Advertisement

މެންޗެސްޓާ ޔުނައިޓަޑާ އެކު ޓެން ހާގަށް ހިތި ފެށުމެއް

7 އޮގަސްޓު 2022 - 20:32 0

ޔުނައިޓެޑްގެ ކެޕްޓަން މެގުއާ ބްރައިޓަންގެ ކުޅުންތެރިއަކު ގައިގައި ހިފަހައްޓައިގެން.-- ފޮޓޯ: އޭއެފްޕީ


މެންޗެސްޓާ ޔުނައިޓަޑާ އެކު ޓެން ހާގަށް ހިތި ފެށުމެއް

7 އޮގަސްޓު 2022 - 20:32 0

މެންޗެސްޓާ (އޮގަސްޓް 7) - މެންޗެސްޓާ ޔުނައިޓަޑްގެ އާ ކޯޗު އެރިކް ޓެން ހާގްގެ އިރުޝާދުގެ ދަށުން އެ ޓީމުގެ ކުޅުނު ވާދަވެރި ފުރަތަމަ މެޗުގައި މިރޭ ބްރައިޓަން އަތުން 2-1 އިން ޔުނައިޓަޑް އަމިއްލަ ދަނޑުގައި ބަލިވެއްޖެ އެވެ.

މިއީ ޔުނައިޓެޑާ އަލަށް ހަވާލުވި ކޯޗަކު މިދިޔަ އަށް އަހަރު ތެރޭ ލީގުގެ ފުރަތަމަ މެޗުން ބަލިވި ފަހަރެވެ. ޓެން ހާގްގެ ކުރިން އެންމެ ފަހުން ބައްޔަކުން ލީގު ފަށަން ޖެހުނީ 2014 ވަނަ އަހަރު ޔުނައިޓެޑާ ހަވާލުވެހުރި ކޯޗު ލުއީ ވެން ހާލް އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަންގައި ޔުނައިޓަޑް ކުޅުނު ފުރަތަމަ މެޗަށް ޓެން ހާގް ނެރުނު ފުރަތަމަ 11 ގައި ތަޖުރިބާކާރު ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ޖާގައެއް ނުލިބުނެވެ. އެކަމަކު، ޔުނައިޓަޑާ އަލަށް ގުޅުނު އާޖެންޓީނާގެ ޑިފެންޑަރު ލިސަންދުރޯ މާޓިނޭޒާއި ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ފުރަތަމަ 11 ގައި ކުޅުނެވެ.

ޔުނައިޓެޑްގެ ވެން ޑަ ބީކް (ކ) އާއި ބްރައިޓަންގެ މާޗް ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ


ޔުނައިޓެޑްގެ ދަނޑު އޯލްޑް ޓްރެފޯޑްގައި މިއަދު ކުޅުނު މެޗަށް އެ ޓީމުން ނުކުތީ ކްރިސްޓިއާނޯ ރޮނާލްޑޯ ބެންޗުގައި ބައިންދައިގެންނެވެ. މިއީ ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ޔުނައިޓެޑުން ކުޅުނު މެޗު ނުނިމެނިސް ދަނޑުން ދިޔަ މައްސަލައިގައި ރޮނާލްޑޯ އަށް ޓެން ހާގް ނުސީދާ ގޮތަކަށް ފާޑުކީ ފަހުން ކުޅުނު ފުރަތަމަ މެޗެވެ.

ޓެން ހާގް، މީގެ ކުރިން ވަނީ ރޮނާލްޑޯ ޓީމާ އެކު ގިނަ ޕްރެކްޓިސްތަކެއް ކުރަން ޖެހޭ ކަމަށް ބުނެފަ އެވެ. ރޮނާލްޑޯ ވަނީ މިއަދު ބްރައިޓަންއާ ދެކޮޅަށް ބަދަލަކަށް ދެ ވަނަ ހާފުގައި ކުޅެން އަރައިފަ އެވެ.

ޓެން ހާގްގެ އިރުޝާދުގެ ދަށުން ރަނގަޅު ފެށުމެއްގެ އުންމީދުގައި ނުކުތް ޔުނައިޓަޑްގެ ސަޕޯޓަރުންގެ އަޑު މަޑުކޮށްލައި، ބްރައިޓަން އިން ލީޑު ނެގީ މެޗުގެ 30 ވަނަ މިނިޓުގައި ޕަސްކާލް ގްރޯސް އެވެ. އޭރިޔާ ތެރެއިން ގްރޯސް ގޯލުގެ ތެރެއަށް ބޯޅަ އަމާޒުކޮށްލިއިރު، މި ލަނޑު ޖެހުމަށް އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޔުނައިޓަޑްގެ ކުރީގެ ފޯވަޑް ޑެނީ ވެލްބެކް އެވެ.

ގްރޮސް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


ފުރަތަމަ ހާފު ނިމުމުގެ ކުރިން، ގްރޯސް ވަނީ އިތުރު ލަނޑެއް ޖަހައި، ބްރައިޓަންގެ ލީޑު ފުޅާކޮށްފަ އެވެ. ބްރައިޓަންގެ ސޮލީ މާޗް ޖެހި ޝޮޓެއް ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ އަތުގައި ޖެހިފައި ރީބައުންސްވެގެން އައި ވަގުތު ގްރޮސް ވަނީ ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކުރި ޔުނައިޓަޑްގެ އުންމީދު އާވީ މެޗުގެ 68 ވަނަ މިނިޓުގައި ބްރައިޓަންގެ އެލެކްސިސް މެކަލިސްޓާ އަތުން ބައިކޮޅަށް ވަތް ލަނޑާއެކު އެވެ. މެޗުގެ ބާކީ އޮތް ވަގުތުގައި ޔުނައިޓަޑްގެ މާކަސް ރަޝްފޯޑާއި މާޓިނޭޒަށް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބުނު ނަމަވެސް، ބްރައިޓަންގެ ގޯލަށް މާ ބޮޑު ނުރައްކަލެއް ނުކުރެވުނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލެސްޓާ ސިޓީ އާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެނެވެ.