Advertisement

ފޮޓޯތަކުގެ ވާހަކައަކީ ރައީސަށް ކުރި ތުހުމަތެއް ނޫން: ނަޝީދު

15 އޮގަސްޓު 2022 - 12:22 3

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަލާމް ކުރައްވަނީ. އެމަނިކުފާނު ވިދާޅުވީ ފޮޓޯތަކުގެ ވާހަކައަކީ ތުހުމަތެއް ނޫން ކަމަށް. -- ފޮޓޯ: ރައީސް އޮފީސް


ފޮޓޯތަކުގެ ވާހަކައަކީ ރައީސަށް ކުރި ތުހުމަތެއް ނޫން: ނަޝީދު

15 އޮގަސްޓު 2022 - 12:22 3

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ބަދުއަހުލާގީ ފޮޓޯތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، ކުރިން ދެއްކެވި ވާހަކަފުޅަކީ ރައީސް ކުރެއްވި ތުހުމަތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި މީޑިއާ ބްރީފިން އެއްގައި ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ޖަވާބު ނުދެއްވަން އުޅުއްވުމަށް ފަހު ނަޝީދު ވިދާޅުވީ ރައީސްގެ ފޮޓޯތަކުގެ ވާހަކަ ދެއްކެވީ އެމްޑީޕީގެ ގުނަނެއްގެ އެތެރޭގައި ކަމަށާއި އެއީ ވަކި މަފްހޫމެއްގައި ދެއްކެވި ވާހަކަފުޅެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ފޮޓޯތަކެއްގެ ވާހަކަ ދެއްކެވީ "ކޮންމެ މީހެއްގެ ކޮންމެ ފޮޓޯއަކާ ދޭތެރޭގައި ވެސް ތަހުގީގުކުރަން ޖެހޭނީ އެއް ހަމައަކުން ކަން ފާހަގަކޮށްދޭން" ވެގެންނެވެ.

"އަޅުގަނޑުގެ ނުކުތާއަކީ ލޮލަށް ފެންނަ ކޮންމެ ފޮޓޯއަކަށް ވެސް އެބާވަތުގެ ކަންކަމުގައި ގާނޫނު ބަޔާންކުރާ ގޮތަށް، އެއާއި މެދު އަމަލުކުރަން ޖެހޭނެކަން. އެއީ ރައީސުލްޖުމްހޫރިއްޔާގެ ފޮޓޯފުޅެއް ކަމަށް ބުނެ ބައެއް މީހުން ދައުރުކުރި އެއްޗަކަށް ވިޔަސް، އަޅުގަނޑާ ގުޅޭ ގޮތުން ބައެއް މީހުން ދައުރުކުރި އެއްޗަކަށް ވިޔަސް، އެހުރިހާ ކަމެއް ވެސް ހިނގަމުން ދާން ޖެހޭނީ ގާނޫނީ ތަރަހައިގެ ތެރޭން،" ލިއުމެއް ބައްލަވައިގެން ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވި އެވެ.

އެ ޖަވާބު ދެއްވަމުން ވެސް އެމަނިކުފާނު ވިދާޅުވީ އެއަށް ފަހު ދެން އެ ވާހަކަ ނުދައްކަވާނެ ކަމަށެވެ. އޭގެ ކުރިން ވެސް އަދި ފަހުން ވެސް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އެއީ މިއަދުގެ ބްރީފިންގެ މައުލޫއިން ބޭރު ސުވާލެއް ކަމަށެވެ.

"މި މައުލޫއުގައި އަަޅުގަނޑު މިއަދު ތިޔަ ބޭފުޅުންނަށް ދެން ދަންނަވާނެ އިތުރު ވާހަކައެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެ ޖަވާބަށް ފަހު ވެސް ނޫސްވެރިން އެ ސުވާލު ކުރި އެވެ. އެހެން ނަމަވެސް އޭގެ ފަހުން އެމަނިކުފާނު ވިދާޅުވަމުން ގެންދެވީ އެ ސުވާލަށް މިހާރު ޖަވާބު ދެއްވިއްޖެ ކަމަށެވެ. އެހެން ނަމަވެސް ބައެއް ނޫސްވެރިން ދޫނުކޮށް އެ ސުވާލުކުރުމުން އެމަނިކުފާނު ވިދާޅުވީ އެއީ ރައީސުލްޖުމްހޫރިއްޔާއަށް ތުހުމަތެއް ކުރުން ފަދަ ކަމެއް ނޫން ކަމަށެވެ.

އެމަނިކުފާނު މަަސައްކަތް ކުރެއްވީ ރައީސަށް ތުހުމަތެއް ކުރެއްވި ކަމަށް ހެދީ ނޫސްވެރިން ލިއުނު ހެޑްލައިންތަކުން ކަމަށް ދެއްކެވުމަށެވެ. އެ ހެޑްލައިންތަކާ ގުޅުވައިގެން އިތުރު ސުވާލު ކުރީމާ އެކަމުގެ އަސްލު ގެއްލޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިއަދު އެގޮތަށް ވާހަކަފުޅު ދެއްކެވިޔަސް، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި އޭރު ވިދާޅުވެފައި އޮތީ ރައީސް ބަދުއަހުލާގީ އަމަލުހިންގާ މަންޒަރު ފެންނަަ ހަތަރު ފޮޓޯ ލިބިވަޑައިގެންފައިވާ ކަމަށެވެ.