Advertisement

ކުރެއްވި ތުހުމަތުތަކަށް ވުރެ ފައްޔާޒްގެ ތާއީދު ނަޝީދަށް މާ މުހިންމު ވެއްޖެ

15 އޮގަސްޓު 2022 - 12:54 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް (ކ) އަދި ރައީސް މުހައްމަދު ނަޝީދު (ވ) ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ: ރައީސް އޮފީސް


ކުރެއްވި ތުހުމަތުތަކަށް ވުރެ ފައްޔާޒްގެ ތާއީދު ނަޝީދަށް މާ މުހިންމު ވެއްޖެ

15 އޮގަސްޓު 2022 - 12:54 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

އިކޮނޮމިކް މިނިސްޓަރު އަދި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް މީގެ ކުރިން ކުރެއްވި ސީރިއަސް ތުހުމަތުތަކަށް ސީދާ ޖަވާބު ދެއްވަން ދެކޮޅު ހައްދަވައި، ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ ބަދަލުތަކަށް ފައްޔާޒުގެ ތާއީދު ވަރަށް މުހިންމު ކަމަށް ވިދާޅުވެ، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ރާގު މުޅިން ބަދަލުވެއްޖެ އެވެ.

އަންނަ ހުކުރު ދުވަހު އޮންނަ އެމްޑީޕީ ކޮންގްރެސްގައި ގާނޫނުއަސާސީއަށް ނަޝީދު ގެންނަވަން ބޭނުންވާ އިސްލާހުތަކާ ގުޅޭ ގޮތުން މިއަދު އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވަނީ ފައްޔާޒަށް ވަރަށް ތައުރީފް ކުރައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ.

"އަޅުގަނޑު ހުރިހާ ބޭފުޅުންނާ ވެސް ވާހަކަދައްކަވަމުން ގެންދަވަން ބޭނުން، އަދި ހާއްސަކޮށް ފައްޔާޒް އިސްމާއީލް، ތަކުރާރު އަޅުގަނޑު އެބަކުރަން، އޭނާއަކީ ޑައިނެމިކް ބޭފުޅެއް، ކަންތައްތައް ކުރައްވާ ބޭފުޅެއް އަދި ހިންގުންތެރި ބޭފުޅެއް، އަދި އެ ބޭފުޅާއާއެކީ މަސައްކަތް ކުރުމަށް އަޅުގަނޑު އެދޭނަން،" ފައްޔާޒަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ނަޝީދު ވިދާޅުވި އެވެ.

ފައްޔާޒު އަޅުގަނޑުމެންނަށް ތާއީދު ކުރުމަކީ ވަރަށް ވަރަށް ބޮޑަށް އެދޭ ކަމެކޭ،"

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަވެރިކަން ބޮޑުވެ، ހޫނުވި އިންތިހާބުގެ ތެރެއިން، ނަޝީދު ވަނީ ފައްޔާޒަށް ކޮރަޕްޝަންގެ ތުހުމަތުތަކާ އެކު، އެ ޕާޓީ ތެރެއިން "ބްރޯ" ހެދެން އުޅޭ ކަމުގެ ތުހުމަތުތަކެއް ވެސް ކުރައްވާފައިވެ އެވެ. އަދި ނަޝީދު އިސްވެ، މިނިސްޓަރުގެ ކަމުން ފައްޔާޒް ވަކި ކުރުމުގެ މަސައްކަތް ވެސް ކުރެއްވި އެވެ. ނަމަވެސް ފަހުން މަޖިލިސް ތެރެއިންނާއި އެމްޑީޕީ ގައުމީ މަޖިލިސް ތެރެއިން އެކަމަށް ތާއީދު ނުލިބުމުން އެ މަސައްކަތް ވަނީ ހުއްޓާލާފަ އެވެ.

އެމްޑީޕީ ޗެއާޕާސަން އިންތިހާބުގެ ތެރެއިން ނަޝީދުގެ ފެކްޝަނުން ވެސް ފައްޔާޒަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައިވެ އެވެ. ފައްޔާޒު އެ އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދާއެކުގަ އެވެ. ނަޝީދުގެ ތާއީދާއެކު ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވަނީ އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންފަ އެވެ.

މީގެ ކުރިން ފައްޔާޒާ އިދިކޮޅަށް ސިޔާސީ ގޮތުން މަސައްކަތް ކުރެއްވުމީގެ ހެއްދެވުނު ގޯހެއް ކަމަށް ދާދި ފަހުން ވިދާޅުވި ނަޝީދާ، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ފައްޔާޒަށް ކުރެއްވި ތުހުމަތުތަކާ ގުޅޭ ގޮތުން ތަކުރާރުކޮށް ސުވާލުތައް އަމާޒުކޮށްފަ އެވެ.

