Advertisement

އިޒްރޭލުގެ ހަމަލާތައް ކުރިއަށް، މަރުވި މީހުންގެ އަދަދު 15 އަށް

7 އޮގަސްޓު 2022 - 08:06 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިޒްރޭލުން ގާޒާއަށް ހަމަލާދީފައި. -- ފޮޓޯ: އޭއެފްޕީ


އިޒްރޭލުގެ ހަމަލާތައް ކުރިއަށް، މަރުވި މީހުންގެ އަދަދު 15 އަށް

7 އޮގަސްޓު 2022 - 08:06 0

ހުކުރު ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ ގާޒާއިން މަރުވި މީހުންގެ އަދަދު 15 އަށް އަރައިފި އެވެ.

ފަލަސްތީނުގެ ޓެރަރިސްޓުންނާ ދެކޮޅަށް ކަމަށް ބުނެ ހުކުރު ދުވަހު އިޒްރޭލުން ޕަލަސްތީނިއަން އިސްލާމިކް ޖިހާދް (ޕީއައިޖޭ) ގެ ކޮމާންޑަރަކު މަރާލި އެވެ.

އިޒްރޭލުން ހަމަލާދެމުން ދިޔަ ނަމަވެސް ގާޒާގައި ވެރިކަން ކުރާ ހަމާސް ގްރޫޕުން މިހާތަނަށް ރައްދުގައި އެއްވެސް ކަމެއް ނުކުރެ އެވެ.

ފާއިތުވި 15 އަހަރު އިޒްރޭލާއި ހަމާސްއާ ދެމެދު ހަތަރު ހަނގުރާމަކޮށް، ދޭތެރެ ދޭތެރެއިން ހަމަލާ ބަދަލުކޮށްފައިވެ އެވެ. ކޮންމެ ފަހަރަކު ވެސް ފަލަސްތީނުގެ ގިނަ ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބެ އެވެ.

ހޮނިހިރު ދުވަހު ވެސް އިޒްރޭލުން ގާޒާއަށް ގިނަ ވައިގެ ހަމަލާތައް ދިނެވެ. އެގޮތުން ޕީއައިޖޭގެ މެމްބަރެއްގެ ގެޔަކަށް ދެ ބޮން ވައްޓާލީ، އާއްމުން ދުރަަށް ދިޔުމަށް އިންޒާރު ދިނުމަށް ފަހު ކަމަަށް އިޒްރޭލުން ބުނެ އެވެ.

އިޒްރޭލުން ބުނީ ޕީއައިޖޭގެ މެމްބަރުންނަށް ހަމަލާ ދޭން ފެށީ އެ ގްރޫޕުން އިޒްރޭލަށް އިންޒާރު ދިނުމުން ކަމަށެވެ. ޕީއައިޖޭއިން އިޒްރޭލަށް ބޮމުގެ ހަމަލާ ދޭނެ ކަމަށް އިންޒާރު ދިނީ އެ ގްރޫޕުގެ އިސް މެމްބަރަކު ހުޅަނގު އައްސޭރިން ހައްޔަރު ކުރުމުންނެވެ.

ޕީއައިޖޭގެ އިސްވެރިޔެއް ކަމުގައިވާ ބާސިމް ސާދީ ހުޅަނގު އައްސޭރީގައި ހުއްޓައި އިޒްރޭލް ފުލުހުން އޭނާ ހައްޔަަރު ކުރީ މިދިޔަ ހޯމަ ދުވަހުގަ އެވެ.

އިރާނުގެ އެއްބާރުލުމާ އެކު ހިންގ ޕީއަައިޖޭގެ މައި އޮފީސް ހުންނަނީ ސީރިއާގެ ޑިމިޝްކުގަ އެވެ. އެއީ ގާޒާގެ އެންމެ ވަރުގަދަ އެއް ހަތިޔާރު އެޅި ގްރޫޕެވެ.

އިޒްރޭލާއި ޕީއައިޖޭއާ ދެމެދު ނޮވެމްބަރު 2019 ގައި ފަސް ދުވަހުގެ ހަނގުރާމައެއް ކުރި އެވެ. އެ ފަހަރު ހަމަލާތައް ފެށީ އިޒްރޭލުން ޕީއައިޖޭގެ އިސްވެރިޔަކު މަރާލުމުންނެވެ.

އޭރު ކުރި ހަނގުރާމައިގައި ފަލަސްތީނުގެ 34 މީހުން މަރުވެ، 111 މީހުންނަށް އަނިޔާވި އެވެ. އަދި އިޒްރޭލުގެ 63 މީހުންނަށް ވެސް އަނިޔާވި އެވެ.