Advertisement

ޝިއާގެ އަނިޔާވެރި މަރު އަދި ގާތިލުކަމަށް ތުހުމަތުކުރެވޭ ޝާހިލްގެ ބައެއް ވާހަކަތައް

7 އޮގަސްޓު 2022 - 12:18 1

ނިމާ ހަސަން

އަދި

ހަސަން މުހައްމަދު

ނިމާ ހަސަން
ހަސަން މުހައްމަދު

ޝާހިލް އަދި ޝިއާ: އެ މައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ ޝާހިލް އެކަނި -- ފޮޓޯ: އިންޓަނެޓު


ޝިއާގެ އަނިޔާވެރި މަރު އަދި ގާތިލުކަމަށް ތުހުމަތުކުރެވޭ ޝާހިލްގެ ބައެއް ވާހަކަތައް

7 އޮގަސްޓު 2022 - 12:18 1

ނިމާ ހަސަން
ހަސަން މުހައްމަދު

ނިމާ ހަސަން

އަދި

ހަސަން މުހައްމަދު

"އުންމީދަކީ އަމިއްލަ ކުޑަ ކެފޭއެއް ހުޅުވޭނެ ދުވަހެއް ފެނުން. އަމިއްލަ ތަނަކަށް ވިޔަސް ބޭނުންވަނީ އަމިއްލަ އަށް ސާވްކުރަން. ވަރަށް ހިތްހަމަޖެހޭ މީހުންނަށް ކޮފީ ކަމުދެޔޭ ބުނީމަ. އެންމެ އުފާވަނީ މޫނުމަތިން އެ ބުއިން ކަމުގޮސްފިކަން އެނގުނީމަ."

އެއީ ރޭ ދަންވަރުގެ ވަގުތެއްގައި މާލޭގެ ގެއެއްގައި މަރާލާފައި އޮއްވާ ފެނުނު ޝިއާއު "ޝިއާ" މުހައްމަދު ސައީދު، 22، މީގެ ދެ އަހަރު ކުރިން ރާއްޖޭގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ހިއްސާކުރި ހުވަފެނެވެ. ނަމަވެސް އެ ހުވަފެން ވެސް، ޝިއާގެ އަނިޔާވެރި ގަތުލާއެކު ރޭ މަރުވެއްޖެ އެވެ.

މޮޑެލްކޮށް އަދި ބަރިސްޓާއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރި ޝިއާ މަރާލާފައި ވަނީ ހ. ޝީރީންވިލާގަ އެވެ. އޭނާއަކީ މޮޑެލް ކުރާ މީހުންގެ މެދުގައި މަޝްހޫރު، ނޫސްތަކުގައި ފީޗާވެފައި ހުރި އަދި "އަ މޮޑެލް އިންދަ މޭކިން" ޕްރޮގްރާމުގައި ބައިވެރިވެފައި ހުރި ޒުވާނެކެވެ.

ހ. ޝީރީންވިލާގައި ޝިއާ މަރާލާފައި އޮއްވާ ފެނުނު އެޕާޓްމަންޓުން ހައްޔަރު ކުރީ އަލީ ޝާހިލް، 23، އެވެ. އޭނާއަކީ ސްކޭޓް ކުރުމަށް މަޝްހޫރު، ރާއްޖެއިން ބޭރުގެ އިވެންޓަކުން ކާމިޔާބު ހޯދާފައިވާ ޒުވާނެކެވެ. އޭނާގެ ވާހަކަ ވެސް ނޫސްތަކުގައި ފީޗާވެފައިވެ އެވެ.

ޝިއާއަކީ ފުވައްމުލަކުގެ މަސައްކަތްތެރި އާއިލާއަކަށް އުފަން ކުއްޖެކެވެ. ޝިއާގެ މަންމައަކީ އެ ރަށު ހޮސްޕިޓަލުގެ ސީނިއާ ނަރުހެކެވެ. އޭނާގެ ދައްތައަކީ އައިޖީއެމްއެޗުގައި މަސައްކަތް ކުރާ ޑޮކްޓަރެކެވެ.

"މޮޑެލް ކުރަން ފެށުނީ ތިމާގެ ކުއްޖަކު ފޮޓޯގްރަފީ ކޯހެއް ފެށީމަ އޭނައަށް ހެލްޕުވެދިނުމުގެ ގޮތުން،" ރަށުން އޯލެވެލް ނިންމުމަށްފަހު މާލެ ބަދަލުވި ޝިއާ، އަ މޮޑެލް އިން ދަ މޭކިން ޕްރޮގްރާމުގައި ބުނެފައިވެ އެވެ.