ނަމަވެސް، ކުރިން ކުރެއްވި ސީރިއަސް ތުހުމަތުތަކާ ގުޅިގެން ސީދާ ޖަވާބެއް ދެއްވަން ނަޝީދު މިއަދު ވަނީ ދެކޮޅު ހައްދަވާފަ އެވެ. ވިދާޅުވީ ހުރިހާ ބޭފުޅުންނާ އެކުގައި ވެސް "ވަރަށް ރަނގަޅަށް މަސައްކަތް ކުރަން" އެދޭ ކަމަށެވެ.

ބަރުލަމާނީ މަސައްކަތަށް ފައްޔާޒްގެ ތާއީދު މުހިންމު ކަމަށް ނަޝީދު ވިދާޅުވެފައިވާއިރު، މީގެ ކުރިން ފައްޔާޒް މި ނޫހަށް ވިދާޅުވީ ބަރުލަމާނީ ނިޒާމަށް އޭނާގެ ތާއިދު މިވަގުތަށް ނެތް ކަމަށެވެ.

ފައްޔާޒް އެއިރު ވިދާޅުވި ގޮތުގައި، ބާރުތައް ވަކި ބަޔެއްގެ މުށު ތެރެއަށް ދިޔުމުގެ ފުރުސަތު ރާއްޖެ ފަދަ ކުޑަ ގައުމެއްގައި އޮތުމަކީ ކަންބޮޑުވާން ޖެހޭ ފަދަ ކަމެކެވެ.

ގާނޫނުއަސާސީ ބަދަކުރުމުގެ މަސައްކަތް ކޮންގްރެސްއަށް

ރާއްޖޭގެ ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް, ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރެއްގެ ވޯޓަކަށް ނުގޮސް އިންތިހާބު ކާމިޔާބު ކުރެވޭނެ މަގެއް ކަނޑައަޅެމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީ ކޮންގްރެސްއަށް ނަޝީދު ވަނީ ގަރާރެއް ހުށަހަޅުއްވައިފަ އެވެ.

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްގެ ތާއީދާއެކު އެ ޕާޓީގެ ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރުގައި ވަނީ ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ ބަދަލުތައް ފާހަގަކޮށްފަ އެވެ.

އެގޮތުން، ސަރުކާރުގެ އެންމެ އިސްވެރިއަކީ މަޖިލީހުގެ ތެރެއިން އިންތިހާބުކުރާ ބޮޑުވަޒީރު ކަމަށާއި ދައުލަތުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނާނީ ރައްޔިތުންގެ މެދުގައި ނަގާ ރިޔާސީ ވޯޓަކުން ހޮވޭ މީހެއް ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.

އަދި، ބޮޑުވަޒީރާއި ރައީސްގެ ބާރުތައް ކަނޑައެޅުމަށާއި މަޖިލީހުގެ ދާއިރާތައް ތަމްސީލުވާނެ ގޮތްތަކާއި މަޖިލިސް އިންތިހާބުގައި ސިޔާސީ ޕާޓީތަކުން ހޯދާ ވޯޓުގެ ނިސްބަތަށް ބަލައި، ހާއްސަ ކުރެވޭ "ނެޝަނަލިސްޓު ލިސްޓު"ގެ މެންބަރުން ހިމެނޭ އުސޫލު ކަނޑައެޅުމަށް ވެސް ހުށަހަޅައިފަ އެވެ.

މީގެ އިތުރުން ވަޒީރުންގެ މަޖިލިސް ކަނޑައަޅާނީ މަޖިލިސް މެންބަރުންގެ ތެރެއިން ކަމަށާއި ސުޕްރީމް ކޯޓަށް ފަސް ފަނޑިޔާރުން އައްޔަން ކުރުމުގެ އިތުރުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލެވިފައިވާ ގޮތް ބަދަލުކުރުމުގެ އިސްލާހު ވެސް ގެނައުމަށް ގަރާރުގައި ހިމަނާފައިވެ އެވެ.

ނަޝީދު މިއަދު ވަނީ މި ބަދަލު ގެނައުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި މިކަމަށް ހުރިހާ ބޭފުޅުންގެ ތާއީދު ވެސް ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

ނިޒާމު ބަދަލު ކުރުމަށް ކޮންގްރެސްއަށް ހުށަހެޅި ގަރާރާމެދު މިހާތަނަށް ސަރުކާރުން ދެކޭ ގޮތް ރަސްމީކޮށް ހާމަކޮށްފައެއްނުވެ އެވެ. މީގެ ކުރިން ސަރުކާރުން ބުނި ގޮތުގައި ރިޔާސީ ނިޒާމެއް ހިޔާރުކުރީ ރައްޔިތުން ކަމަށާއި ބަދަލު ކުރާނީ ވެސް ރައްޔިތުން ބޭނުން ވެއްޖެ ނަމަ އެވެ.