Advertisement

އިންޑިއާގެ ޕްރެޝަރާ ހެދި ޗައިނާގެ ބޯޓު ލަންކާއަށް ދިޔުން ލަސްކުރަން އެދެފި

7 އޮގަސްޓު 2022 - 10:49 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ. -- ފޮޓޯ: އީޕީއޭ


އިންޑިއާގެ ޕްރެޝަރާ ހެދި ޗައިނާގެ ބޯޓު ލަންކާއަށް ދިޔުން ލަސްކުރަން އެދެފި

7 އޮގަސްޓު 2022 - 10:49 0

އިންޑިއާގެ ޕްރެޝަރު ބޮޑުވެ، ޗައިނާގެ އަސްކަަރީ ބޯޓު ސްރީލަންކާއަށް ކުރަަން ހަމަޖެހިފައިވާ ދަތުރު ފަސްކުރަން ސްރީލަންކާއިން އެދެފި އެވެ.

މެރީންޓްރެފިކް އެނެލިޓިކްސް ވެބްސައިޓުގައިވާ ގޮތުން ޗަައިނާގެ ޖިއާންގްޔިން ބަނދަރުން ފުރައިގެން ޔުއާން ވާންގް 5 ބޯޓު ދަތުރުކޮށް، ލަންކާގެ ހަމްބަންޓޯޓާ ބަނދަރާ ކައިރި ކުރާނީ ބުރާސްފަތި ދުވަހު އެވެ.

އެއީ ދިރާސާ ކުރުމަށް ހާއްސަ ބޯޓެއް ނަމަވެސް އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި ޗައިނާގެ ޖާސޫސީ މަސައްކަތް ވެސް އެ ބޯޓުން ކުރެ އެވެ.

ޗައިނާއިން ލަންކާގައި ބިނާކޮށް، ހިންގަމުންދާ ހަމްބަންޓޯޓާ ބަނދަަރަކީ އަަސްކަރީ ބަނދަރެއްގެ ގޮތުގައި ބޭނުންކޮށްފާނެތީ އިންޑިއާއިން ކަންބޮޑުވެ އެވެ. ޖުމްލަ 1.5 ބިލިއަން ޑޮލަރު ހޭދަކޮށްގެން އެޅި އެ ބަނދަރަކީ އޭޝިއާ އާއި ޔޫރަޕާ ދެމެދުގަައިވާ މައި ޝިޕިން ރޫޓް ކަައިރީގައި އޮންނަ ބަނދަރެކެވެ.

އިންޑިއާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ކުރިން ވިދާޅުވީ ޗައިނާ މަނަވަރުގެ ދަަތުރު އިންޑިއާ ސަރުކާރުން މޮނީޓާ ކުރަމުންދާ ކަމަށާއި އިންޑިއާގެ ސަލާމަތާއި އިގްތިސާދީ މަސްލަހަތު ހިމާޔަތް ކުރާނެ ކަމަށެވެ.

ރޮއިޓާޒް ނޫހުން މީގެ ކުރިން ރިޕޯޓު ކުރި ގޮތުގައި މަނަވަރުގެ ދަަތުރާ މެދު ހިތްހަމަނުޖެހި އިންޑިއާ ސަރުކާރުން ވަނީ ލަންކާ ސަރުކާރަށް ރަސްމީކޮށް ޝަކުވާ ވެސް ހުށަހަޅައިފަ އެވެ.

އޭއެފްޕީއިން ރިޕޯޓު ކުރި ގޮތުގައި ބޯޓު ލަންކާއަށް ދަތުރު ކުރުން ފަސްކުރުމަށް ސްރީލަންކާގެ ފޮރިން މިނިސްޓްރީން ވަނީ ރަސްމީކޮށް އެދިފަ އެވެ. އެކަަން ލިޔުމުން ހުށަަހެޅީ ކޮލޮމްބޯގައި ހުންނަ ޗައިނާގެ އެމްބަސީއަށެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން މިދިޔަ ހަފްތާގައި ބުނީ އެ ގައުމުން ކަނޑު ދަތުރު ކުރުމުގެ ހައްގު ބޭނުން ކުރަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

"ޗައިނާއިން އުއްމީދު ކުރަނީ ޗައިނާގެ ކަނޑުމަތީގެ ސަައިންޓިފިކް ރިސާޗްއާާ ގުޅޭ ކަންކަމަށް ރަނގަޅު ނަޒަރަކުން ބަލައި، ރަނގަޅަށް ރިޕޯޓު ކުރާނެ ކަމަށް. އާދައިގެ މަތިން އަދި ގާނޫނީ އިމުގެ ތެރެއިން ހިންގާ ކަނޑުމަތީގެ އެއްވެސް ހަރަކާތަކަަށް ހުރަސް ނާޅާނެ ކަމަށް އުއްމީދު ކުރަން،" ޗަައިނާ ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ފޮރިން ސެކިއުރިޓީ އެނެލިސްޓުން ބުނާ ގޮތުގައި ޔުއާން ވާންގް 5 މަނަވަރަކީ ޗައިނާގެ އެންމެ ފަހުގެ ސްޕޭސް ޓްރެކިން މަނަވަރެކެވެ. އެ މަނަވަރުން ސެޓެލައިޓާއި، ރޮކެޓް އަދި އިންޓަަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލްތަައް މޮނީޓާ ކުރެވޭނެ އެވެ.

ސްރީލަންކާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް ކުންފުނިން ބުނީ ޔުއާން ވާންގް 5 މަނަވަރު ހަމްބަންޓޯޓާ ބަަނދަރުގައި ހަފްތާއެއް ވަންދެން އޮންނާނެ ކަމަށާއި އެ ދަތުރުގައި "ޖައްވު ޓްރެކް ކުރުމާއި، ސެޓެލައިޓް ކޮންޓްރޯލް ކުރުން" ކުރިއަށް ގެންދާނީ އިންޑިއާ ކަަނޑުގެ ހުޅަނގު އުތުރުގައި ކަމަށެވެ.

ލަަންކާގެ އެންމެ ދެކުނުގައި އޮންނަ ހަމްބަންޓޯޓާ ބަނދަރު ހިންގުން 2017 ވަނަ އަހަރު ޗަައިނާގެ ކުންފުންޏަކާ ހަވާލު ކުރީ، އެ ތަން ހެދުމަަށް ނެގި ލޯނު ނުދެއްކޭތީ 99 އަހަރުގެ މުއްދަތަކަަށެވެ. މީގެ ކުރިން 2014 ވަނަ އަހަރު ވެސް ޗައިނާގެ ސަބްމެރީނެއް އަދި ހަނގުރާމަ މަތީ މަނަވަރެއް ކޮލޮމްބޯ ބަނދަރާ ކައިރިވުމަށް ހުއްދަ ދިނުމުން އިންޑިއާއިން ހިތްހަމަނުޖެހުނެވެ.