Advertisement

ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށް އެމްޑީޕީ މެމްބަރުން ބުނެފި

15 އޮގަސްޓު 2022 - 08:49 3

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި ރައީސް މުހައްމަދު ނަޝީދު: ނަޝީދު އެ މަގާމުން ވަކި ކުރުމުގެ މަސައްކަތް ހުއްޓާ ނުލާ --


ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށް އެމްޑީޕީ މެމްބަރުން ބުނެފި

15 އޮގަސްޓު 2022 - 08:49 3

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ވަކި ކުރުމަށް އެ ޕާޓީގެ ބައެއް މެމްބަރުން ކުރަމުންދާ މަސައްކަތް ހުއްޓާނުލާ ކަމަށާއި އެ މައްސަލަ މަޖިލީހަށް ހުށަހަޅާނެ ކަމަށް އެކަމުގައި އުޅޭ ބައެއް މެމްބަރުން ބުނެފި އެވެ.

ނަޝީދު މަގާމުން ވަކި ކުރުމުގެ މަސައްކަތް ވެރިކަން ހިންގާ އެމްޑީޕީގެ ތެރެއިން ފެށީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ނިސްބަތްކޮށް ޖިނާއީ ކުށްތަކެއްގެ ތުހުމަތު އެމަނިކުފާނު ކުރެއްވުމުންނެވެ.

އެ ތުހުމަތު ކުރީގެ ރައީސް ކުރެއްވީ އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އެމަނިކުފާނުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ހައްޔަރު ކުރުމާ ވިދިގެން އެއީ އެމަނިކުފާނަށް އަމާޒު ކުރައްވައި ރައީސް ސޯލިހު ދެއްވި ސިޔާސީ ހަމަލާއެއްގެ ގޮތުގައި އެކަން ސިފަ ކުރެއްވުމަށްފަހު އެވެ.

"އެ މައްސަަލަ މަޖިލީހަށް ހުށަހަޅާނެ، ހުށަހަޅާ ގޮތަށް އަދި މި ތިބީ، މި ކަން ހުއްޓާލާ ގޮތަކަށް ނޫން،" އެ މަސައްކަތުގައި އުޅުއްވާ މަޖިލީހުގެ މެމްބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.

މި މަސައްކަތުގައި އިސްކޮށް އުޅުއްވާ ގިނަ މެންބަރުން މި ނޫހަށް ވިދާޅުވި ގޮތުގައި މަޖިލީހަށް އެ މައްސަލަ ހުށަހަޅަން ގާނޫނުގައި އޮތް މިންވަރަށް މިހާރު ވަނީ ސޮއި ހަމަވެފަ އެވެ. އެއީ 22 މެންބަރުންގެ ސޮޔެވެ. ބައެއް މެންބަރުން ވިދާޅުވީ ގާތްގަނޑަކަށް 35 މެންބަރުން މިހާތަނަށް ވަނީ އެ ލިޔުމުގައި ސޮއިކުރައްވައިފަ އެވެ.

"ގިނަ މެންބަރުން އަދިވެސް ތިބީ މާލޭން ބޭރުގައި، އެހެންވެ ބައެއް މެންބަރުންގެ ސޮއި ލިބުމުގައި އަދިވެސް މި ލަސް ކަމެއް އުޅެނީ،" މި ނޫހާ ވާހަކަ ދެއްކެވި އެއް މެންބަރަކު ވިދާޅުވި އެވެ.

މި މަސައްކަތުގައި އިސްކޮށް އުޅުއްވާ މެންބަރުންނަކީ ވެސް ރައީސް ސޯލިހަށް ތާއީދު ކުރައްވާ މެންބަރުންނެވެ. ނަމަވެސް މިއީ ރައީސް ސޯލިހް އަންގަވައިގެން ކުރައްވާ ކަމެއް ނޫން ކަމަށާއި ސުލްހަ ވާން ނަޝީދު ބޭނުންވާ ނަމަ އެ ކަމަށް މަޝްވަރާ ކުރެވޭނެ ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.

"ރައީސް ނަޝީދު ސުލްހަވެގެން ހުންނަން ބޭނުންވާ ނަމަ އެކަން ނެގޯޝިއޭޓް ކުރޭވެނެ. އަދި ހަމައެކަނި ވަޓްސް އެޕް މެސެޖެއް އަޔަސް އަދި ހުއްޓާލާ ގޮތަކަށް ނޫން މި ތިބީ،" އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ކުރައްވަމުން ގެންދެވި ތުހުމަތުތަކަށްފަހު އޭނާއާ ދެކޮޅަށް ހުންނެވުމަކީ ހެދުނު ގޯހެއް ކަމަށް ނަޝީދު ވިދާޅުމުން އެކަމަށް ނިސްބަތް ކުރައްވާ މެމްބަރަކު ވިދާޅުވި އެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަގުލަބިއްޔަތުންނެވެ. މަޖިލީހަށް އެ މައްސަލަ ހުށަހަޅައި ބަހުސް ފަށަން ބޭނުން ވަނީ 22 މެންބަރުންގެ ސޮޔެވެ.

ނަޝީދު ކުރެއްވި ތުހުމަތުތަކާ ގުޅިގެން ރައީސް އޮފީހުން ވެސް ވަނީ އެ ކަމަށް ޖަވާބު ދީފަ އެވެ. ރައީސްގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ ރައީސް އެފަދަ އެއްވެސް އަމަލެއް ނުކުރައްވާ ކަމަށާއި އެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ރައީސް އަރުވަން ބޭނުންވާ ކަމަށެވެ.