Advertisement

ހާލަންޑް ތަފާތު ދައްކައި ޗެމްޕިއަން ސިޓީ މޮޅުކޮށްދީފި

8 އޮގަސްޓު 2022 - 01:39 0

ސިޓީގެ ހާލަންޑް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ހާލަންޑް ތަފާތު ދައްކައި ޗެމްޕިއަން ސިޓީ މޮޅުކޮށްދީފި

8 އޮގަސްޓު 2022 - 01:39 0

ލަންޑަން (އޮގަސްޓް 7) - އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީން މި ފަހަރުގެ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑްގެ ދެ ގޯލާ އެކު، ވެސްޓް ހޭމް ޔުނައިޓެޑް އަތުން 2-0 އިން މޮޅުވެއްޖެ އެވެ.

ބޮރޫޝިއާ ޑޯޓްމަންޑް އިން 63 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއްގައި ސިޓީއާ ގުޅުނު ހާލަންޑްގެ ފަރާތުން ޗެރިޓީ ޝީލްޑް މެޗުގައި ލިވަޕޫލާ ދެކޮޅަށް އެދެވޭ ކުޅުމެއް ނުދެއްކޭތީ މީޑިއާގެ ފާޑުކިޔުން އަމާޒުވި އެވެ. އެ ވާހަކަތަކަށް ހާލަންޑް ވަނީ ލީގުގެ ފުރަތަމަ މެޗުގައި ޖަވާބުދީފަ އެވެ.

ވެސްޓް ހޭމްގެ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ސިޓީގެ ދެ ގޯލު ވެސް ޖެހީ ހާލަންޑް އެވެ. މެޗުގެ 36 ވަނަ މިނިޓްގައި ސިޓީން ލީޑުނެގީ ހާލަންޑް ޖެހި ޕެނަލްޓީންނެވެ. މިއީ ހާލަންޑަށް ވެސްޓް ހޭމްގެ ކީޕަރު، އަލްފޮންސޯ އަރެއޯލާ ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. އަރެއޯލާ ކުޅެން އެރީ 29 ވަނަ މިނިޓްގައި ވެސްޓް ހޭމްގެ އެއް ވަނަ ކީޕަރު ލޫކަސް ފަބިއާންސްކީ އަށް އަނިޔާވެގެންނެވެ.

ތިރީސް ޑިގްރީ ސެލްސިއަސް އަށް ހޫނުގަދަ ދުވަހެއްގައި ކުޅުނު މި މެޗުގެ ދެ ވަނަ ހާފް ފަށައިގެން ވެސްޓް ހޭމް އިން ގޯލެއް ޖެހޭތޯ ކުރިއަށް އަރައި ކުޅެން ފެށި އެވެ. އޭގެ ނަތީޖާ އަކަށްވީ ސިޓީގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ އަށް މެދުތެރެއިން ލިބޭ ޖާގަތައް ބޮޑުވުމެވެ. ސިޓީން ވަނީ އެ ފުރުސަތުގެ ފައިދާ ނަގައިފަ އެވެ. އެ ގޮތުން މެޗުގެ 65 ވަނަ މިނިޓްގައި ޑި ބްރޭނާ ދިން ބޯޅައަކުން ހާލަންޑް ވަނީ ސިޓީގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ހާލަންޑް މަޑުމަޑުން މި ލީގުގެ "އިންޓެންސިޓީ" އަށް ހޭނޭވަރަކަށް ތަފާތު ދައްކަމުންދާނެ ކަމަށާއި ވެސްޓް ހޭމް ކަހަލަ އުނދަގޫ ޓީމެއް ކައިރީގައި ހާލަންޑް ދެއްކި ކުޅުމަކީ ފެށުމެއް ކަމަށެވެ.

ހާލަންޑް ބުނީ ކުޅުންތެރިންނާ ގުޅިގެން ސިޓީގެ ސްޓައިލަށް ހޭނެން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ވެސްޓް ހޭމް ކޮޅަށް ފެނުނު ދެ ގޯލަކީ ފެށުމެއް ކަމަށެވެ.

ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑްގެ އާ ކޯޗު އެރިކް ޓެން ހާގްގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ވަނީ 2-1 އިން ބްރައިޓަން އަތުން ބަލިވެފަ އެވެ. ދެން، މިރޭ ކުޅުނު މެޗުގައި ލެސްޓާ ސިޓީ ދެ ގޯލުގެ ލީޑެއްގައި އޮއްވައި، ބްރެންޓްފޯޑް ވަނީ 2-2 އިން އެއްވަރުކޮށްފަ އެވެ.