Advertisement

ދީނަ ފުރައްސާރަކުރި ރުސްތުމަށް ހަތަރު މަހުގެ ޖަލު ހުކުމެއް އިއްވައިފި

14 އޮގަސްޓު 2022 - 11:28 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ދީނަށް ފުރައްސާރަކުރި ކަމަށް އެއްބަސްވެފައިވާ ރުސްތުމް ކޯޓުގައި


ދީނަ ފުރައްސާރަކުރި ރުސްތުމަށް ހަތަރު މަހުގެ ޖަލު ހުކުމެއް އިއްވައިފި

14 އޮގަސްޓު 2022 - 11:28 0

ސޯޝަލް މީޑިއާގައި މާތްﷲ އާއި އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މުހައްމަދު ރުސްތުމް މުޖުތަބާއަށް ހަތަރު މަހުގެ ޖަލު ހުކުމަށް ކްރިމިނަލް ކޯޓުން މިއަދު އިއްވައިފި އެވެ.

ދީނަށް ފުރައްސާރަ ކުރި ކަމަށް އެއްބަސްވެފައިވާ ރުސްތުމަށް ޖަލު ހުކުމެއް އިއްވި ނަމަވެސް އެ މައްސަލައިގައި އޭނާ ބަންދުގައި ހޭދަ ކުރި މުއްދަތު އެއަށްވުރެ ދިގުވުމުން އިތުރަށް ޖަލުގައެއް ނުބަހައްޓާނެ އެވެ.

ރުސްތުމްގެ މައްޗަށް ދެ ދައުވާއެއް ކުރި އެވެ. އެއީ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ. ދެ ދައުވާއަށް ވެސް ރުސްތުމް އިއުތިރާފުވެ އެވެ.

މި މައްސަލާގައި ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަހު ރުސްތުމް މިހާރު ވެސް ޖަލުގައި ހޭދަކޮށްފައިވެ އެވެ. އެހެންވެ ހަތަރު މަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އައި ނަމަވެސް މިއަދުން ފެށިގެން އޭނާ މިނިވަން ވާނެ އެވެ.

ގާނޫނުލް އުގޫބާތުގައި ދީނީ އެއްބައިވަންތަކަން ނަގާލުމުގެ ކުށަށް އޮންނަ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ. އެހެން ނަމަވެސް ރުސްތުމް ކުށަށް އިއުތިރާފްވެފައި ވާތީ އަދަބުގެ މިންވަރު ތިން މަހާއި 18 ދުވަހުގެ ހުކުމަކަށް ދަށްވެ އެވެ.

އޮރިޔާން ކާޑު ގެންގުޅުމުގެ ކުށަށް އޮންނަ އަސާސީ އަދަބަކީ އެއް އެއް މަހާއި ހަ ދުވަހަށް ޖަލަށް ލުމެވެ. އެ ކުށަށް ވެސް ރުސްތުމް އިއުތިރާފު ވެފައިވާއިރު، އޭރަށް އޭނާގެ ކުށުގެ އަދަބު 27 ދުވަހަށް ދަށްވެ އެވެ. އަދި އެއް ކުށަށް ވުރެ ގިނަ ކުށަށް އަދަބު ކަނޑައެޅުމުގެ އުސޫލުން 13 ދުވަހަށް ދަށްވެ އެވެ.

ރުސްތުމް ދެ ފަހަރެއްގެ މަތިން ހައްޔަރުކުރި އެވެ. އެންމެ ފުރަތަމަ ހައްޔަރު ކުރީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން ދޫކޮށްލާފައި ހުއްޓާ އަނެއްކާ ވެސް ދީނަށް ފުރައްސާރަކޮށްގެން ހައްޔަރުކުރީ 2020 ވަނަ އަހަރު އެވެ. މި މުއްދަތުތަކުގައި ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަހު އޭނާ ޖަލުގައި ހޭދަކޮށްފައިވެ އެވެ.