Advertisement

ދެ ބިލިއަން ރުފިޔާއަށް ހަނިމާދޫ އެއާޕޯޓު މަޝްރޫއު ޖޭއެމްސީއަށް

10 އޮގަސްޓު 2022 - 19:23 0

އަމަން ހަލީމް

އަމަން ހަލީމް

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އޮންނާނެ ގޮތުގެ ކުރެހުމެއް: މި އެއާޕޯޓު ފަރުމާކުރީ ދިވެހި ކަނޑުތަކުގައި އުޅޭ މަޑި އަސްލަކަށް ބަލައިގެން. -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ


ދެ ބިލިއަން ރުފިޔާއަށް ހަނިމާދޫ އެއާޕޯޓު މަޝްރޫއު ޖޭއެމްސީއަށް

10 އޮގަސްޓު 2022 - 19:23 0

އުތުރުގައި އިގުތިސޯދީ ހަބެއް ގާއިމުކުރުމުގެ ބޭނުމުގައި ހިންގާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ބީލަން ކާމިޔާބުކުރި އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއަށް މަޝްރޫއު އެވޯޑުކޮށްފި އެވެ.

އިންޑިއާ އެގްޒިމް ބޭންކު މެދުވެރިކޮށް އެ ގައުމުގެ ސަރުކާރުން ހަމަޖައްސައިދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީން ހަރަދުކޮށްގެން އަޅާ މި އެއާޕޯޓަށް ކުރިން ހިނގާނެ ކަމަށް ލަފާކުރީ 85 މިލިއަން ޑޮލަރު ނުވަތަ 1.3 ބިލިއަން ރުފިޔާ އެވެ.

އެކަމަކު ޖޭއެމްސީއަށް އެ ޕްރޮޖެކްޓު ދިނީ އެޔަށް ވުރެ އަގުބޮޑުކޮށް ގާތްގަނޑަކަށް 137 މިލިއަން ޑޮލަރަށެވެ. އެއީ ދިވެހި ފައިސާއިން 2.1 ބިލިއަން ރުފިޔާ އެވެ.

މި މަޝްރޫއަށް އިތުރު ތިން ކުންފުންޏަކުން ބިޑު ކުރި އެވެ. ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައި ދިގުލައިގެން ދިޔަ ބީލަން މަރުހަލާއަކަށް ފަހު މި ޕްރޮޖެކްޓަށް ކޮންޓްރެކްޓަރަކު ހޯދުމުގެ މަސައްކަތް ދިގުލައިގެން ގޮސް، ބިޑުތައް އިވެލުއޭޓްކޮށް ނިމިފައި މިވަނީ ވެސް ހަތަރު މަސް ފަހުންނެވެ.

އެއާޕޯޓު މަސައްކަތް ކޮންޓްރެކްޓަރަކަށް އެވޯޑު ކުރުމާ ގުޅިގެން ނެރުނު ބަޔާނުގައި އިކޮނޮމިކް މިނިސްޓްރީން ބުނީ އެއާޕޯޓު އެޅުމުގެ މަސައްކަތް މި އަހަރު ފަހުކޮޅުު ފެށޭނެ ކަމަށެވެ. މި ޕްރޮޖެކްޓުގެ މަސައްކަތް އެއްކޮށް ނިމޭނެ ކަމަށް ލަފާކުރަނީ 2024 ގަ އެވެ.

ދިވެހި ކަނޑުތަކުގައި އުޅޭ މަޑި އަސްލަކަށް ބަލައިގެން ފަރުމާކޮށްފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަކީ ރާއްޖޭގެ އުތުރާއި ދެކުނުގައި އިގުތިސޯދީ ހަބުތަކެއް ގާއިމްކުރަން ސަރުކާރުން ގެންގުޅޭ ތަސައްވުރުގެ މުހިންމު މަސައްކަތެކެވެ.

މި މަޝްރޫއުގެ ދަށުން އެ އެއާޕޯޓުގައި 2.46 ކިލޯމީޓަރުގެ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ވަރުގެ ޓާމިނަލަކާއި އެހެނިހެން ވަސީލަތްތައް ގާއިމުކުރެވިގެން ދާނެ އެވެ. އަދި، މި މަޝްރޫއު ނިމުމުން އެއާބަސް A320 އަދި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވިގެންދާނެ އެވެ.

ސަރުކާރުގެ އުއްމީދަކީ ހަނީމާދޫ އެއާޕޯޓުގެ މަސައްކަތް ނިމުމުން މެދުއިރުމައްޗާއި، ދެކުނު އޭޝިއާ އާއި، ދެކުނު އިރުމަތީ އޭޝިއާގެ އިތުރުން އިރުމަތީ އެފްރިކާގެ ގައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދޫއަށް އޮޕަރޭޓް ކުރަން ފެށުމެވެ.

މި މަޝްރޫއަކީ މިހާތަނަށް އުތުރުގެ އަތޮޅެއްގައި އެންމެ ބޮޑު ހޭދައެއް ކޮށްގެން ހިންގާ މަޝްރޫއެވެ. އަދި މި އެއާޕޯޓް ތަރައްގީ ކުރެވުމުން ދިވެހިރާއްޖޭގެ އުތުރުގެ އަތޮޅުތަކުގެ ކުރިމަގު އާރާސްތުކޮށް، ފަތުރުވެރިކަމާއި މަސްވެރިކަމާއީ އެހެނިހެން ސިނާއަތްތައް ހިމެނޭގޮތަށް އިގުތިސޯދުގެ މައިދޮރަށް ހަނިމާދު ވެެގެން ދިޔުމަކީ މި މި ޕްރޮޖެކްޓުގެ އެންމެ މައިގަނޑު މަގުސަދު ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު މަޝްރޫއު ހަވާލުކުރި ޖޭއެމްސީއަކީ އިމާރާތްކުރުމާއި އިންފްރާސްޓްރަކްޗާގެ ބިޔަ މަޝްރޫއުތަކެއް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ. މިހާރު ވެސް އެ ކުންފުނިން ދަނީ ހުޅުމާލެ ފޭސް 2 ގައި 2000 ހައުސިން ޔުނިޓު އިމާރާތްކުރަމުންނެވެ.