Advertisement

އެއާޕޯޓަކަށް ބޭނުންވާ ބިމާއެކީ މަގޫދޫ ބިން ހިއްކަން ފަށައިފި

10 އޮގަސްޓު 2022 - 20:06 1

އަމަން ހަލީމް

އަމަން ހަލީމް

މަގޫދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: މަގޫދޫން ހިއްކާ ބިން ބޭނުންކުރާނީ އެއާޕޯޓެއް އަޅާށާއި ދިރިއުޅުމާއި ވިޔަފާރީގެ ބޭނުންތަކަށް. -- ފޮޓޯ: އެމްޓީސީސީ


އެއާޕޯޓަކަށް ބޭނުންވާ ބިމާއެކީ މަގޫދޫ ބިން ހިއްކަން ފަށައިފި

10 އޮގަސްޓު 2022 - 20:06 1

ފ. މަގޫދޫގެ ބިމުގެ ދަތިކަން ހައްލުކުރުމަށާއި އެއާޕޯޓް އަޅަން ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

މިއީ ޕްލޭނިން މިނިސްޓްރީ 206.88 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ހިންގާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ މަސައްކަތްތަކުގެ ދަށުން ފ. މަގޫދޫ ފަޅުން 47.8 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. މީގެ ތެރެއިން 30.8 ހެކްޓަރު ހާއްސަވަނީ އެއާޕޯޓަށެވެ. ބާކީ 17 ހެކްޓަރު ބޭނުންކުރާނީ ދިރިއުޅުމާށާއި، ސިނާއި ބޭނުންތަކަށެވެ.

އޭގެ އިތުރުން 3339 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، ހިއްކާ ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން 90 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖަހާނެ އެވެ.

މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފަށަން ބޭއްވި ރަސްމިއްޔާތުގައި މަގޫދޫ ނިސްބަތްވާ ބިލެއްދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) އާއި މަގޫދޫ ކައުންސިލުގެ ރައީސް އަބްދުﷲ ވަހީދުގެ އިތުރުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވި އެވެ.

މަގޫދޫގައި އެއާޕޯޓެއް އެޅުމަށް އެންމެ ފުރަތަމަ އިއުލާންކުރީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގެ ފުރަތަމަ ކޮޅުގަ އެވެ. ނަމަވެސް ފަހުން އެ އެއާޕޯޓް އެ އަތޮޅުގެ ވެރިކަން ކުރާ ނިލަންދޫގައި އަޅަން ސިޔާސަތަށް 2016 ވަނަ އަހަރު ބަދަލު ގެނަ އެވެ.

ނިލަންދޫގައި އެއާޕޯޓެއް އަޅަން ސާވޭތަކެއް ކުރިއެއްކަމަކު ދައުރު ނިމުނުއިރު ވެސް އެ މަސައްކަތް ކުރިޔަކަށް ނުދެ އެވެ.

އަނެއްކާ ވެސް މަގޫދޫ ފަޅުން ބިން ހިއްކައިގެން އެއާޕޯޓެއް އަޅަން ނިންމީ މި ސަރުކާރުންނެވެ.

އެގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރައީސް އޮފީހުގައި އެ ރަށު ކައުންސިލާއެކު ބޭއްވި ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެއާޕޯޓު އަޅާނެ ކަމުގެ ޔަގީންކަން ކައުންސިލަރުންނަށް ދެއްވާފަ އެވެ.

މަގޫދޫގައި އެއާޕޯޓެއް އެޅުމަކީ އެ ރަށު ރައްޔިތުން ވެސް ވަރަށް އެދޭ ކަމެކެވެ. އަދި މި އެއާޕޯޓާއެކި ދަތުރުފަތުރަށް ދިމާވާ ދަތިތައް ހައްލުވެގެން ދާނެ ކަމުގެ ބޮޑު އުއްމީދެއް އެބައޮތެވެ. މިހާރު އެ ރަށާ އެންމެ ކައިރިން އޮންނަ އެއާޕޯޓަކީ 46 ކިލޯމީޓަރުގައި އޮންނަ އދ. މާމިގިލި އިންޓަނޭޝަނަލް އެއާޕޯޓެވެ.