Advertisement

ސަރުކާރުން ދުވާލަކަށް ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ ހަރަދުކުރޭ

10 އޮގަސްޓު 2022 - 13:33 1

އަމަން ހަލީމް

އަމަން ހަލީމް

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ސަރުކާރުގެ ހަރަދާއި ޑެފިސިޓް ކުޑަކުރަން މަސައްކަތް ފަށާފައިވާ ކަން އިއުލާންކުރެއްވީ ޖުލައި މަހު. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ސަރުކާރުން ދުވާލަކަށް ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ ހަރަދުކުރޭ

10 އޮގަސްޓު 2022 - 13:33 1

ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން ދުވާލަކު ސަތޭކަ މިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް ހޭދަވާ ކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ދައުލަތުގެ މާލިއްޔަތަށް އަލިއަޅުވާލާ ފިނޭންސުން ކޮންމެ ހަފުތާއަކު ނެރޭ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓު ބުނާ ގޮތުގައި މި އަހަރުގެ 29 ވަނަ ހަފުތާ ނިމުނުއިރު 20.7 ބިލިއަން ރުފިޔާ ހަރަދުވެއްޖެ އެވެ. މި އަދަދު، އެހާތަނަށް ވޭތުވީ ކޮންމެ ދުވަހަކަށް ހިސާބުކުރުމުން 99.4 މިލިއަން ރުފިޔާއަށް އަރަ އެވެ.

އެންމެ ބޮޑު ހަރަދެއް ހިނގީ ސަރުކާރުގެ މުވައްޒަފުންގެ އާމްދަނީ ހިންގުމުގެ ހަރަދުތަކަށެވެ. އެގޮތުން އެ ހަފުތާގެ ނިޔަލަށް ކުރެވުނު ހޭދައިގެ 75 ޕަސެންޓަކީ ރިކަރަންޓް ހަރަދެވެ.

ރިކަރަންޓް ހަރަދުގެ ބޮޑު ބަޔެއް ހިއްސާކުރަނީ ސަރުކާރުގެ އިދާރީ އަދި ހިނގުމުގެ ހަރަދެވެ. އެކަމަށް ނުވަ ބިލިއަން ރުފިޔާ ހަރަދުވެއްޖެ އެވެ. ދެން އެންމެ ބޮޑު ހަރަދަކީ މުވައްޒަފުންގެ މުސާރަ އާއި ޕެންޝަން ހަރަދެވެ. އެކަމަށް ހަރަދުވީ 6.3 ބިލިއަން ރުފިޔާ އެވެ.

މި ދެ ހަރަދާއި އެހެނިހެން ރިކަރަންޓް ހަރަދުތައް ހިމަނައިގެން ޖުލައި މަސް ނިމެން ކައިރިވީއިރު 15.5 ބިލިއަން ރުފިޔާ ހަރަދުވެއްޖެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދުވީ 12.9 ބިލިއަން ރުފިޔާއަށް ވުރެ 2.5 ބިލިއަން ރުފިޔާ ނުވަތަ 20 ޕަސެންޓު ބޮޑު އަދަދެކެވެ.

ތަރައްގީގެ މަޝްރޫއުތަކާއި ހަރުމުދާ ގަންނަން ހިނގާ ކެޕިޓަލް ހަރަދުތަކަށް ބަލައިއިރު އެންމެ ގިނަ ފައިސާ ހަރަދުވީ އިންފްރާސްޓްރަކްޗާ އަޅަން ހިނގާ ހަރަދުތަކަށެވެ. އެކަމަށް 2.6 ބިލިއަން ރުފިޔާ ހަރަދުވެއްޖެ އެވެ. ކެޕިޓަލް ހަރަދުގެ ގޮތުގައި ޖުމްލަ ހަރަދުވީ 5.2 ބިލިއަން ރުފިޔާ އެވެ.

އޭގެ އިތުރުން ސަރުކާރުން ނަގާފައިވާ ލޯނުތައް އަދާކުރަން އިތުރު ދެ ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މިވަރުގެ ބޮޑު ހޭދައެއް ކުރި ނަމަވެސް އާމްދަނީގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ލިބުނު 15.7 ބިލިއަން ރުފިޔާ ކޮންމެ ދުވަހަކަށް ބަހާލުމުން ޖެހެނީ ދުވާލަކަށް 75.2 މިލިއަން ރުފިޔާ އެވެ. މިހެންކަމުން ސަރުކާރުން ދަނީ ލިބޭ ފައިސާއަށް ވުރެ އިތުރަށް ދުވާލަކު 24 މިލިއަން ރުފިޔާ ހަރަދުކުރަމުންނެވެ.

މިހާރު ދުނިޔެއަށް ދިމާވެފައިވާ އިގުތިސޯދީ ނުތަނަވަސްކަމާ ގުޅިގެން ސަރުކާރުން ވަނީ މި ޑެފިސިޓް ކުޑަކުރަން މަސައްކަތްތަކެއް ފަށާފަ އެވެ.

ފިނޭންސް މިނިސްޓަރު އަމީރު ޖުލައި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވާ ގޮތުގައި މީގެ މައިގަނޑު ބޭނުމަކީ ދަރަންޏަށް ފައިސާ ހޯދައިގެން ހަރަދުތައް ހަމަޖެއްސުން ކުޑަކުރުމެވެ. ސަބަބަކީ މިހާރު ދުނިޔޭގެ ބާޒާރުގައި ފައިނޭންސިން އިންޓްރެސްޓް ބޮޑު ކަމުން، އެގޮތަށް ފައިސާ ހޯދައިގެން ހަރަދުތައް ހަމަޖެއްސުމަކީ ރައްކާތެރި އަދި ދެމެހެއްޓެނިވި ކަމަކަށް ނުވާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ހަރަދުތައް ކުޑަކުރުމަށާއި އާމްދަނީ އިތުރުކުރަން ވެސް ސިޔާސަތުތަކެއް ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން ހަރަދުތައް ކުޑަކުރަން އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ސަބްސިޑީ ދޭގޮތަށް ނިޒާމު ބަދަލުކުރުމުގެ މަސައްކަތާއި މުދަލާއި ހިދުމަތް ނަގާ ޖީޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރުމުގެ މަސައްކަތް ފިނޭންސުން ދަނީ ކުރަމުންނެވެ.