Advertisement

ގްރީން ޓެކްސް އިސްލާހު ނިންމާ މަޖިލިހަށް ފޮނުވަން ތައްޔާރުވެއްޖެ

16 އޮގަސްޓު 2022 - 07:55 0

އަމަން ހަލީމް

އަމަން ހަލީމް

ހުޅުމާލޭ މަގެއް މަތިން ޓޫރިސްޓުންތަކެއް ހިނގާފައި ދަނީ: ރާއްޖެ އަންނަ ހުރިހާ ޓޫރިސްޓުންގެ އަތުން ގްރީން ޓެކްސް ނަގާ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ގްރީން ޓެކްސް އިސްލާހު ނިންމާ މަޖިލިހަށް ފޮނުވަން ތައްޔާރުވެއްޖެ

16 އޮގަސްޓު 2022 - 07:55 0

އެންމެފަހުން ތަސްދީގުކުރި ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ގްރީން ޓެކްސް ނެގިދާނެ ކަމާމެދު ސުވާލު އުފެދިފައިވާތީ ގާނޫނު އިސްލާހު ކުރާ ބިލުގެ މަސައްކަތް ނިންމުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން ތައްޔާރުވެއްޖެ އެވެ.

ގްރީން ޓެކްސް ނުނެގޭނެ ކަމަށް ބުނީ މިހާރު އަމަލުކުރަމުންދާ ޓޫރިޒަމް ގާނޫނަށް 11 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުނުގައި، އާ ކްލެސިފިކޭޝަންތަކުގެ ދަށުން ގްރީން ޓެކްސް ނަގަން ފަށާނެ ތާރީހަކީ އަންނަ އަހަރުގެ ޖެނުއަރީ 1 ކަމަށް ބަޔާންކޮށްފައިވާތީ އެވެ.

އެއީ 50 ކޮޓަރިއަށް ވުރެ ގިނަ ތަންތަނުން އެއިން ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް ހަ އެމެރިކާ ޑޮލަރުގެ ރޭޓުން އަދި 50 ކޮޓަރިއަށް ވުރެ މަދު ތަންތަނުން ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް ތިން އެމެރިކާ ޑޮލަރު ރޭޓުގަ އެވެ.

ގާނޫނު މިގޮތަށް އިސްލާހުކުރީ މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި 50 ކޮޓަރިއަށް ވުރެ ގިނައިން ހުންނަ ހޮޓާތަކާއި ގެސްޓްހައުސްތަކުން ހަ ޑޮލަރު ރޭޓުގައި ގްރީން ޓެކްސް ނެގުމުގެ ބޭނުމުގަ އެވެ. ކުރިން ގާނޫނު އޮތް ގޮތުން ކިތަންމެ ގިނަ ކޮޓަރިއެއް ހުރި ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ތަންތަނުން ގްރީން ޓެކްސް ނަގަނީ ތިން ޑޮލަރު ރޭޓުގަ އެވެ.

ގާނޫނު މިހެން އޮތް ނަމަވެސް މި ޓެކްސް ނަގަން ޓޫރިސްޓުން އަންނަ ތަންތަނަށް ސަރުކާރުން އިރުޝާދު ދީފައިވާ ކަމަށް ވަރަށް އިތުބާރު ހުރި މަސްދަރަކުން "އަދަދު" ނޫހަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އަދި މި މައްސަލަ ފާހަގަވީ ހިސާބުން ޓޫރިޒަމް މިނިސްޓްރީން ވަނީ ގާނޫނު އިސްލާހުކުރަން ބިލު އެކުލަވާލުމުގެ މަސައްކަތް ފަށާފަ އެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު އޭރު ވިދާޅުވީ ގާނޫނަށް އިސްލާހު ގެންނާނީ އެ ބަދަލުގެންނާނީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ނުލިބި ނުދާނެ ފަދަ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރު އެ ބިލުގެ މަސައްކަތް ނިންމާ އެޓާނީ ޖެނެރަލް އޮފީހަށް ފޮނުއްވައިފި އެވެ. އެ އޮފީހުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ބިލު އޮތީ ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ތައްޔާރަށެވެ.

މިކަމާ ގުޅޭގޮތުން އެޓާނީ ޖެނެރަލް އޮފީހުގެ ރަސްމީ ބަހެއް ނުލިބުނު ނަމަވެސް, މި ހަފުތާގެ ތެރޭގައި މަޖިލީހުގެ ތަޅުމަށް މި ބިލު ހުށަހަޅާނެ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ގްރީން ޓެކްސްއަކީ ޓީޖީއެސްޓީ އާއި އެއާޕޯޓް ޑިޕާޗާ ޓެކްސް ނަގާފައި ދައުލަތަށް އެންމެ ގިނައިން ޑޮލަރު ފައިދާ ލިބޭ އާމްދަނީ އެވެ. މިހެންކަމުން މި އާމްދަނީ ގެއްލިގެން ގޮސްފިނަމަ ދައުލަތުގެ އާމްދަނީއަށާއި ދަރަނި ދެއްކުމުގެ ގާބިލިއްޔަތުކަމަށް ވެސް އަސަރުކުރުމުގެ ފުރުސަތު އޮންނާނެ އެވެ.