Advertisement

މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ މާދަމާ އަންނާނެ!

11 އޮގަސްޓު 2022 - 11:04 1

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި: މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ މާދަމާ އަންނާނެ ކަމަށް ބެލެވޭ-- ފޮޓޯ: އަބްދުﷲ އިޔާން


މިއަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ މާދަމާ އަންނާނެ!

11 އޮގަސްޓު 2022 - 11:04 1

މި އަހަރު ރާއްޖެއަށް ޒިޔާރަތް ކުރާ އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ތައްޔާރުވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އިން ބުނި ގޮތުގައި މާދަމާގެ ވަގުތެއްގައި އެއް މިލިއަން ފަތުރުވެރިޔާ ރާއްޖެ އަންނާނެ ކަމަށް ބެލެވެ އެވެ.

"މިއީ އުފާވެރި މުނާސަބަތެއް، އަޅުގަނޑުމެނަށް ކުރިމަތިވި ގޮންޖެހުންތަކާއެކު ވެސް އެއް މިލިއަން ފަތުރުވެރިންނަށް މަރުހަބާ ކިއުމާ ގާތަށް މި ވަނީ އާދެވިފައި، މިއީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ޓުރިޒަމް ދާއިރާގެ މުވައްޒަފުންނާއި ސްޓޭކްހޯލްޑަރުން ރެއާއި ދުވާލު ކުރި ބުރަ މަސައްކަތުގެ ނަތީޖާ،" އެމްއެމްޕީއާރްސީގެ ސީއީއޯ އަދި އެމްޑީ ތޮއްޔިބު މުހައްމަދު ވިދާޅުވި އެވެ.

ތޮއްޔިބު ވިދާޅުވި ގޮތުގައި، މި ކާމިޔާބީ ފާހަގަކުރާއިރު ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ ގޮތުގައި ރާއްޖެ އޮތް އޮތުން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތް ހަރުދަނާކޮށް ހިތްވަރާއެކު ކުރިއަށް ގެންދަން ޖެހެ އެވެ.

"އެމްއެމްޕީއާރްސީއިން ހުއްޓުމެއްނެތި މިދަނީ ސަނީ ސައިޑް އޮފް ލައިފް ދުނިޔޭގެ ފެންވަރުގައި ޕްރޮމޯޓުކުރުމުގެ މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީން ވަނީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކުރަން މި އަހަރުގެ މިހާތަނަށް ގިނަ މާކެޓިން ހަރަކާތްތައް ހިންގާފަ އެވެ. މީގެ ތެރޭގައި އިންޓަވިއުތަކާއި އެހެނިހެން ބައިވެރިވުން ހިމެނުމުން މާކެޓިން ހަރަކާތްތަކުގެ އަދަދު 400 އާ ގާތްކުރެ އެވެ.

މި އަހަރަށް ފާސްކުރި ބަޖެޓުގައި ޓޫރިސްޓުން ޒިޔާރަތްކުރާނެ އަދަދަކަށް ޖެހީ 1،632،432 ޓޫރިސްޓުންނެވެ. އެއީ "މޮޑަރޭޓް ކޭސް" ނުވަތަ ހާއްސަ ހާލަތެއް މެދުވެރިނުވާހާ ހިނދަކު އަންނާނެ ކަމަށް ލަފާކުރި އަދަދެވެ.

ޓޫރިޒަމް މާކެޓުތަކަށް ބަލާއިރު، ކުރިން އެއްވަނައިގައި އޮތް އިނގިރޭސިވިލާތް ފަހަތަށް ޖައްސާލުމަށް ފަހު އިންޑިއާ ވަނީ އެއްވަނައަށް އަރާފަ އެވެ. ތިންވަނައިގައި އޮތީ ކޮވިޑު ބަލިމަޑުކަމުގެ ދުވަސްވަރުން ފެށިގެން ޓޫރިސްޓުން އެންމެ ގިނައިން އަންނަ ރަޝިއާ އެވެ.