Advertisement

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާ ގުޅިގެން ތެޔޮ އިމްޕޯޓު ހޭދަ ވެސް ދަށަށް

15 އޮގަސްޓު 2022 - 09:34 2

އަމަން ހަލީމް

އަމަން ހަލީމް

މާލެ ކައިރީގައި ތެޔޮ ރައްކާކުރާ ފުނަދޫގައި ތެޔޮ ޓޭންކަރެއް ބަނދަރުކޮށްފައި: -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާ ގުޅިގެން ތެޔޮ އިމްޕޯޓު ހޭދަ ވެސް ދަށަށް

15 އޮގަސްޓު 2022 - 09:34 2

މި އަހަރުގެ ދެވަނަ ކުއާޓަރުގެ ޕީކަށް ފަހު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ދަށްވަމުން ދިޔުމާ ގުޅިގެން މިދިޔަ ޖުލައި މަހު ރާއްޖެއަށް ތެޔޮ އެތެރެކުރަން ކުރި ހޭދަ ކުޑަވެއްޖެ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސްއިން މަހަކު އެއްފަހަރު ނެރޭ އިމްޕޯޓް އެކްސްޕޯޓް ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު 919 މިލިއަން ރުފިޔާގެ އަގުހުރި ތެޔޮ ރާއްޖެ އެތެރެކުރި އެވެ. އޭގެ ކުރީ ތިން މަހުގައި ކޮންމެ މަހަކު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ އަގުހުރި ތެޔޮ އިމްޕޯޓުކުރި އެވެ.

ތެޔޮ އިމްޕޯޓުކުރަން ކުރާ ހޭދަ ނިސްބަތުން ދަށަށް ދިޔަ ނަމަވެސް, މި އަހަރުގެ ކުރީކޮޅު ހުރި އަގުތަކާ އެއްވަރަށް އަދިވެސް އަގުތައް ނުވެއްޓޭތީ، ފުރަތަމަ ކުއާޓަރުގެ ތިން މަހާ އަޅާ ބަލާއިރު އަދިވެސް ތެޔޮ އިމްޕޯޓަށް ކުރާ ހޭދަ ބޮޑެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތިން މަހުގެ އެވަރެޖު ހުރީ 785 މިލިއަން ރުފިޔާގަ އެވެ.

ތެޔޮ އިމްޕޯޓުކުރަން ކުރާ ހޭދަ - 2022

  • ޖެނުއަރީ - 722 މިލިއަން ރުފިޔާ
  • ފެބްރުއަރީ - 863 މިލިއަން ރުފިޔާ
  • މާޗް - 770 މިލިއަން ރުފިޔާ
  • އޭޕްރިލް - 1.6 ބިލިއަން ރުފިޔާ
  • މޭ - 1 ބިލިއަން ރުފިޔާ
  • ޖޫން - 1.3 ބިލިއަން ރުފިޔާ
  • ޖުލައި - 919 މިލިއަން ރުފިޔާ

މި އަހަރުގެ ދެވަނަ ކުއާޓަރުގައި ތެލުގެ އަގުތައް ރެކޯޑް މިންވަރަކަށް އުފުލުނީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަަބަބުން ދުނިޔޭގެ އިގުތިސޯދަށް އައި ކުއްލި ޝޮކުގަ އެވެ. ހަނގުރާމައިގެ ކުރީކޮޅު ހިފެހެއްޓުމެއް ނެތި އަގުތައް އުފުލެމުން ދިޔަ ނަމަވެސް މިހާރު އަގު އުފުލުން ކޮންޓްރޯލްވެ، ސާފުނުކުރާ ތެލާއި ރިފައިންޑް ތެލުގެ އަގުތައް ވަނީ ދަށްވެފަ އެވެ.

އަގުތައް ވެއްޓެމުން އައިސް މި މަހުގެ ކުރީކޮޅު ސާފުނުކުރާ "ބްރެންޓް" ތެޔޮ ފީފާއެއްގެ އަގު ވަނީ 100 ޑޮލަރަށް ވުރެ ދަށްވެފަ އެވެ. މިއީ ފެބްރުއަރީ މަހު ފެށި ހަނގުރާމައިގެ ފަހުން ފީފާއެއްގެ އަގު 100 ޑޮލަރުން ދަށަށް ވެއްޓުނު ފުރަތަމަ ފަހަރެވެ. މިހާރު ވެސް އަގުތައް ހުރީ 100 ޑޮލަރުުން ތިރީގަ އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ވެއްޓެމުންދާ މައިގަނޑު ސަބަބަކީ ބާޒާރުން ގެއްލުނު ރަޝިއާ ތެލުގެ ބަދަލުގައި އެހެން ގައުމުތަކުން ތެޔޮ އުފައްދާ މިންވަރު އިތުރުކުރަމުން ދިޔުމާ ގުޅިގެންނެވެ. ދާދިފަހުން އެމެރިކާ އާއި ދުނިޔޭގެ އެއް ނަމްބަރު ތެޔޮ ސަޕްލަޔަރު ސައުދީ އަރަބިއާއިން ވެސް ވަނީ ދުވާލަކު އުފައްދާ ތެލުގެ އަދަދު އިތުރުކުރާނެ ކަމަށް ބުނެފަ އެވެ.