Advertisement

ސަލްމާން ރުޝްދީގެ ހާލު ރަނގަޅު، މިހާރު ވާހަކަ ދެއްކޭ

14 އޮގަސްޓު 2022 - 11:01 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސަލްމާން ރުޝްދީ. -- ފޮޓޯ: ރޮއިޓާޒް


ސަލްމާން ރުޝްދީގެ ހާލު ރަނގަޅު، މިހާރު ވާހަކަ ދެއްކޭ

14 އޮގަސްޓު 2022 - 11:01 0

މިދިޔަ ހުކުރު ދުވަހުގެ ރޭ ސްޓޭޖް މަތީގައި ހުއްޓައި، ވަޅިން ހަމަލާދިނުމުން ހާލު ސީރިއަސްވި ލިޔުންތެރިޔާ ސަލްމާން ރުޝްދީ ވެންޓިލޭޓަރުން ނަގައިފި އެވެ.

އުމުރުން 75 އަހަރުގެ ލިޔުންތެރިޔާގެ އޭޖެންޓު އެންޑްރޫ ވައިލީ ބުނީ ސަލްމާންގެ ހާލު ރަނގަޅުވަމުންދާ އިރު، މިހާރު ވާހަކަ ވެސް ދެއްކޭ ކަމަށެވެ.

އެކަމަކު ކުރިން އޭނާ ބުނީ ސަލްމާން ރުޝްދީގެ އެއް ލޯ ނަގަން ޖެހިދާނެ ކަމަަށެވެ. އެ ލިޔުންތެރިޔާއަށް ހަމަލާ ދިނީ ނިއު ޔޯކްގައި އޮތް އިވެންޓެއްގެ ތެރެއިންނެވެ.

އޭނާ މީގެ 30 އަހަަރު ކުރިން ލިޔުނު "ސެޓެނިކް ވާސާސް" ފޮތުގެ މައްސަލައިގައި މަރުގެ އިންޒާރު ދީފައިވެ އެވެ. އަދި އޭނާ މަރާލަން ގޮވާލައި އިރާނުން ފަތުވާއެއް ވެސް ނެރުނެވެ.

އެ ފޮތުގެ ސުރުހީއަކީ އިސްލާމްދީނާއި ކީރިތި ގުރުއާނަށް ފުރައްސާރަ ކުރާ ސުރުހީއެކެވެ. އެ ފޮތުގެ ބައެއް ވާހަކަތަކުގައި ގެނެސްދީފައި ވަނީ ކީރިތި ރަސޫލާ މުހައްމަދުގެފާނުގެ މައްޗަަށް ބިނާކޮށްފައިވާ ކެރެކްޓާއެކެވެ. އަދި ފޮތުގައި އުޅޭ ދެ ހަށިވިއްކާ އަންހެނުންނަށް ކީރިތި ރަސޫލާގެ ދެ އަނބިކަނބަލުންގެ ނަން ދީފައިވެ އެވެ.

ފަތުވާއާ އެކު އިރާނު ސަރުކާރުން ސަލްމާން ރުޝްދީގެ ބޮލަށް ތިން މިލިއަން ޑޮލަރު ހުށަހެޅި އެވެ. އެހެންވެ، ސަލްމާން ރުޝްދީ ގިނަ އަހަރުތަކެއް ވަންދެން އުޅުނީ ފިލައިގެންނެވެ.

ސްޓޭޖު މަތިން ހަމަލާދިން މައްސަލައިގައި ހައްޔަރު ކުރި އުމުރުން 24 އަހަރުގެ ހާދީ މަތާރް ވަނީ ގަސްދުގަައި މީހަކު މަރަން މަސައްކަތް ކުރިކަމުގެ ތުހުމަތަށް އިންކާރުކޮށްފަ އެވެ.

އޭނާއަށް ތުހުމަތު ކުރެވެނީ މަދުވެގެން 10 ފަހަރު ސަލްމާން ރުޝްދީގެ މޫނާއި، ކަރާއި، ބަނޑަށް ވަޅި ހެރި ކަމަށެވެ.