Advertisement

ތުރުކީއިން ރަޝިއާގެ ގޭހަށް ރޫބްލްއިން ފައިސާ ދައްކަނީ

7 އޮގަސްޓު 2022 - 11:02 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން އަދި ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން. -- ފޮޓޯ: އޭއެފްޕީ


ތުރުކީއިން ރަޝިއާގެ ގޭހަށް ރޫބްލްއިން ފައިސާ ދައްކަނީ

7 އޮގަސްޓު 2022 - 11:02 0

ރަޝިއާއިން ތުރުކީއަށް ފޯރުކޮށްދޭ ގޭހުގެ އެއް ބައިގެ އަގު ދެން ދައްކާނީ ރަޝިއާގެ ފައިސާ ރޫބްލްއިން ކަމަށް ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން ވިދާޅުވެއްޖެ އެވެ.

އުރުދުގާން އެކަން އިއުލާނު ކުރެއްވީ ރަޝިއާގެ ސޯޗީގައި ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިންއާ ބައްދަލުކުރެއްވިތާ އެއް ދުވަަސް ފަހުންނެވެ.

މިދިޔަ ހުކުރު ދުވަހު ރަޝިއާއިން ވެސް ބުނީ ރޫބްލްއިން ފައިސާ ދައްކަން ތުރުކީ ތައްޔާރު ކަމަށެވެ. ދެ ލީޑަރުންގެ ހަތަރު ގަޑިއިރަށް ދެމިގެން ދިޔަ ބައްދަލުވުން އޮތީ އޭގެ ފަހުންނެވެ.

ނަމަވެސް ރޫބްލްއިން ފައިސާ ދައްކާނީ ކިހާ ޕަސެންޓޭޖެއްގެ ގޭހަށް ކަމެއް ހާމައެއް ނުކުރެ އެވެ.

ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން ޑޮލަރުން ރަޝިއާއާ މުއާމަލާތް ކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ.

އެހެންވެ، ރަޝިއާއިން ވެސް ޑިމާންޑްކޮށްފައި ވަނީ އެ ގައުމުން ފޯރުކޮށްދޭ ތެލާއި ގޭހަށް ރޫބްލްއިން އަގު ދެއްކުމަށެވެ. އެކަމަކު ޔޫރަޕް ގައުމުތަކުން ބުނަނީ އެއީ ސޮއިކުރި އެއްބަސްވުމާ ހިލާފު ގޮތެއް ކަމަށެވެ.

ރޫބްލްއިން އަަގު ދެއްކުމުގެ އިތުރުން ރަޝިއާާގެ މިރް ޕޭމެންޓް ސިސްޓަމް ތުރުކީގައި ބޭނުން ކުރުން ފުޅާ ކުރުމަށް ވެސް ދެ ލީޑަަރުންގެ މަޝްވަރާއަށް ފަހު ނިންމި އެވެ.

ރަޝިއާ އާއި ތުރުކީއާ ދެމެދު އަަދިވެސް ދަތުރުތައް ކުރާ އިރު، އެ ސިސްޓަމް ބޭނުން ކުރެވުމަކީ ރަޝިއާގެ ފަތުރުވެރިންނަށް ތުރުކީގައި އުޅެން ފަސޭހަވެގެން ދާާނެ ކަމެކެވެ.

ތުރުކީގެ ތެލުގެ އިމްޕޯޓުގެ ތިންބައިކޮށްފައި އެއްބައި ލިބެނީ ރަޝިއާއިންނެވެ. އަދި ގޭހުގެ 50 ޕަސެންޓު ރަޝިއާއިން ފޯރުކޮށްދިން ކަމަށް 2021 ވަނަ އަހަރުގެ ޑޭޓާއިން ދައްކަ އެވެ.