Advertisement

މެސީގެ ދެ ލަނޑާއެކު ޕީއެސްޖީ އަށް ރަނގަޅު ފެށުމެއް

7 އޮގަސްޓު 2022 - 11:00 0


މެސީގެ ދެ ލަނޑާއެކު ޕީއެސްޖީ އަށް ރަނގަޅު ފެށުމެއް

7 އޮގަސްޓު 2022 - 11:00 0

ޕެރިސް (7 އޮކްޓޯބަރު) - ލިއޮނެލް މެސީގެ ދެ ލަނޑާއެކު، ކްލެމޯންޓް އަތުން 5-0 އިން މޮޅުވެ، ޕީއެސްޖީން ފްރާންސް ލީގުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ރަށުން ބޭރުގައި ރޭ ކްލެެމޯންޓާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ފޯވަޑް ކިލިއަން އެމްބާޕޭ އަށް އަނިޔާގެ ސަބަބުން ނުކުޅެވުނު ނަމަވެސް، އޭނާ ނެތްތަނެއް ނުދެއްކި އެވެ. މެސީއާއެކު، ބްރެޒިލްގެ ތަރި ނޭމާ ވެސް ރޭގެ މެޗުގައި ކުޅުނީ ވަރަށް ފޯމުގަ އެވެ.

މެޗުގެ ނުވަ ވަނަ މިނިޓުގައި ޕީއެސްޖީ އަށް ލީޑު ހޯދައިދިނީ ނޭމާ އެވެ. އަދި މެޗުގެ 26 ވަނަ މިނިޓުގައި ނޭމާ ތަނަވަސްކޮށްދިން ފުރުސަތަކުން، ޕީއެސްޖީގެ ދެވަނަ ލަނޑު ޖެހީ އަޝްރަފު ހަކީމީ އެވެ. އަދި ފުރަތަމަ ހާފުގެ ފަހުކޮޅު މާކީނިއޯސް ޕީއެސްޖީގެ ތިންވަނަ ލަނޑު ޖެހިއިރު، މި ލަނޑުގައި ވެސް އެސިސްޓް ހެދީ ނޭމާ އެވެ.

ބާސެލޯނާ ދޫކޮށް މިދިޔަ ސީޒަންގައި ޕީއެސްޖީ އަށް ބަދަލުވި މެސީގެ ދެ ލަނޑު ވެސް ފެނުނީ މެޗުގެ ފަހު 10 މިނިޓުގެ ތެރޭގަ އެވެ. މެޗުގެ 80 ވަނަ މިނިޓުގައި މެސީ ވަނީ ޕީއެސްޖީގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ.

ޕީއެސްޖީގެ ފަސް ވަނަ ލަނޑު މެޗުގެ 86 ވަނަ މިނިޓުގައި މެސީ ކާމިޔާބުކުރިއިރު، މިއީ މުޅި މެޗުގައި ވެސް ފެނުނު އެންމެ ހިތްގައިމު ލަނޑެވެ. ލިއަނާޑޯ ޕަރޭޑެސް ދިން ބޯޅަ މެއިން ކޮންޓުރޯލްކޮށްލުމަށް ފަހު، މެސީ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލީ އޯވަހެޑަކުންނެވެ.

ޕީއެސްޖީގެ އާ ކޯޗު ކްރިސްޓޮފް ގަލްޓިއޭގެ އިރުޝާދުގެ ދަށުން ލީގުގައި ހޯދި މޮޅާއެކު، އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފަ އެވެ.

"މި ޓީމުގައި ހުނަރުވެރި ކުޅުންތެރިންތަކެއް އެބަތިބި. އެކަމާމެދު ޝައްކެއް ނެތް. އެކަމަކު އަހަރެން ބޭނުންވާ ކަމަކީ ބޯޅަ ގެއްލޭއިރު، އަލުން އެ ބޯޅަ ހޯދުމަށް ކުރާ މަސައްކަތް. އިންޓެންސިޓީގައި ކުޅެ، ޓީމެއްގެ ގޮތުގައި ކުރާ މަސައްކަތް ވެސް ފެންނަންޖެހޭ. ޓީމުގެ ފަރާތުން އަހަރެން ބޭނުންވާ ކަންތައްތައް މަޑުމަޑުން އެބަފެނޭ،" ގަލްޓިއޭ ބުންޏެވެ. -- އޭއެފްޕީ