Advertisement

ޓައިވާންގެ މިސައިލް ޕްރޮގްރާމްގެ ވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެ

7 އޮގަސްޓު 2022 - 05:51 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އޫޔާންގް ލީ ހްސިންގް. -- ފޮޓޯ: ލަގަޓަރް24


ޓައިވާންގެ މިސައިލް ޕްރޮގްރާމްގެ ވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެ

7 އޮގަސްޓު 2022 - 05:51 0

ޓަައިވާންގެ މިސައިލް އުފެއްދުމުގެ ޕްރޮގްރާމްގެ އިސްވެރިޔަަކު ކުއްލި ގޮތަކަށް ދިމާވި ހިތުގެ މައްސަލައެއްގައި މަރުވެފައި އޮއްވާ ހޮނިހިރު ދުވަހު ފެނިއްޖެ އެވެ.

އޫޔާންގް ލީ ހްސިންގްއަކީ ނޭޝަނަލް ޗުންގް ޝާން އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ ނައިބު ރައީސެވެ. އޭނާ ޓައިވާނުގެ ދެކުނަށް ދިޔައީ މަސައްކަތު ދަތުރެއްގަ އެވެ.

އެ އިންސްޓިޓިއުޓުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އޫޔާންގް މަަރުވެފައި އޮއްވާ ފެނުނީ ހޮނިހިރު ދުވަހުގެ ހެނދުނު ޓައިވާންގެ ޕިންގްޓުންގް ކައުންޓީގެ ހެންގްޗުންގެ ހޮޓަލެއްގައި ކަމަށެވެ.

ފޮރެންސިކް ތަހުލީލުތަކުން އެނގުނު ގޮތުގައި އޭނާ މަރުވީ ހިތުގެ މައްސަލައެއް ދިމާވެގެންނެވެ.

މިސައިލް އުފެއްދުމުގެ ޕްރޮގްރާމްގެ އިސްވެރިޔަކަށް އޫޔާންގް ހަމަޖެއްސީ މި އަހަރުގެ ކުރީކޮޅުގަ އެވެ. އޭނާގެ ޒިންމާއަކީ އެކި ބާވަތުގެ މިސައިލް އުފެއްދުން ސުޕަވައިޒް ކުރުމެވެ.

އޫޔާންގް މަރުވެފަައިވާ އިރު، މި ދަނޑިވަޅުގައި ޗައިނާއިން އަަންނަނީ ޓައިވާން ވަށާލައި އަސްކަަރީ ތަމްރީންތައް ހިންގަމުންނެވެ. އެއީ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް ނޭންސީ ޕެލޯސީ މިދިޔަ ހަފްތާގައި ޓައިވާނަށް ކުރެއްވި ދަތުރާ ގުޅިގެން ޗައިނާއިން ފެށި ތަމްރީނެކެވެ.

ޓައިވާން މަތިން ހުކުރު ދުވަހު ގިނަ އަދަދެއްގެ މިސައިލް ފޮނުވި ކަމަށް ޗަައިނާއިން ބުނެ އެވެ. އެކަމަކު އެކަމާ ގުޅޭ ގޮތުން ޓައިވާނުން ވަކި އެއްޗެއް ނުބުނެ އެވެ.

ޗައިނާއިން ދެކޭ ގޮތުގައި ޓައިވާނަކީ އެ ގައުމުގެ ޕްރޮވިންސެކެވެ. އެކަމަކު ޓައިވާން ސަރުކާރުން ދެކެނީ އެއީ ވަކި މިނިވަން ދައުލަތެއް ކަމަށެވެ.

ޗައިނާގެ އަސްކަރީ ނުރައްކާ ބޮޑުވަމުންދާ ކަމަށް ފެންނާތީ ޓައިވާނުން ވެސް މަސައްކަތް ކުރަނީ މިސައިލް އުފެއްދުން އިތުރުކޮށް، އަސްކަރީ ބާރު ވަރުގަދަ ކުރުމަށެވެ.