Advertisement

ޓީޗަރުންގެ ފެންވަރު ރަނގަޅުކުރަން ކުރާ މަސައްކަތުން އިލްމީ ޖީލެއް ބިނާކުރެވޭނެ: ރައީސް

7 އޮގަސްޓު 2022 - 09:11 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް


ޓީޗަރުންގެ ފެންވަރު ރަނގަޅުކުރަން ކުރާ މަސައްކަތުން އިލްމީ ޖީލެއް ބިނާކުރެވޭނެ: ރައީސް

7 އޮގަސްޓު 2022 - 09:11 0

ރާއްޖޭގެ ތައުލީމީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމުގެ ގޮތުން ޓީޗަރުންގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދި ސޯލިހް ވިދާޅުވެއްޖެ އެވެ.

ދިރާސީ އާ އަހަރު ފެށުމުގެ ގޮތުން މިއަދު ހެނދުނު އަމީނިއްޔާ ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމުގެ ގޮތުން ސަރުކާރުން މަގުތައް ކޮށައިދެނީ ހަމައެކަނި ދަރިވަރުންނަށް ނޫން ކަމަށެވެ.

ޓީޗަރުންނަށް ރަނގަޅު ގޮތްތައް ހޯދައިދެއްވުމާއެކު، ސްކޫލްތަކުގެ އުމްރާނީ ތަރައްގީއަށް ވެސް ގިނަ ކަންތައްތަކެއް ކުރަމުންގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"ޓީޗަރުންނާއި މުދައްރިސުންގެ އިލްމީ ގާބިލުކަން އިތުރުކޮށް، ޓީޗަރުންގެ ފެންވަރު މަތިކުރުމަށް ވެސް މުހިންމު މަސައްކަތްތަކެއް ސަރުކާރުން ގެންދަނީ ކުރަމުން،" ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

އަދި ސަރުކާރުން ކުރާ މި މަސައްކަތްތަކާއެކު ކިޔަވައިދިނުމުގެ ދާއިރާއާ މެދު ޝައުގުވެރިކަން އިތުރުވެ، ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ފަސޭހަވެގެންދާނެ ކަމަށާއި މިކަންކަމުގެ ނަތީޖާއެއްގެ ގޮތުން ދިވެހި ދަރިންނަށް ދޭ ތައުލީމުގެ ފެންވަރު މަތިވެ، އިލްމީ ގޮތުން ކުރިއަރާފައިވާ ޒުވާން ޖީލެއް އުފެއްދުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތް ކާމިޔާބުވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އާ އަހަރުގެ ކިޔެވުން ފަށާއިރު ހިތް ހަމަޖެހުމާއެކު އާ އަޒުމަކާއެކު ކިޔެވުން ފެށުމަށް ރައީސް ވަނީ ދަރިވަރުންނަށް އިލްތިމާސް ކުރައްވާފަ އެވެ.

ސްކޫލަކަށް ހާޒިރުވެ ކިޔެވުމަކީ، ގިނަ ކަންތައްތައް އެކަމުގައި އެކުލެވޭ ކަމެއްކަން ފާހަގަކުރެއްވާ ރައީސް ވިދާޅުވީ ކިޔެވުމުގެ ތެރެއިން، އަހުލާގީ ރިވެތި ސިފަތައް ލިބިގަތުމާއި ފިލާވަޅުތައް ދަސްކުރުމާއި އަދި އޭގެ އިތުރުން ދުޅަހެޔޮ، ހަށިހެޔޮ، ޒިންމާދާރު ކުދިބަޔަކަށް ވުމަކީވެސް މުހިންމު ކަމެއް ކަމަށެވެ.

މީގެ އިތުރުން ރައީސް ވަނީ ސްކޫލުގެ މާހައުލަކީ އުފާވެރި މާހައުލަކަށް ހެދުމަށްޓަކައި އެއްކުއްޖަކު އަނެއްކުއްޖަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފެށިގެން ދާއިރު، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި 271 ސްކޫލެއްގައި ކިޔަވައިދޭނެ އެވެ. އަދި އެ ސްކޫލް މަދަރުސާތަކުގައި 92،000 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލުކުރާއިރު އޭގެ ތެރެއިން ސަރުކާރުގެ 217 ސްކޫލްގައި 76،000 ވުރެ ގިނަ ދަރިވަރުން ކިޔަވަމުން ދާނެ އެވެ.

އަދި 8300 އަށް ވުރެ ގިނަ ޓީޗަރުން އެ ސްކޫލްތަކުގައި ކިޔަވައި ދިނުމުގައި ހަރަކާތްތެރިވަމުންދާނެ އެވެ.