Advertisement

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޝައިހް އާދަމް ނިޝާން ކޯޓުން ދޫކޮށްލައިފި

7 އޮގަސްޓު 2022 - 12:53 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޝައިހް އާދަމް ނިޝާން ހައްޔަރުކޮށްގެން ގެންދަނީ: ޝަރުތުތަކާއެކު ކޯޓުން ވަނީ ނިޝާން ދޫކޮށްލާފަ - ފޮޓޯ: މުހައްމަދު ޝާބިން | އަދަދު


ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޝައިހް އާދަމް ނިޝާން ކޯޓުން ދޫކޮށްލައިފި

7 އޮގަސްޓު 2022 - 12:53 0

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ޖޫން 21 ގައި ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކޮށްފައިވާ ޝައިހު އާދަމް ނިޝާން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މި ހަމަނުޖެހުން ހިންގަން ރޭވުމުގައި އިސް ދައުރެއް އަދާކުރި ކަމަށް ތުހުމަތުކޮށް އާދަމް ނިޝާން ހައްޔަރުކުރީ ޖޫން 22 ވަނަ ދުވަހު އެވެ.

އެ ފަހުން ބަންދުގެ މުއްދަތު އިތުރުކުރަމުން ގޮސް ޖުލައި 19 ގައި ބަންދަށް 16 ދުވަސް އިތުރުކޮށްފައިވެ އެވެ. އެ މުއްދަތު ހަމަވުމުން ކްރިިމިނަލް ކޯޓުން ދިނީ ތިން ދުވަހުގެ މުއްދަތެކެވެ.

އެ މުއްދަތު ވެސް ހަމަވެގެން މިއަދު ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ ދޫކޮށްލައިފަ އެވެ. މި ކަން ފުލުހުން ވެސް ކަަށަވަރުކޮށްދެ އެވެ.

ޝައިހު އާދަމް ނިޝާން ބަންދުކުރަން ނެރުނު އަމުރުތައް ވެސް ހިމެނޭ ގޮތަށް، އާދަމް ނިޝާންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށް ހުށަހެޅި އެވެ. ހައި ކޯޓުން ނިންމީ ބަންދުގެ މުއްދަތު ދަށު ކޯޓުން ދިނީ ރަނގަޅަށް ކަމަށެވެ.

އާދަމް ނިޝާން މިއަދު ދޫކޮށްލާފައިވަނީ ތިން ޝަރުތެއް ކޮށްފަ އެވެ.

އެއީ ފޯނު ނަންބަރާއި އެޑްރެސް ކޯޓަށް އެންގުމަށާއި، ފުރައިގެން ދާން ޖެހިއްޖެނަމަ ލިޔުމުން ކޯޓަށް އެ ކަން އެންގުން އަދި އިތުރު ކުށެއް ނުކުރުމަށެވެ.

މައްސަލައިގެ ފަސްފަހަތް

ޖޫން 21 ގެ ހެނދުނު 6:30 ގައި ފެށި ހަރަކާތަށް ހުރަސް އަޅަން ގަދަކަމުން ގަލޮޅު ދަނޑަށް ވަދެ ބަޔަކު ހަމަލާ ދިނެވެ. އެ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވާހަކަ ދައްކަވަން ހުއްޓައި ބަޔަކު ދަނޑަށް ވަދެގަނެ އަޑު ގަދަކުރަމުން އެ ހަރަކާތް ހުއްޓުވި އެވެ. އެވަގުތު އިންޑިއާގެ ހައި ކޮމިޝަނަރާއި އދ. އިން ރާއްޖެއަށް ކަނޑައަޅާފައި ތިބޭ ޑިޕްލޮމެޓުން ވެސް ތިއްބެވެ.

ގިނަ އަދަދެއްގެ ޑިޕްލޮމެޓުން ތިއްބައި, ފުލުހުންގެ ސަފުތައް ފޫއަޅުވައި އެ ބޭފުޅުންނާ ހަމައަށް ހަމަލާ ދޭން ބަޔަކަށް ވަދެވުމުން ފުލުހުންނަށް ވެސް ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އަދި, އެ ހަރަކާތުގެ މައުލޫމާތު ކުރިން ލިބިފައިވާއިރު, އެކަމަށް ފުލުހުންނަށް ތައްޔާރުވެފައި ނެތް ކަމަށް ބުނެ ވެސް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

މި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތާ މެދު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި މިކަން ހިނގައިދިޔަ ގޮތް ބަލަން ކުރިޔަށް ގެންދާ ރިވިއުއަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ގަލޮޅު ދަނޑުގެ ގޭޓްތަކުން މީހުންތައް ވަދެގަނެ, ދިދަތަކުން ބައެއް މީހުންނަށް ހަމަލާދޭން މަސައްކަތްކޮށްފައިވެ އެވެ. އެ މީހުންގެ ހަމަލާ އަމާޒުވި މީހުންގެ ތެރޭގައި އިންޑިއާ ހައިކޮމިޝަނުގެ މުވައްޒަފަކު ވެސް ހިމެނެ އެވެ. ނަމަވެސް، އެއްވެސް ޑިޕްލޮމެޓަކަށް އަނިޔާ ވެފައެއް ނުވެ އެވެ.

އެ މީހުން ދަނޑަށް ވަދެގަތީ ދަނޑުގެ ބޭރުގައި ޖަހާފައި ހުރި ފެންސް ވެސް ހަލާކުކޮށްލުމަށް ފަހު އެވެ. އެ ތަނުގައި ޖަހާފައި ހުރި ބައެއް ބޯޑުތަކަށް ވެސް ގެއްލުން ދިނެވެ. ފުލުހުންނަށް އެ މީހުން ބޭރުކޮށްލެވުނީ 40 ވަރަކަށް މިނެޓު ފަހުންނެވެ. އަދި، އެއްވި މީހުން ފޮނުވާލަން ކަރުނަ ގޭސް ވެސް ޖެހި އެވެ.