Advertisement

އާތިފްގެ މައްސަލަ މަދަނީ މިންގަނޑުން ގެންދެވޭ ކަމަށް ނިންމައިފި، ވާހަކަ ދައްކަން ފުރުސަތެއް ނުދިނުމުން ދިފާއުގެ ޝަކުވާ

14 އޮގަސްޓު 2022 - 18:28 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އާތިފް ޝަކޫރު މީގެ ކުރިން މަޖިލީހުގެ ކޮމިޓީއަކަށް މައުލޫމާތު ދެއްވަނީ. -ފައިލް ފޮޓޯ: މަޖިލިސް


އާތިފްގެ މައްސަލަ މަދަނީ މިންގަނޑުން ގެންދެވޭ ކަމަށް ނިންމައިފި، ވާހަކަ ދައްކަން ފުރުސަތެއް ނުދިނުމުން ދިފާއުގެ ޝަކުވާ

14 އޮގަސްޓު 2022 - 18:28 0

އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ މައްސަލާގައި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ އާތިފް ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާ މަދަނީ މިންގަނޑަށް ފެތޭ ކަމަށް ކަނޑައަޅައި ޝަރީއަތް ކުރިއަށް ގެންދަން މައްސަލަ ބައްލަވާ ގާޒީ މިއަދު ނިންމަވައިފި އެވެ.

އާތިފް ޝަކޫރުގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުވުމުގެ ކުށުގެ ދައުވާ އެވެ.

އެ ދައުވާ ކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވި އެސްއޯއެފް ކުންފުނިން މަނީ ލޯންޑަރިންގެ އަމަލުތައް ހިންގިކަން އެފްއައިޔޫގެ ރިޕޯޓުގައި ބަޔާން ކުރި ނަމަވެސް, އެ މައްސަލައިގައި އެސްއޯއެފްއަށް އެއްވެސް ފިޔަވަޅެއް ނަޅާއި ދޫކޮށްލަން ނިންމީ އާތިފް އަންގައިގެން ކަމަށް ބުނެ އެވެ.

މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ފުރަތަމަ ކަމަކަށް އާތިފްގެ ވަކީލު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރު އެދިވަޑައިގަތީ ދައުލަތުގެ ހެކިތައް ހާމަކުރުމުގެ އަމުރެއް ނެރެދިނުމަށެވެ.

ނަމަވެސް ދައުލަތުގެ ވަކީލު އަހުމަދު ނައުފަލް ފާހަގަ ކުރެއްވީ އެއީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ މަރުހަލާގައި ހުށަހެޅޭނެ ކަމެއް ކަމުގަ އެވެ. މަދަނީ މިންގަނޑުން ގޮތެއް ކަނޑައެޅުމުގެ ކުރިއަށް ހިނގާ އިބުތިދާއީ މަރުހަލާގައި ހުށަހެޅޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މައްސަލަ ބައްލަވާ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ނިންމެވީ ވެސް ދައުލަތުން ފާހަގަކުރި ގޮތަށެވެ. އަދި ދައުލަތުގެ ހެކިތަކުގެ މައްޗަށް ރިއާޔަތްކޮށް، މި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ގާޒީ ނިންމެވި އެވެ.

އެއަށް ފަހު ޝަރީއަތުގެ ކުރިން އެއްވެސް ހުށަހެޅުމެއްވޭތޯ ގާޒީ ސުވާލު ކުރެއްވުމުން އެ ފުރުސަތުގައި ވަކީލު އާޒިމާ ވިދާޅުވީ މަދަނީ މިންގަނޑަށް ދައުވާ ފެތުމާ ގުޅޭ ގޮތުން ދިފާއުން ފާހަގަ ކުރަން ބޭނުންވާ ވަރަށް ގިނަ ނުކުތާތައް އެބަ ހުރި ކަމަށެވެ.

"ހަމަ ރެކޯޑަށް ޓަކައި ފާހަގަކޮށްލަން ބޭނުން، ޝަރީއަތުން މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ނިންމީ، އެ ކަމާ ގުޅޭ ގޮތުން ދެ ފަރާތުން ވެސް ފާހަގަކުރަން ބޭނުންވާ ގާނޫނީ ނުކުތާތަކަށް ވާހަކަ ދައްކަން ފުރުސަތު ނުދީ ކަން،" އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ދައުވާތަކެއް ވެސް އުފުލާފައިވާ އާޒިމާ ވިދާޅުވި އެވެ.

އެއާ ވިދިގެން އިސް ގާޒީ ޝަކީލް ވިދާޅުވީ ޝަރީއަތް ކުރިއަށް ދަނީ ދެ ފަރާތަށް ވެސް ހަމަހަމަ އުސޫލަކުން ފުރުސަތު ދީގެން ކަމަށެވެ. އަދި މަދަނީ މިންގަނޑުން ކުރިއަށް ގެންދިއުމާމެދު ޝަރީއަތުން ގޮތެއް ނިންމުމުން، ދެން އެ ކަމަށް ފުރުސަތު ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.

ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ދެ ފަރާތަށް ވެސް 10 ދުވަހުގެ ފުރުސަތެއް ދެއްވަން ގާޒީ ނިންމެވި އެވެ. އަދި މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރު 2:00 ޖަހާއިރު މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރާނެ ކަން އިއުލާން ކުރެއްވުމަށް ފަހު މިއަދުގެ އަޑުއެހުން ނިންމަވައިލެއްވި އެވެ.