ޝާހިލްގެ ބައްޕަ އިބްރާހިމް ނަސީމް "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ އޭނާގެ ދަރިފުޅު ވަކިން ދިރިއުޅޭތާ ހަތަރު އަހަރުވެފައިވާ ކަމަށެވެ. އަދި ޝީރީންވިލާއަކީ އޭނާގެ ދަރިފުޅު "ސްކޭޓް ކުރާ ކުދިންނާއެކު" ދިރިއުޅެމުން އައި ގެ ކަމަށް ވެސް އޭނާ ބުންޏެވެ.

"ރޭގެ ހާދިސާއާ ބެހޭ އެއްވެސް މައުލޫމާތެއް ނޭނގޭ. އަޅުގަނޑާ ވަކިން އުޅޭތާ މިހާރު ހަތަރު އަހަރުވެއްޖެ،" ފުވައްމުލަކުގައި ހުރެ ފޯނުން ވާހަކަ ދައްކަމުން ނަސީމް ބުންޏެވެ.

ޝާހިލްއަކީ 2017 ވަނަ އަހަރު ރާއްޖެއިން ބޭރުގައި ބޭއްވި ސްކޭޓިން މުބާރާތަކުން އެއް ވަނަ ހޯދާފައިވާ ޒުވާނެކެވެ. އޭނާގެ އަމިއްލަ މަސައްކަތުން މުބާރާތުގައި ބައިވެރިވެ ވަނަ ހޯދުމުން އެއިރު ވަރަށް ތަރުހީބު ލިބިފައިވެ އެވެ. ކުޅިވަރުގެ މަޝްހޫރު ސްޕޮންސަރު ރެޑްބުލްއާއެކު ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް ފަހުން އެ ކުންފުނިން ޝާހިލްއާ ފެއަށް ޖެހިލި އެވެ.

"އޭނާގެ ބައެއް މައްސަލަތައް ހުރީމަ ރެޑްބުލްއިން ވެސް ބޭނުމެއް ނުވި ފަހުން ޝާހިލާއެކީ މަސައްކަތް ކުރަން. ސްކޭޓު ޕާކުގައި ޒުވާބު ކުރުމާއި އެހެން މީހުންނާ މައްސަލަ ޖެހުމާއި ޓީޝާޓު ނުލައި އުޅޭތީ އެއީ އެހެން ކުދިންނަށް ރަނގަޅު އިންފްލުއެންސެއް ނޫން ކަމަށް ރެޑްބުލްއިން ދެކުނީ،" ނަން ނުޖެހުމަށް އެދި، ޝާހިލް ދަންނަ، އޭނާއާއެކު މަސައްކަތް ކުރި މީހަކު ބުންޏެވެ.

ޝާހިލްގެ ރުޅީގެ މައްސަލަ ކުރިން ވެސް ފާހަގަވެފައިވާ ކަމަށް އޭނާގެ ބައްޕަ ވެސް މި ނޫހަށް ކިޔައިދިނެވެ.

"ވަރަށް ރުޅިގަދަވާނެ އޭނަ،" ޝާހިލްގެ ބައްޕަ ބުންޏެވެ.

ރޭގެ ހަރަކާތްތަކަށް ބަލާއިރު ޝާހިލް އިއްޔެގެ ވަގުތެއްގައި މާލޭގެ ބޫޓު ވިއްކާ ފިހާރައަކަށް ވަދެ، ތިން ބޫޓު ގަތް ކަމަށް އެނގިފައިވެ އެވެ. އެ ބޫޓު ޑެލިވާ ކޮށްފައި ވަނީ ޝީރީންވިލާއަށެވެ.

"ޕެކޭޖު ނެގީ ކާކުކަމެއް ނޭނގޭ. މޫނެއް ވެސް ރަނގަޅަށް ނުފެނޭ. އެކަމަކު ހަމަ ގައިމު ވެސް އޭނަ [ޝާހިލް] ފިހާރައަށް އައި ހަވީރު ހަތަރަކާއި ހަޔަކާ ދޭތެރޭ،" ޝާހިލް ގަތް ތިން ސްކޫލު ބޫޓު ޑެލިވާ ކުރި، އަދި ބޫޓު ގަތް އިރު އޭނާ ފިހާރައިން ފެނުނު މީހަކު މި ނޫހަށް ކިޔައިދިނެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި ޝިއާ މަރާލުމަށްފަހު އޭނާގެ ހަށިގަނޑުގެ ބައެއް ގުނަވަންތައް ބުރި ކުރުމަށް ހުރީ މަސައްކަތްކޮށްފަ އެވެ. އެގޮތުން އޭނާގެ ބޮލާއި ދެ އަތް އަދި ދެ ފައި ބުރިކޮށްލުމަށް މަސައްކަތްކޮށްފައި ހުރި ކަމަށްވެ އެވެ. މި ހާދިސާގެ ތަހުގީގު ފުލުހުން ދަނީ ކުރަމުންނެވެ.