުމާއެކު މަޖިލީހުގެ ތެރެއިން އެމަގާމަށް ބޭފުޅަކު އިންތިހާބުކޮށް، އެއީ ސަރުކާރުގެ އެންމެ އިސް މީހާ ކަމަށް ހަމަޖެއްސުމަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރުމަށެވެ. އެގޮތުން ނިޒާމު ބަދަލު ކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ނަޝީދު ގަރާރުގައި އެދިވަޑައިގެންފައިވެ އެވެ.

ނަޝީދު ހުށަހަޅުއްވާ ގޮތުން ނަމަ ބޮޑުވަޒީރު މަގާމަށް ވަޑައިގަތުމުން ރައީސް ބަދަލު ވާނީ ދައުލަތުގެ އެންމެ އިސް ވެރިޔާގެ މަގާމަށެވެ. ސަރުކާރު ހިންގުމުގައި އެއިރުން ރައީސްގެ ދައުރެއް ނޯންނާނެ އެވެ.

"އަޅުގަނޑު ހުރިހާ ބޭފުޅުންނާ ވެސް ވާހަކަދައްކަވަމުން ގެންދަވަން ބޭނުން، އަދި ހާއްސަކޮށް ފައްޔާޒް އިސްމާއީލް، ތަކުރާރު އަޅުގަނޑު އެބަކުރަން، އޭނާއަކީ ޑައިނެމިކް ބޭފުޅެއް، ކަންތައްތައް ކުރައްވާ ބޭފުޅެއް އަދި ހިންގުންތެރި ބޭފުޅެއް، އަދި އެ ބޭފުޅާއާއެކީ މަސައްކަތް ކުރުމަށް އަޅުގަނޑު އެދޭނަން،" މިއަދު ބައްދަލުވުމުގައި ނަޝީދު ވިދާޅުވެފައިވެ އެވެ.

އެމްޑީޕީގެ ކޮންގްރެސް އޮންނާނީ އަންނަ ހުކުރު ދުވަހުން ފަށައިގެން އާދީއްތަ ދުވަހުގެ ނިޔަލަށެވެ. އެ ކޮންގްރެސް ވެގެންދާނީ ރާއްޖޭގެ ނިޒާމު ބަދަލު ކުރުމާމެދު މަޖިލީހުގެ ސުޕަ މެޖޯރިޓީ ކޮންޓްރޯލް ކުރާ އެމްޑީޕީން ގޮތެއް ނިންނާމެ ދުވަހަށެވެ.